ބޭންކް އޮފް މޯލްޑިވްސް

އެސްއޯއެފް މައްސަލާގައި އަމަލުކުރީ ގަވާއިދުން: ބީއެމްއެލް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އެސްއޯފްގެ އެކައުންޓަށް ޖަމާކުރަން ދީފައިވާ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދީފައި ވަނީ ގަވާއިދާ އެއްގޮތަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރްސީ ގެ ނަމުގައި އެކި ފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސްއޯފްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެ ޗެކްތައް އެންޑޯސްކޮށްގެން ކަމަށެވެ.

އިތުރަށް ބުނީ، ގާނޫނުގެ ދަށުން ޗެކް، ފައިސާއަށް އަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ގާނޫނުގެ ދަށުން، ޗެކަކީ ފައިސާއަށް ބަދަލު ކުރެވޭ އެއްޗެއް ކަމަށެވެ. އެ ގޮތަށް ޗެކް ލިބޭ ފަރާތުން ބޭންކަށް އެ ޗެކް ހުށަހެޅުމަކާ ނުލާ އެހެން ފަރާތަކަށް ދެވޭނެ ކަމަށެވެ.

އެގޮތަށް ޗެކް ހުށަހެޅުމުގެ ކުރިން އެ ޗެކް ކިތަންމެ ފަހަރަކުވެސް ދައުރު ކުރެވިދާނެ ކަމަށާއި އެގޮތަށް އަމަލު ކުރުމަށް ޗެކް ލިބޭ ފަރާތުން ކުރާ ކަމަކީ އެހެން ފަރާތަތަކަށް ޖަމާ ކޮށްދިނުމަށް އަންގާ ސޮއި ނުވަތަ އެންޑޯސް ކުރުން ކަމަށެވެ.

ބޭންކުން ބުނީ ޗެކް އެންޑޯސް ކުރުން މަނާ ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކަަމަށާއި އޭގެ ކުރިން ބޭންކުން އަމަލު ކުރަމުން އައީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލާގައި ބައެއް ފަރާތްތަކުން ވަނީ ކްރޮސްކޮށްފައިވާ ޗެކްތަކެއް އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރީ ކީއްވެތޯ ސުވާލު އުފައްދާފަ އެވެ.

ބީއެމްއެލްގެ ބަޔާނުގައި ބުނަނީ އެމްއެމްޕީއާރްސީ ނަމުގައި ދޫކުރި ޗެކްތަކުގައި "ނޮޓް ނެގޯޝިއަބްލް" ބަޔާން ކޮށްފައިނުވާ ކަމަށެވެ. އަދި ބުނަނީ އެއްފަރާތުން އަނެއް ފަރާތަށް ނުދެވޭނެ "ނޮޓް ނެގޯޝިއަބްލް" ޗެކެއް ކަމުގައި ހަމައެކަނި ވާނެ ގޮތަކީ ކްރޮސް ކުރާއިރު "ނޮޓް ނެގޯޝިއަބްލް" ބަޔާންކޮށްފައި އޮތުމެވެ.

ބަޔާނުގައި ވާގޮތުން ބޭންކުންވަނީ ބޮޑެތި އަދަދުތަކުން އެސްއޯއެފް އިން ފައިސާގެ މުއާމަލާތް ހިންހގާފައިވާކަން ފާހަގަ ކުރެވިގެން އެސްއޯއެފްގެ އެކައުންޓް ބަލައި މޮނީޓާ ކޮށްފަ އެވެ. އެގޮތުން އެސްއޯއެފް އެކައުންޓް ކޮންމެ ދުވަހަކު އަދި ކޮންމެ ހަފުތާއަކާއި ކޮންމެ މަހަކު ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މޮނިޓާ ކުރަމުން ދިޔަ އެވެ. އެސްއޯފް އެކައުންޓް މޮނީޓާ ކުރަން ފަށާފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެނެވެ.

އަދި 2014 އޮކްޓޫބަރުން ފެށިގެން ބޭންކުން ދިޔައީ މި މުއާމަލާތުގެ ރިޕޯޓް ކަމާގުޅުން ހުރި ފަރާތްތަކާ ހިއްސާ ކުރަމުން ކަމަށާއި ހަފުތާއެކު އެއްފަހު ފައިނޭޝިއަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މިއަދު ނެރުނު އެ ބަޔާނުގައި ބީއެމްއެލް އިން ބުނީ އެމްއެމްޕީއާރްސީ މައްސަލައާއި ގުޅިގެން ހިންގާ ތަހުގީގަށް ފުރިހަމައަށް ބޭންކުން އެއްބާރުލުން ދޭނެ ކަމަށެވެ.