ވާހަކަ

އީޝަލް

(14 ފެބްރުއަރީ 2019 އާ ގުޅޭ)

"ފަހުން..." ދުރުގައި އިން ރައުލް ލޮލުގެ އިޝާރާތުން ދައްކާލަމުން ބޭރީތު ބުންޏެވެ. އެއާއެކު ލާވީ ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.

ސުފުރާ ދޮށުގައި ބޭރީތުގެ ޢާއިލާނޫން ބަޔަކަށް ހަމައެކަނި ތިބީ ލާވީއާއި ރާވިންއެވެ. މެދުގައި ބޭރީތާއި ކަސްދިޔާ އިނެވެ. ކަސްދިޔާއާ ޖެހިގެން އޭނާގެ ދެ ދަރިންކަމަށްވާ ޒަގަންއާއި ހަގު ދަރިފުޅު ހަތޯރު އިނެވެ. ރައުލް އިނީ ބޭރީތާއި ޖެހިގެން ވައަތްފަރާތުގައެވެ. ދާރިއުސް އިނީ ރައުލްގެ ގާތުގައެވެ. އެ މީހުންނާ ކުރިމަތިވާނޭހެން ރާވިންއާއި ލާވީގެ އިތުރުން ސޭމެސް އިނެވެ. ބޭރީތުގެ ކުޑަ ދަރިއެއް އުނގަށް ލައިގެން މަދުރާ އިނީ ދާރިއުސްގެ ގާތުގައެވެ. އެ ސުފުރާގައި މަދުރާ ބައިވެރިނުކުރަން ވަރަށް ދުވަހު ކަސްދިޔާ މަސައްކަތްކުރިއެވެ. ނަމަވެސް ބޭރީތުގެ ދަރީން ބެލެހެއްޓުމުގައި މަދުރާއަކީ ކުޅަދާނަ ހިވާގި އަންހެނެކެވެ. މަދުރާއާ ބޭރީތު ކައިވެނި ނުކުރި ނަމަވެސް އޭނާއަކީ ބޭރީތުގެ ހިތުން ޚާއްޞަ މަޤާމެއް ދެވިފައިވާ އަންހެނެކެވެ. އެހެންވެ ކަސްދިޔާގެ ނުފޫޒު ބޮޑުވި ނަމަވެސް މަދުރާއާ މެދު ބޭރީތުގެ ޢަމަލުތައް ބަހައްޓަމުން އައީ އަނތްބަކާމެދު ބަހައްޓާ އުސޫލުންނެވެ. ހުރިހާ ދަރީންނާއި އަނބިންނާއެކު އެއްސުފުރާއެއް ދޮށުން ބައްދަލުކުރާއިރު އެތަނުގައި މަދުރާއަށް ވެސް ފުރުޞަތު އޮންނާނޭކަން ބޭރީތުވަނީ ކަސްދިޔާއަށް އަންގާފައެވެ.

ނާސްތާގެ ކަންކަން ނިންފާއި ބޭރީތާއި ލާވީ އެކުގައި ދަރުބާރަށް ނުކުތެވެ. ސުފުރާ ދޮށުން އެންމެން ބައިބައިވެ އެކި ދިމާއަށް ގޮސް ގެއްލިއްޖެއެވެ. އެތަނަށް އައީސުރެން ކަސްދިޔާގެ ނަޒަރު ހުއްޓިފައި ހުރީ ރައުލްއަށެވެ. އޭނާއާއެކު ރާވިންއާއި ސޭމެސް އަދި ދާރިއުސް ވެސް ހިނގައިގަތެވެ. އެ މީހުންނާ ބައިވެރިވާން ހަތޯރު ދާން އުޅުމުން އެކަމަށް ކަސްދިޔާ ހުރަސް އެޅިއެވެ.

