ހަބަރު

މަޝްހޫރު ފުޓްބޯޅަ ކްލަބެއް އަންނަ އަހަރު ރާއްޖެ ގެންނަނީ

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބެއް އަންނަ އަހަރު ރާއްޖެ ގެންނަން މަސައްކަތް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ދުބާއީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އެންމެ ބޮޑު އެއް ހުވަފެނަކީ ދުނިޔޭގެ އެންމެ ބޮޑެތި ކްލަބް ތަކުގެ ތެރެއިން ކްލަބެއް ރާއްޖެ ގެނައުން ކަމަށެވެ.

"އަޅުގަނޑުމެންގެ ފަތުރުވެރިކަން މިދަނީ ވަރަށް ތާރީހީ އަހަރަކަށް، މިއަންނަ އަހަރުގެ ތެރެއަށް މިހާރު ގާތްގަނޑަކަށް ޔަގީންވެފަ މިއޮތީ ދުނިޔޭގެ އެންމެ ވަރުގަދަ، ދިވެހީންގެ ތެރޭގައިވެސް އެންމެ ވަރުގަދަ ތިން ލީގަކީ އިންގްލިޝް ޕްރެމިއާ ލީގް، ސްޕެނިޝް ލީގާ، އިޓާލިއަން ލީގް،" މިނިސްޓަރު ވިދާޅުވި އެވެ.

އިންގްލިޝް ޕްރެމިއާ ލީގާއި ސްޕެނިޝް ލީގާއި އިޓާލިއަން ލީގްގެ އެންމެ ގަދަ ފަސް ޓީމްގެ ގޮތުގައި ހިމެނޭ ޓީމްތަކުގެ ތެރެއިން އެއް ޓީމް މިއަންނަ އަހަރު ރާއްޖެއަށް ގެނައުމަކީ އަމާޒު ކަމަށެވެ. އަދި އެކަން ހާއްސަ ކުރާނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެމެޗް ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބޭއްވިގެންދާ އެންމެ ވަރުގަދަ މެޗަށް ކަމަށެވެ. މިކަންކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް ގެންނާނެ ކްލަބެއް އަދި އަންނަ އަހަރު އެޓީމް ރާއްޖެއަށް ގެންނާނެ ތާރީހެއްވެސް އަދި ކަނޑަނާޅާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެކަންކަން ހިއްސާ ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަޝްހޫރު ކްލަބެއް ރާއްޖެ ގެންނަން ނިންމާފައިވާއިރު، މިއަހަރުގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރިންގެ ޓީމެއް ރާއްޖެ ގެންނަން ވަނީ ނިންމާފަ އެވެ.