އަލީ ވަހީދު

ޔޫތް މިނިސްޓްރީ ވަގުތީ ގޮތުން އަލީ ވަހީދާ ހަވާލުކޮށްފި

Feb 17, 2019
4

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ހިންގުން ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލު ކުރައްވައިފި އެވެ.

ރައީސް ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، ޔޫތް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން މިނިސްޓަރު އަލީ ވަހީދާ ރައީސް ސޯލިހު މިއަދު ހަވާލު ކުރައްވާފައިވާ ކަމަށެވެ.

އޭސީސީ އިން ނެރުނު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓްގައި އެމްއެމްޕީއާރުސީގެ ފައިސާ ދައުރު ކުރި އެސްއޯއެފްއިން ފައިސާ ޖަމާކުރި އެކައުންޓްތަކުގެ ތެރޭގައި މިނިސްޓަރު މަހުލޫފްގެ އެކައުންޓް ހިމެނެ އެވެ. އެގޮތުން އެ ކައުންޓަށް 30،000 ޑޮލަރު ޖަމާވި ކަމަށް ރިޕޯޓްގައިވެ އެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހު ވަނީ އެ މައްސަލައިގެ ތަހުގީގު ނިންމައި އޭސީސީއިން ވަކި އެއްޗެއް އަންގަންދެން މަހުލޫފު ގޭގައި މަޑު ކުރަން އަންގަވައިފަ އެވެ. މަހުލޫފް ވިދާޅުވަނީ އޭނާގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާވެފައިވާ ޑޮލަރުތަކަކީ، އޭނާ ވިޔަފާރީގެ ބޭނުމަށް އެސްއީއެފްއިން ގަނެފައިވާ ޑޮލަރު ކަމަށާއި އެ ވިޔަފާރީގެ މުއާމަލާތް ހިންގި ކަމުގެ ރިސިޕްޓްތައް ވެސް އޭސީސީއަށް އޭނާ ހުށަހެޅުއްވި ކަމަށެވެ. އަދި އޭސީސީ އިން ވެސް އޭނާއާ އެ މައްސަލައިގައި ސުވާލެއް ނުކުރާ ކަމަށް ވެސް މަހުލޫފް ވަނީ ވިދާޅުވެފަ އެވެ. ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި ގޯހެއް އޮތް ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވެފައިވެ އެވެ.

މަހުލޫފްގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ އެކައުންޓައް ވެސް އެސްއޯއެފްއިން ޑޮލަރުތަކެއް ޖަމާކުރިކަން ރިޕޯޓުން ހަމާވުމާ އެކު ރައީސް ވަނީ އަކުރަމް ވެސް ގޭގައި މަޑުކުރަން އަންގަވައިފަ އެވެ. ރައީސް ސޯލިހު ވިދާޅުވަނީ މި ސަރުކާރުގައި ހިޔާނާތާއި ފަސާދައަށް އޮންނާނީ ޒީރޯ ޓޮލިރަންސް ކަމަށެވެ.