ބައެއް ދާއިރާތައް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލަން ނިންމެވީ އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ލިބެން ބޭނުންފުޅު ނުވާތީ ކަމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ ޕާޓީގެ ޓިކެޓް ދިން ބައެއް ބޭފުޅުންގެ އަތުން ޓިކެޓް އަނބުރާ ނަންގަވާފަ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި ޖަމީލް އުސްމާނާއި އަބްދުﷲ މަސީހު ވެސް ހިމެނެ އެވެ. ރައީސް ޔާމީން އަންގަވައިގެން ދަގަނތި ދާއިރާއަށް ވާދަ ކުރައްވާ މައުމޫން އަބްދުލްސަމަދާއި އެ ޕާޓީގެ އެސްޖީއަކަށް ހުންނެވި އަބްދުލް މަތީން ވެސް ވަނީ ޓިކެޓް ދޫކޮށްލަވާފަ އެވެ.
މައުމޫން އާއި މަތީން ވަނީ ޕީޕީއެމްގެ އެ ނިންމުމާ ހިތްހަމަ ނުޖެހި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ވެސް ނިންމަވާފަ އެވެ. ބައެއް ދާއިރާތައް ދޫކޮށްލައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ޕީޕީއެމްގެ ތާއިދު ދިނުމަށް ނިންމާފައިވާތީ ބައެއް ބޭފުޅުންގެ ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ.
މާވަށު ދާއިރާއަށް ރައީސް ޔާމީންގެ ތާއިދާއެކު ވާދަ ކުރައްވައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ކެމްޕެއިން ފެށުމަށް ބޭއްވި ހަފުލާއަށް ފޯނު ގުޅުއްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް ބައެއް ދާއިރާތައް ދޫކޮށްލެއްވުމުން އޭގެ ހިތްދަތިކަން އުޅޭނެ ކަން ގަބޫލު ކުރައްވާާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫން އަދި ޕީޕީއެމްއިން އެއް ދާއިރާއަކަށް ކެންޑިޑޭޓުން ނެރޭނަމަ، އެމްޑީޕީއަށް އެ ދާއިރާއެއް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށެވެ. ބައެއް ދާއިރާތައް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލީ އެހެންވެ ކަމަށް ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީއާ އަޅުގަނޑުމެންނާ ދެ ބައި މީހުން އެއް ދާއިރާއަކަށް ވާދަކޮށްފައި އަދި އެ ތަންތަނަށް ރައީސް މައުމޫންގެ ފަރާތުން ވެސް ވާދަ ކުރީމަ އެ ގޮނޑި އެމްޑީޕީއަށް ގެއްލުމުގެ ފުރުސަތު ބޮޑުވެގެން ދަނީ، އެހެންވީމަ އަޅުގަނޑުމެން ބައެއް ދާއިރާތައް ދޫކޮށްލުމަށް ނިންމީ، އެނގޭ އޭގައި ހިތްދަތިކަން އެކި ހިސާބުތަކުގައި އުޅޭނެކަން،" ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްއިން ބައެއް ދާއިރާތައް ދޫކޮށްލާފައިވާއިރު، ޖުމްހޫރީ ޕާޓީއިން ވެސް ވަނީ ބައެއް ދާއިރާތައް ޕީޕީއެމްއަށް ދޫކޮށްލަން ނިންމާފަ އެވެ. އޭގެ ތެރޭގައި މަހިބަދޫ ދާއިރާ ހިމެނެ އެވެ.