"އިހަށް މަންމައާއެކު އާދެބަލަ؟" ކަސްދިޔާ ބުންޏެވެ. އޭނާގެ ގާތުގައި އޭރު ޒަގަން ވެސް ހުއްޓެވެ.

"ކީއްކުރަންތަ މަންމާ" ހަތޯރު ބުނެލީ ފަރުވާކުޑަ ގޮތަކަށެވެ. އޭނާ އެ ހުރީ ރައުލްއާއެކު ދާން ބޭނުންވެފައެވެ. ނުކުމެގެން ދިޔަ ރައުލް ވެސް ފަސްއެނބުރި ބަލާލިއެވެ.

"މަންމައާ ވާހަކަދައްކަންވެއްޖެއްޔާ ހަތޯރަށްވާނީ ބޮޑުކަމަކަށް، ތި އައީ ކިހާ ދުވަހަކު އަހަރެމެންނާ ދުރުގައި އުޅެފައި... މިހުރީ ހަތޯރުގެ އެއްބަނޑުއެއްބަފާ ބޭބެ، ކީއްވެތަ ޒަގަންއާއެކު ނޫޅެނީ... ހަތޯރަށް މާ ފައިދާ ވެސް ވާނެ" ކަސްދިޔާ ބުންޏެވެ.

"ރައުލްއާ އެއްކޮށް އުޅުމުން ކޮބާތަ މައްސަލައަކީ؟... އެއީ ވެސް އަޅުގަނޑުގެ ބޭބެއެއް، ބައްޕަގެ ދަރިއެއް" ހަތޯރު ބުންޏެވެ.

"އޭނާ ދަރިފުޅަށް ރަނގަޅު ގޮތެއްވިޔަކަ ނުދޭނެ" ފޫހިކަމާއި އެއްވަރަށް ނުރުހުމުގެ އަސަރު ކަސްދިޔާގެ މޫނުން ފާޅުވިއެވެ.

"މަންމަ ވަކި އެދެންތަ ރައުލްއަށް ރަނގަޅުގޮތެއްވާން" ހަތޯރު މިފަހަރު ބުނެލީ މަޑުމަޑުންނެވެ.

"ދަރިފުޅާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން މަންމަ ބޭނުންވުމަކީ ކުށެއްތަ؟ އެވެސް ދުރުގައި ހުރެފައި އައުމުން" ކަސްދިޔާ ވެސް މިފަހަރު ދެރަވާކަމަށް ހެދުނެވެ.

"ހިނގާބަލަ މަންމަ ބޭނުންވާތަނަކަށް... ތި ދައްކާ ވާހަކައެއް މިހުރީ އަޑު އަހާށޭ" ކަސްދިޔާއާ އިތުރަށް ދެބަސްނުވާން ހަތޯރު ބުންޏެވެ. ކަސްދިޔައާ އައިސް ހަތޯރުގައި މުލައްދަނޑީގައި ހިފާލައި ކުރިއަށް ހިނގައިގަތެވެ. ޒަގަން ގާތުގައި އޭނާ ގޮވާލުމުން އަޑުއިވޭ ހިސާބުގައި ހުރުމަށް ކަސްދިޔާ ބުނެލިއެވެ.

ކަސްދިޔާގެ ސުވާލުތަކަށް ހަތޯރު ޖަވާބުދެމުންދިޔައެވެ. އިތުރަށް ބުނާނޭ އެއްޗެއް ނެތުމުން ހަތޯރު ގާތު އެނބުރި ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ކަސްދިޔާ ބުންޏެވެ. ހަތޯރު ގެއްލުމުން ކަސްދިޔާ ޒަގަންއަށް ގޮވާލިއެވެ. އެހިނދު އޭނާގެ ކުރިމައްޗަށް ޒަގަން ފާޅުވިއެވެ.

"އަޑުއެހިންތަ؟" ކަސްދިޔާ އަހާލިއެވެ. އެއާއެކު ޒަގަން ބޯޖަހާލިއެވެ.

