މެންޗެސްޓާ ޔުނައިޓެޑް

ތާރީހީ ހަނދާންތަކާއެކު ފާގަސަން ޔުނައިޓަޑްގެ ބެންޗަށް

މެންޗެސްޓާ ޔުނައިޓަޑުން، ރަން ތިން ތަށި ހޯދި ކާމިޔާބަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުޅޭ ހާއްސަ މެޗުގައި، ޔުނައިޓަޑްގެ ޓީމަށް އިރުޝާދު ދޭން ކުރީގެ ކޯޗް، އެލެކްސް ފާގަސަން އައުމަށް ހަމަޖެހިފައިވާ ކަމަށް ޔުނައިޓަޑުން ބުނެފި އެވެ.

ބަޔާން މިޔުނިކާ ދެކޮޅަށް ކުޅޭ ހާއްސަ މެޗު ވެގެންދާނީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ ޔުނައިޓަޑްގެ ސަޕޯޓަރުންނަށް ހާއްސަ އުފަލެއް ލިބިގެންދާ މެޗަކަށެވެ. ޔުނައިޓަޑަށް 2013 ވަނަ އަހަރުގެ ޕްރިމިއާ ލީގް ހޯދައިދިނުމަށް ފަހު ފާގަސަން އެ ޓީމުން ވަކިވެގެން ދިޔަ ފަހުން އެއްވެސް މެޗެއްގައި މިހާތަނަށް ބެންޗުގައި ޓީމަކަށް އިރުޝާދު ދީފައެއް ނުވެ އެވެ. މިއީ އޭގެ ފަހުން އޭނާ ބެންޗަށް އަންނަ ފުރަތަމަ މެޗެވެ.

"ފާގަސަން އަންނަ ވާހަކަ ބުނީމަ ގައިން ހީބިހި ނަގައިގެން ދިޔަ،" ރާއްޖޭގެ މެންޗެސްޓާ ޔުނައިޓަޑްގެ ސަޕޯޓަރަކު ބުންޏެވެ. ފާގަސަންއަކީ މުޅި އިނގިރޭސި ފުޓްބޯޅަ ބަދަލު ކުރި މާސްޓާމައިންޑެވެ. އޭނާ ޔުނައިޓަޑް ދޫކޮށްލުފަހު އަދި މިހާތަނަށް، ޕްރިމިއާ ލީގް އެ ޓީމަށް ލިބިފައެއް ނުވެ އެވެ.

ފާގަސަންގެ އެންމެ ރަން ޒަމާނުގައި، އެ ޓީމުން ވަނީ، 1999 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގާއި، ޗެމްޕިއަންސް ލީގްގެ އިތުރުން އެފްއޭކަޕުވެސް ކާމިޔާބު ކޮށްފަ އެވެ. މިއީ އިނގިރޭސި އެހެން އެއްވެސް ޓީމަކަށް މިހާތަނަށް ލިބުނު ޝަރަފެއް ނޫނެވެ. އެ ފަހުރުވެރި ކާމިޔާބަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ކުޅޭ ހާއްސަ މެޗު އޮންނާނީ މެއި 26 ގައެވެ.

އެ ތާރީހަކީ، އެ އަހަރުގެ ޗެމްޕިއަންސް ލީގް ފައިނަލު ކުޅުނު ދުވަހެވެ. އެފްސީ ބާސެލޯނާގެ މަޝްހޫރު ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުން، ބަޔާން މިޔުނިކްގެ މައްޗަށް ޔުނައިޓަޑް ކާމިޔާބު ހޯދީ 2-1 ންނެވެ. ޔުނައިޓަޑްގެ ލަނޑުތައް ކާމިޔާބު ކުރީ، ޓެޑީ ޝެރިންގަމް އާއި އެ ޓީމަށް މިހާރުގެ ޚޯޗް ގެންދާ އޮލާ ގަނާ ޝޮލްސަޔާ އެވެ.

ޔުނައިޓަޑްގެ ދަނޑު އޯލްޑްޓަރަފާޑްގައި، ފާގަސަން ކޯޗުކޮށްދޭ ހާއްސަ މެޗުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައި ވަނީ މެންޗެސްޓާ ޔުނައިޓަޑްގެ ފައުންޑޭޝަނަށެވެ.

"އެދުވަހު އޯލްޑްޓްރަފާޑްގައި އޮތް ހާއްސަކަންކަން ދެކިލަން އަހަރެމެން މިހިރީ ވަރަށް ބޭނުން ވެފައި،" ޔުނައިޓަޑްގެ ވެބްޒައިޓަށް ދިން އިންޓަވިއުގައި ފާގަސަން ބުންޏެވެ. "އެ މެޗުން ކުރީގެ އެކުވެރިންނާ ބައްދަލުވާން ފުރުސަތު ލިބުމަކީ ވަރަށް ހާއްސަ އުފަލެއް، އަދި މެންޗެސްޓާ ޔުނައިޓަޑް ފައުންޑޭޝަނަށް އެހީވާން ލިބުމަކީ ވަރަށް ބޮޑު ފުރުސަތެއް."

ފާގަސަން، ޔުނައިޓަޑަށް އެންމެ ފަހުން ކޯޗު ކޮށްދިން މެޗަކީ ވެސްޓްބްރޯމްއާ ދެކޮޅަށް މެއި 2013 ގައި ކުޅުނު މެޗެވެ. އެ މެޗު ނިމުނީ 5-5 ން އެއްވަރު ވެގެންނެވެ.