ދުނިޔެ

ބަންގްލަދޭޝް: 100 އަށް ވުރެ ގިނަ ޑްރަގް ޑީލަރުން އަމާންދީފި

Feb 17, 2019
1

ޑާކާ (ފެބްރުއަރީ 17) - ބަންގްލަދޭޝް ސަރުކާރުން މަސްތަކުވާތަކެތި ހުއްޓުވުމާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ދަށުން ދީފައިވާ ފުރުސަތުގެ ބޭނުންހިފައި، އެ ގައުމުގައި އުޅޭ 100 އަށް ވުރެ ގިނަ ޑްރަގް ޑީލަރުން އަމިއްލައަށް އަމާންދީ ފުލުހަށް ހާޒިރުވެއްޖެ އެވެ.

މިދިޔަ މެއި މަހުން ފެށިގެން، ސަރުކާރުން ހިންގަމުންދާ ހަރުކަށި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ގާތްގަނޑަކަށް 300 މީހުން މަރާލާފައިވާއިރު، 25،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އިއްޔެ ބޭއްވި ހަފްލާއެއްގެ ތެރެއިން އަމިއްލައަށް އަމާންދީ ފުލުހަށް ހާޒިރުވި މީހުންނަކީ، ކުށުގެ ވެށިން ނުކުމެ އާންމު މުޖުތަމައުއަށް ނުކުންނަން ބޭނުންވާ މީހުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އަމިއްލައަށް ފުލުހަށދިޔަ މީހުންނަށް އާދައިގެ ދިރިއުޅުމެއް އުޅެން ދެވަނަ ފުރުސަތެއް ލިބޭނެ ކަމަށް އެ ހަފްލާގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި ހޯމް މިނިސްޓަރު އައްސަދުއްޒަމާން ޚާން ވަނީ ވިދާޅުވެފަ އެވެ.

އެގައުމުގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޖާވިދު ޕަތުވާރީ ވިދާޅުވީ، އެމީހުންގެ އަދަބު ލުއި ކުރުމަށް ފުލުހުންގެ ފަރާތުން މަސައްކަތްކޮށްދޭނެ ކަމަށެވެ.

ނަމަވެސް، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި މުއްސަނދިކަމުގެ އިތުރުން، އެމީހުން ކޮށްފައިވާ އެކިއެކި ކުށްތައް ތަހުގީގުކޮށް އަދަބު ދޭނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދިފައި އެވެ.

އަމާން ނުދިން މީހުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައި، އިންސާފުގެ ކުރި މައްޗަށް ގެންނާނެކަމުގެ އިންޒާރުވެސް ފުލުހުން ދިނެވެ.