"ހިތަށް އެރި އެ ދިޔަ ގޮތަށް ދެން އެނބުރި ނައިނަމައޭ" ކަސްދިޔާ ބުނެލިއެވެ.

"ހެ..ހެ..ހެ... އެމީހުން ވީތަނެއް ބަލަން ސުވާލުކުރީ ވެސް މަންމައެއްނު" ޒަގަން ހިނިއައިސްފައި ހުރެ ބުންޏެވެ.

"އޭނާއާއެކު ހަތޯރު ދިޔަކަން އެނގުނީމަ އެހާވަރުން އުޅުނީ... ޒަގަން، މަންމައަށް ހީވަނީ މިހާރުދެން ޒަގަން ވެސް މީހަކާ އިންނަން ވެއްޖެހެން، ބޭރީތު އެއުޅެނީ ރައުލްގެ ކައިވެނި ހަމަޖައްސަން، އޭނާއަށް ބޭރީތު ދޭ ސަމާލުކަން ފެނެއެއްނު" ޒަގަންއާ ދިމާއަށް ކަސްދިޔާ ބަލާލިއިރު އޭނާގެ މޫނުގައިވީ ނުތަނަވަސްކަމެވެ.

"ކިހިނެއް އެނގެނީ ބައްޕަ އެ އުޅެނީ ރައުލްގެ ކައިވެނި ހަމަޖައްސާފައި އެ ޖިންނީންގެ ތެރެއަށް ފޮނުވާލަން ނޫންކަމެއް، އޭރުން މަންމަ ބޭނުން ކަންތައްވީއެންނު" މޭފުއްޕާލައިގެން ދެއަތް އުރާލައިގެން ހުރެ ޒަގަން ވާހަކަދެއްކިއެވެ.
"ބޭރީތު އެހެން ކަންތައްކުރިއްޔާ ނޫނީ ނޭނގޭނެ ބުނާކަށް" ކަސްދިޔާ ބުންޏެވެ.

* * * * *

ރައުލްގެ ކަންފަތުގައި ލާވީ ގޮވާލި އަޑު ޖެހުނެވެ. އެއާއެކު އޭނާގެ ގާތުގައި ތިބި މީހުންނަށް ބަލާލައި ދާން ޖެހިއްޖެކަމުގައި ބުންޏެވެ. ދަރުބާރުގެ ބޭރުގައި ލާވީ ހުއްޓައި އެތަނަށް ރައުލް އައެވެ. އޭނާ ފެނުމާއެކު ބޭރީތުގެ ގާތަށް ދާންވީ ކަމުގައި ލާވީ ބުންޏެވެ. ލާވީއާއެކު އެ މީހުންގެ ގަނޑުވަރު ހުރި ހިސާބަށްވުރެ ވެސް ކަނޑުގެ އަޑިއަށް ފީނިއެވެ. އަދި ފަރުބަދައެއް ކަނޑައިގެން ގޮސް އެއްފަޅީގައި މުރަކައިގެ ބަގީޗާއެއް ހެދިފައި އޮތް ތަނަކަށް ލާވީއާއެކު ރައުލް އައެވެ. ދެފަރާތުން އުސްކޮށް ހެދިފައި ހުރި ގައުގަނޑުގެ ތެރެއިން އަޑިއަށް އޮތީ އަނދިރިކަން ވެރިވެފައެވެ. އެ އަނދިރިގަނޑަށް ލާވީ ފައިބާ އެތަނުގައި ހުރި ހިރިގައުގަނޑެއްގެ އެޅިފައި ހުރި ކުޑަކުޑަ ލޯވަޅެއްގެ ތެރެއަށް އޭނާ ވަނީ ރައުލް ގޮވައިގެންނެވެ. އެތެރެއަށް ވަދެގެން ވަކި ހިސާބަކަށް އާދެވުނު ތަނާ އަލިކަން ފާޅުވެއްޖެއެވެ. އަދި ވަށައިގެން ބެދިފައި ހުރި ކޮޓަރިއެއްގެ ތެރޭގައި ބޭރީތު ހުއްޓެވެ. ރައުލް ފެނުމުން ހިނިތުންވެލުމާއެކު ގާތަށް އައުމަށް އިޝާރާތްކޮށްލިއެވެ.

