ލައިފްސްޓައިލް

މަސްރޮށީގެ ސައިޒް މިހާރު ދެން ހާދަ ބޮޑޭ!

ދިވެހިން ސަޔަށް ދިއުމުގެ ސަގާފަތެއް ނުއެއް ނިމޭނެ އެވެ. އެއީ ޒަމާނުއްސުރެ ހިނގާ އާދައެކެވެ. އަދި ހަވީރު ސަޔަށް ކޮންމެވެސް ބާއްވަތެއްގެ ހެދިކާއެއް ކާލާ ސައިތައްޓެއް ބޯލުމަކީ ބައެއް މީހުންގެ ދިރިއުޅުމުގެ އެއް ބައެވެ. ސައިގައި ހިމެނޭ ހެދިކާތައް ވެސް މީހުންނަށް ކަމުދާ ރަހަތަކަށާއި ގަޔާވާ ގޮތަށް ބަދަލު ގެންނަމުން ގޮސް މިހާރުގެ ސްޓައިލް އަކީ ހައިޓީތަކާއި ހެދިކާ ބުފޭ އެވެ. އެކަމު ހަމަ ހަވީރު ސައި ހިނގައެވެ. އެ ސައި ބޯންޖެހެ އެވެ. އެ ސައި ބޮވެން ޖެހެ އެވެ.

ހަވީރު ސަޔަށް އެކި މީހުނަނަށް ކަމުދަނީ އެކި ފާޑުގެ ހެދިކާ އާއި ކުޅި ފޮނީގެ ބާވަތްތަކެވެ. ކްރީމް ކޭކަރު ބިސްކޯދާއި، ފާރޮއްޓާއި ހެދިކާ އަދި އެކި ކަހަލަ ޕޭސްޓްރީތަކާއި ސޭންޑްވިޗް މަގުބޫލު މީހުން ވެސް އުޅެ އެވެ. އަދި ރަށުން ފޮނުވާފައި ހުންނަ ހަދިޔާ ދަޅުގެ ތަކެތި ވެސް ސައިގައި ހިނގަ އެވެ. މިއިން ދިވެހިން ހެދިކާ އާއި މެދު އޮންނަ ޒަމާންވީ ލޯތްބަށް އަދިވެސް ބަދަލެއް ނާންނަކަން ވެސް އެނގެ އެވެ.

ހަވީރު ސަޔަށް ހެދިކާއެއް ނުކައި ހަމަ ނުތިބެވެ އެވެ. ހައެއްކަ ބަޖިޔަލާއި ދެތިން ހަނޑުލުގުޅަ މުގުރާލައި ސައިތައްޓެއް ދަމާ ނުލެވެންޏާ ހަވީރު ސައިބުއިހެން ވެސް ހީނުވާ މީހުން ވަރަށް ގިނަ ވާނެ އެވެ. ސައިގައި އެންމެ މަގުބޫލު އެއް ބާވަތަކަށް ވެފައި އޮންނަނީ މަސްރޮއްޓެވެ. ހާއްސަކޮށް ހޫނު މަސްރޮއްޓެވެ. ހިކި މަސްހުނީގެ މަސް ރޮއްޓާއި އާދައިގެ މަސްހުނީގެ މަސް ރޮއްޓެވެ. އަދި ގިނައިން ހިކި މިރުސްލީ މަސްރޮއްޓެވެ. ސައި ކޮންމެ ތާކުން ބުޔަސް އެއީ ހުޅުމާލޭ ބީޗަށް ސަޔަށްދާ މީހުން ވިޔަސް އެންމެންގެ މެދުގައި ވެސް މި މަސްރޮށިތައް ވަރަށް މަގުބޫލެވެ.

ހެދިކާ ބުފޭތަކުގައި ދަމާލާފައި އޮންނަ ކިއުތަކާއި އެ ކިއުތަކުގައި ތައްޓަށްލާ މަސް ރޮށީގެ ސައިޒާއި އަދަދުން މިކަން ސާބިތު ކޮށްދެއެވެ. މަސްރޮށްޓަކީ ދިވެހިން އެޔަށް ދެވިހިފާފައިވާ ރޮއްޓެކޭ ވެސް ބުނެވިދާނެ އެވެ.

