ހަބަރު

މަޖިލިސް އިންތިހާބުގެ މަޝްވަރާތައް އަދާލަތާ އެކު ކުރިއަށްދޭ: އެމްޑީޕީ

އަންނަ މަޖިލިސް އިިންތިހާބާއި ގުޅޭ ގޮތުން އަދާލަތު ޕާޓީއާއެކު އަދިވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި އެކަމުގައި އެއްބަސްވުމަކާއި ހަމަޔަށް ވަރަށް އަވަހަށް އާދެވޭނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އެމްޑީޕީ އިން ބަންދު ނޫން ކޮންމެ ދުވަހަކު ސިލްސިލާކޮށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް މިއަދު ވިދާޅުވީ، އެމްޑީޕީ މިހާރުވެސް ދަނީ މަޖިލިސް އިންތިހާބާ ގުޅޭގޮތުން އަދާލަތު ޕާޓީއާއެކު މަޝްވަރާ ކުރަމުން ކަމަށެވެ. އަދި ވަރަށް އަވަހަށް އެއްބަސްވުމަކާއި ހަމައަށް އާދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ، އާދަލަތު ޕާޓީއާއެކު މަސައްކަތްކޮށް، މަޝްވަރާ ކުރުމަކީ އެމްޑީޕީއަށް ވަރަށް ފަސޭހަ ކަމެއް ކަމަށާއި އަދާލަތު ޕާޓީއަކީ ވަރަށް ރޭވުންތެރިކަމާއި ހިންގުންތެރިކަމާއެކު ވަރަށް ރަނގަޅު އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރަމުން ގެންދާ ޕާޓީއެއް ކަމަށެވެ. އަދި އެއްބަސްވުމުގެ ތަފްސީލް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހިއްސާ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއާއެކު ނިކުންނަން އަދާލަތު ޕާޓީ އިން ހުށަހެޅި އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުން އެކަމާމެދު މަޝްވަރާކޮށް ބައެއް ދާއިރާތައް ދޫކޮށްލަން ނިންމި ނަމަވެސް އެދާއިރާތަކުގެ އެމްޑީޕީ ކެނޑިޑޭޓުން އެއްބަސް ނުވުމާއި ގުޅިގެން އެމްޑީޕީ އިން ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމި އެވެ. ނަމަވެސް އޭރުވެސް މަޝްވަރާތައް ހުއްޓާނުލާކަމަށް އެމްޑީޕީއިން ވަނީ ބުނެފަ އެވެ.

އެމްޑީޕީ އިން ވަނީ 86 ދާއިރާއަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ފޯމްތައް އީސީއަށް ހުށަހަޅާފަ އެވެ. އަދި އެފޯމްތައް އީސީ އިން ވަނީ މިހާރު ބަލައިގެންފަ އެވެ. އަދި އަދާލަތުންވެސް ވަނީ އަށް ދާއިރާއަކަށް ވާދަ ކުރަން ނިންމައި ޓިކެޓް ހަވާލުކޮށްފަ އެވެ.

މަޖިލިސް އިންތިހާބުގެ ކެނޑިޑޭސީ ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަހެވެ. މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.