"ލާވީއަކީ ދުރުމީހެއްނޫނެއްނު، އޭނާއަށް އެނގިގެން ގެއްލުމެއްނެތް... ރައުލް ބުނަން ބޭނުންވީ ކީކޭތަ؟" ބޭރީތު ވާހަކަފެށިއެވެ. ރައުލްގެ ނަޒަރު ބޭރީތުގެ މޫނުން ލާވީގެ މޫނަށް ދަތުރުކުރިއެވެ. ހިސާބަކަށް ޖެހިލުންވެފައި ހުއްޓެއްކަމަކު އޭނާގެ ނަފްސު ހަމައަކަށް އަޅުވާލަމުން ބޯޖަހާލިއެވެ. އަދި ލާވީއާއި ބޭރީތާ ކުރިމަތިވާނޭހެން ހުއްޓިލިއެވެ.

"އަޅުގަނޑު ކައިވެނިކުރަން ޖިންނިއަކު އިޚްތިޔާރުކޮށްފިން" ރައުލް ބުނެލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެ ބޭރީތާއި ލާވީއަށް ބަލަން ހުރީ އެ މީހުންގެ ފަރާތުން ފާޅުވާނޭ އަސަރެއް ދުށުމަށެވެ.

"ޖިންނީންގެ ތެރެއިން ރައުލްއަށް ކަމުދާ އަންހެނަކު ހުރިކަން ބައްޕަ ގާތު ކުރިން ނުބުނީ ކީއްވެ؟ ބައްޕަ އެހިން ރައުލްއަށް ކަމުދާ ކުއްޖަކު އެބަހުރިތޯ" ބޭރީތަށް ލިބުނީ ހައިރާންކަމެވެ.

"ކުރިއަކުންނެތް، އޭނާއާ ބައްދަލުވީ ގަނޑުވަރުން ބޭރުގައި މިއުޅުނު ދުވަސްތަކުގައި، މިހާރު އަޅުގަނޑަށް އޭނާ ވަރަށް ޚާއްޞަވެއްޖެ، ކައިވެންޏެއް ކުރަންޏާ ކުރަން ގަސްދުކުރަނީ އޭނާއާ... ބައްޕާ... އަޅުގަނޑު ހިޔެއްނުކުރަން މިހެންވެދާނެއެކޭ، ކުރިއަށްވާން ހުރި ކަންތައްތައް އެނގިފައި އޮތްނަމަ އަޅުގަނޑު ދިޔައީހީ ބައްޕަ ގާތު އަޅުގަނޑަށް ޚާއްޞަވާނޭ ބައިވެރިއަކު އެބަހުރިކަން ބުނެފައި" ރައުލް ކަންބޮޑުވުމާއެކު ބޭރީތަށް ބަލަންހުއްޓެވެ.

"ކޮންތާކުން ދިމާވީ، ކޮންބައެއްގެ ތެރެއިން..." ބޭރީތު އެއްސެވެ. އެ ހުރިހާ ވާހަކައެއް ލާވީ ވެސް އަޑުއެހިއެވެ. ނަމަވެސް އޭނާ ބަހެއްނުބުނެއެވެ.

"ބިމުގައި ވަޒަންވެރިވެގެން އުޅެނީ... އީޝަލް ކިޔަނީ... ހިންދުކަނޑުގައިވި ކުދި ޖަޒީރާތަކުގެ ތެރެއިން ދިމާވީ، ޢާއިލާ މީހުންގެ ތެރެއިން އޭނާ އުޅެނީ ބައްޕައާއި ބޮޑުބޭބެގެ ގާތުގައި" ރައުލް ބުންޏެވެ.

