ހަބަރު

ކަލްޗަރަލް ޓޫރިޒަމް އިސްތިހާރު ކުރަން މިނިސްޓަރު އިންޑިއާއަށް

ކަލްޗަރަލް ޓޫރިޒަމް އިސްތިހާރު ކުރަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަންނަ ހުކުރު ދުވަހު އިންޑިއާއަށް ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.

ދުބާއީ އަށް ކުރެއްވި ދަތުރުފުޅަށްފަހު މީޑިއާއާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ، ކަލްޗަރަލް ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށް ލިބެންހުރި ފައިދާތަކާއި ލިބެންހުރި ފުރުސަތުތައް ބެލުމަށް އަންނަ ހުކުރު ދުވަހު އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

ދެދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅަކީ ޓައިމްސް އޮފް އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރު ވިދާޅުވީ، އެދަތުރުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރާއި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ މޭޔަރުންނާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކައުންސިލަރުން މިދަތުރުގައި ބައިވެރިކުރުމުގެ މަގުސަދަކީ ރައްޔިތުން އެދާއިރާތަކަށް ހޮވާފައިވާ ކައުންސިލަރުންގެ އެހީގައި އެދާއިރާތައް ކުރިއެރުވުން ކަމަށެވެ. އެއީ ހަގީގީ ލާމަރުކަޒީ ނިޒާމް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިނިސްޓްރީއާ ހަވާލުވުމަށްފަހު އަޅުގަނޑުމެން މިދަނީ ރައްޔިތުންގެ އުންމީދުތަކާއި އެއްގޮތަށް ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރަމުން، އެގޮތުން މިހާރު ވާނެ ރާއްޖޭގެ ދެކުނާ އުތުރަށް ދަތުރުތަކެއް ކޮށްފަ، އޭގެ ބޭނުމަކީ ވީހާވެސް އަވަހަކަށް ޑެސްޓިނޭޝަން ތަކެއްގެ ގޮތުގައި ދިވެހި ރާއްޖެ ޑިވެލޮޕްވެ މާކެޓް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މި ދަތުރުގައި އިންޑިޔާގެ ބޮޑެތި ވިޔަފާރިވެރިންނާ ވެސް ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންޑިޔާ އަކީ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ވަރަށް ބޮޑު ސްކޯޕެއް އޮތް ގައުމެއް ކަމަށާއި އެހެން ކަމުން އެގައުމުގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް، އެގައުމުގައި ރާއްޖޭގެ ޓޫރިޒަމް ފުޅާ ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.