ވިޔަފާރި

މީހުން ބިނާ ކުުރުމުގެ ރޮނގުން ބީއެމްއެލްއަށް ބޭރުގެ އެވޯޑެއް

Feb 17, 2019

މީހުން ބިނާކޮށް ތަމްރީން ދިނުމުގެ ރޮނގުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ރާއްޖޭން ބޭރުގެ ޝަރަފުވެރި އެވޯޑެއް ދީފި އެވެ.

އެ ބޭންކަށް ލިބުނީ ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އިން ދޭ "އެކްސެލެންސް އިން ޓްރައިނިން އެންޑް ޑިވެލޮޕްމަންޓް އޭން އޯވަރއޯލް އެވޯޑް ފޯ ބެސްޓް ރިސަލްޓްސް ބޭސްޑް ޓްރެއިނިން" އެވެ. މި އެވޯޑް ގައުމީ ބޭންކަށް ދީފައިވަނީ އިންޑިއާގެ މުމްބާއީ ގައި ރޭ ބޭއްވި ހަވަނަ ގްލޯބަލް ޓްރެއިނިން އެންޑް ޑިވެލޮޕްމެންޓް ލީޑަޝިޕް އެވޯޑްސް ހަފްލާގަ އެވެ.

މި ހަފްލާގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 500 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި އެވެ.

މި އެވޯޑް ބީއެމްއެލް އަށް ދިނުމުގައި މުވައްޒަފުން ތަމްރީނު ކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ގެންގުޅޭ ސިޔާސަތުތަކާއި އަޅާ ފިޔަވަޅުތައް ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބޭންކުގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ކޮންމެ މަހަކުވެސް ތާވަލްކޮށްގެން ތަމްރީން ދެއެވެ. އަދި މަސައްކަތްކުރާ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ މުވައްޒަފުންނަށް "ކިޔަވަމާ" ޕްރޮގްރާމާއި ބޭންކިން ދާއިރާގެ އިލްމާއި ހުނަރު ބޭނުންވާ މީހުންނަށް "ބީއެމްއެލް ރިވެލި" ޕްރޮގްރާމެއް އޮވެ އެވެ.

މުވައްޒަފުން ބިނާކުރުމަށާއި ރަނގަޅު ކެރިއަރެއް ހޯދައިދުނުމަށް ބޭނުންވާ ތަމްރީނާއި އެކަށޭނެ ވަޒީފާގެ މާހައުލެއް ގާއިމްކޮށްދޭން ބީއެމްއެލް މަސައްކަތް ކުރެ އެވެ.

ބޭންކަށް ލިބުނު އެވޯޑާ ބެހޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ އެފަދަ އެވޯޑް ލިބުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް އަދި އުފަލެއް ކަމަށެވެ.

"މި އެވޯޑުން ދައްކުވައިދެނީ މުވައްޒަފުން ކުރިއެރުވުމަށާ އަދި ދެމެހެއްޓެނެވި ގޮތެއްގައި ތަމްރީނުދިނުމާއި މުވައްޒަފުން ބިނާކުރުމުގައި ބޭންކުން ގެންގުޅެމުންދާ ސިޔާސަތުތައް. ވަޒީފާއަށް އެންމެ އެކަށޭނެ، ހީވާގި އަދި އުފަލާއެކު ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށްޓަކައި މި ފުރުސަތުގައި ހިއުމަން ރިސޯސަސް ޓީމަށާއި ބޭންކުގެ ހުރިހާ މެނޭޖަރުންނަށް ޝުކުރު އަދާކުރަން،" ސަހާ ވިދާޅުވި އެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި ވެސް ހިމެނޭ އެއް ކުންފުންޏެކެވެ. އަދި ބޭންކުގެ މުވައްޒަފުންގެ ބޮޑު ނިސްބަތަކީ ދިވެހިންނެވެ. މުވައްޒަފުންގެ ކަންކަމުގައި ބޭންކުން ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުން ބިނާކުރުމުގައި ގެންގުޅޭ އުސޫލްތަކާ ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ޖެހިޖެހިގެން ދެ އަހަރު ހޯދާފައިވެ އެވެ.