"އޭނާގެ ޚާއްޞަކަމަކީ ކޮބާ؟" ބޭރީތު އެއްސެވެ.

"އޭނާ އަޅުގަނޑުގެ ހިތް ހޯދައިފި، އެއީ ކޮންމެ ޖިންނިއަކަށްވާނޭކަމެއްނޫން..." ރައުލްގެ އިސްޖަހާލި ހިނދު އެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިއެވެ. ބޭރީތާއި ލާވީ އެކަކުއަނެކަކަށް ބަލާލީ އަޖައިބުވެގެންނެވެ.

"ރައުލް... ތި ދައްކަނީ ހަމަޖެހޭ ވާހަކައެއްނޫން، ތި ވާހަކަތަކުން ތިބުނާ ޖިންނިއެއްގެ ޚާއްޞަކަމެއް ނޭނގުނު" ބޭރީތު ބުންޏެވެ.

"ބައްޕާ، އަޅުގަނޑު ހަމަޖެހޭ ދިރިއުޅުމެއް އުޅެން ބައްޕަ ބޭނުންވޭތަ؟" ރައުލް އިސްއުފުލައި ބޭރީތަށް ބަލާލިއެވެ.

"އެހެންވެގެންނު ސަމިއަނާއާ ކައިވެނި ހަމަޖައްސަން މިއުޅެނީ، އޭރުން ރައުލްގެ ބާރުގެ ދަށުގައިވާ ސަރަޙައްދެއް އޮންނާނެ، ތަބާވާ ބަޔަކު ފަހަތުގައި ތިބޭނެ، ރަސްކަލެއްހެން ދިރިއުޅެވޭނެ" ބޭރީތު ބުންޏެވެ.

"ބައްޕައަށް އެނގެއެއްނު އަޅުގަނޑު ތިފަދަ ކަންކަމަށް ޝައުގުވެރިއެއްނުވާކަން، އަޅުގަނޑަށްވުރެ ތިޔަފަދަ ކަންކަމުގައި ޒަގަން ކުޅަދާނަވާނެ، ބައްޕާ... އަޅުގަނޑު ގަޞްދެއް ނުކުރަން މިގަނޑުވަރުގައި މުޅިއުމުރު ހޭދަކުރަން، އަޅުގަނޑު ބޭނުންވަނީ އަމިއްލައަށް އުޅެން، ދިރިއުޅުމެއް ފަށައި އަނބިމީހާ ގޮވައިގެން މި ހުރިހާ ކަމަކާ ދުރުގައި އުޅެން" ރައުލް ބުންޏެވެ. އޭނާ ދެއްކި ހުރިހާ ވާހަކައެއް ބޭރީތަށް ކަމަކު ނުދިޔައެވެ.

"ތިޔަ އުޅެނީ މޮޔަކަމެއްކުރަންވެގެން، އިހަށް މަޑުކުރޭ... ސަމިއާނާއާ ބައްދަލުވުމުން ފަހަރެއްގައި ރައުލްއަށް އެއްޗެއް ވިސްނިދާނެ، މި ގަނޑުވަރަށް އައިސް އެނބުރި ދިއުމުން ސަމިއާނާގެ މައްޗަށް ތިހިތް ނުލެބިއްޖެއްޔާ ދެން ރައުލްއަށް ފުރުޞަތު ދޭނަން، އެކަމަކު އަހަރެންގެ ކުރިމަތީ ސަމިއާނާއަށްވުރެ ހުރިހާ ގޮތަކުން ތިބުނާ އީޝަލްއެއް ފުރިހަމަވެއްޖެނަމަ ތިކަމާ ވިސްނާނަން" ބޭރީތު ބުންޏެވެ.

"އޭނާގެ ރީތިކަން އެއްވެސް އަންހެނަކާ އަޅައެއްނުކިޔޭނެ، އުޑުގައި ވިދުވަރެއް ފަދައިން އެ މީހުން ދަތުރުކުރޭ... އަޅުގަނޑަށް އީޝަލްއަށްވުރެ ޚާއްޞައެއް ނުވާނެ އެކަކުވެސް، ބައްޕަގެ ރުހުން މިވަގުތަށް ބޭނުންވަނީ" ރައުލް ބުންޏެވެ. މިފަހަރު ރައުލްއަށް ލިބުނީ ސިހުމެކެވެ. ބޭރީތާއި ލާވީގެ މޫނުން ފާޅުވަމުންދިޔަ އަސަރުންނެވެ. އެ ދެ މީހުން ވެސް ހީވީ ބިރެއްފެނިފައި ތިބީހެންނެވެ.

"ހަތްދުވަހު ސަމީއާނާ އަހަރެމެން ގާތު މަޑުކުރާނެ، އޭނާގެ ހުރިހާކަމެއްގައި އެހީތެރިވާން ޖެހޭނީ ރައުލް، ދެން ވާހަކަދައްކާނީ ހަތްދުވަސް ފަހުން" ބޭރީތު އިތުރަށް ވާހަކަދެއްކުމުގެ ޝައުގުވެރިކަމެއް ނެތްކަހަލައެވެ. ނޫނީ އޭނާ އެހުރީ ވަރަށް ބޮޑަށް ކަމަކާ ކަންބޮޑުވެފައެވެ.

"އަޅުގަނޑުގެ އަމިއްލަ އުސޫލުތަކާއި ޚިލާފެއްނުވެވޭނެ ސަމިއާނާ ބުންޏަސް، އޭނާއަކީ އަންހެނަކަށްވާއިރު އޭނާ އެދުނަސް ކޮށްނުދެވޭނެ ކަންކަން ހުންނާނެ، ބައްޕައަށް އެނގޭނެ އަޅުގަނޑު އެފަދަ ގާތްކަމެއް ބާއްވަން ނުރުހޭނެކަން، އެކަމަކު ބައްޕައަށް ޓަކައި އަޅުގަނޑު ސަމިއާނާއަށް މެހެމާނުންދާރީ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނަން، އޭނާ ފޫހިވިޔަ ނުދޭނަން، ހަތްދުވަސް... ބަރާބަރު ހަތްދުވަސް ފަހުން އަޅުގަނޑުގެ ނިޔަތް ބަދަލުނުވާނޭކަން ބައްޕައަށް އެނގޭނެ" ރައުލް ވާހަކަދެއްކީ ޔަގީންކަމާއެކުއެވެ. ބޭރީތު ބޯޖަހާލީއެވެ.

އިތުރު މަޝްވަރާއެއް ނެތުމުން ރައުލް ގޮވައިގެން ލާވީ އެތަނުން ނުކުތެވެ. އަދި ގަނޑުވަރު ހުރި ހިސާބަށް ގެންދިއުމަށްފަހު ލާވީ ދުރުގައި މަޑުކުރީއެވެ. ރައުލް ގަނޑުވަރުގެ ތެރެއަށް ވަދެއްޖެކަން ޔަގީންވުމުން ލާވީ ހަލުވިކޮށް ބޭރީތުގެ ގާތަށް އެނބުރި އައެވެ.

"ލާވީ..." ބޭރީތު ކަންބޮޑުވެފައި ލާވީއަށް ގޮވާލިއެވެ.

"ޖިލައްޔާ... އޭނާގެ ވާހަކަ ބުނާކައްނު ތިއުޅެނީ، އަހަރެން ވެސް ހިތަށް އެރީ އޭނާގެ މަތިން" ލާވީ ބުންނެވެ. އެއާއެކު ބޭރީތު އެއްބަސްވަމުން ބޯޖަހާލައިފިއެވެ.

(ނުނިމޭ)