މިހާރު ދެން މަސް ރޮއްޓަަށް ވެސް ފިސާރަ ގޮތް ގޮތް ހަދާލައި ވަރަށްކަށް ފުށުން ޖަހަލައިފި އެވެ. މަސްރޮއްޓަށް މި އައި ބަދަލުގެ ތެރޭގައި ހިކި މަހާއި ހިކު މިރުސް އަޅާ ރަތް މަސްހުނިގަނޑެއް އަޅާ ހަދާފަ ހުންނަ މަސްރޮށި ވެސް އެބަ ފެނެ އެވެ. ވަކި ފާޑަކަށް އަނދާާލާފައި ހުންނަ މަސް ރޮށި ވެސް އުޅެ އެވެ.

ފާހަގަކޮށްލެވޭ އަނެއް ބަދަލަކީ މަސްރޮށީގެ ސައިޒަށް އައިސްފައިވާ އާދަޔާހިލާފު ބޮޑު ބަދަލެވެ. ހޮޓާތަކުގަ އާއި ކެފޭތަކުގައި ހުންނަ މަސްރޮށި ސައިޖޯޑެއްގެ ވަތުތައްޓަށް ލެވޭނީ ހަމަ ކިރިޔާ އެވެ. އަދި ހަވީރު ސަޔަށް މަސްރޮއްޓެއް އޯޑަރު ދޭ އިރުވެސް ސައިޒު ބޮޑު ކަމުން ހީވާނީ ޑިސްކަކާއި މަސްހުނީގެ ސައެއް ބޯލެވޭނެވެ. ވާދަވެރިކަން ބޮޑުކޮށް ހިންގާ ހޮޓާ ކެފޭތަކުގައި ގިނައިން ހުންނަނީ ވެސް ބޮޑު މަސްރޮއްޓެވެ. އެއް ބަޔަކު އަނެއް ބަޔަކަށްވުރެ މަސް ރޮށި ބޮޑު ކުރެ އެވެ.

ކަސްޓަމަރުންގެ އެންމެ ގަޔާވަނީ ވަގުތުން ފިހެލާފާ ދޭ ހޫނު މަސްރޮއްޓަށެވެ. ބައެއް ތަނުގައި ހުނޫ ކަމާ އެއްވަރަށް ބޮޑު މަސްރޮށީގެ މީރު ރަހަ ވެސް ހިނގަ އެވެ.

ސައިޒު ބޮޑުވުމާއެކު މަސްރޮށީގެ އަގު ވެސް ބޮޑުވެއްޖެ އެވެ. އާދައިގެ މަސްރޮށްޓެއްގެ އަގު ގިނަ ތަންތަނުގައި ދެ ރުފިޔާއަށް ހުރި ނަމަވެސް އަލަށް ފިހަން ފަށައިގެން މިއުޅޭ ބޮޑެތި މަސްރޮށިތައް ބައެއް ކެފޭތަކުގައި ވިއްކަނީ ވިއްސަކަށް ތިރީހަކަށް ރުފިޔާއަށެވެ.

ކަސްޓަމަރުންނަށް މަސްރޮށި ސާވް ކުރުމުގައި ވެސް ތަފާތު ގޮތްތަކައް މިހާރު އެބަ ގެންގުޅެ އެވެ. މިގޮތުން ސާވިން ބޯޑަކަށް މަސްރޮށި ލާ މެދުން ފަޅިކޮށްލާފައި ގެންގޮސް ދެނީ އެވެ. ކާން ފެށީމާ މިކެވުނީ ބޮޑު ސައިޒުގެ ކިތައް މަސް ރޮށި ކަން ނުވެސް އެނގޭނެ އެވެ. އެނގޭނީ ނިމޭރު ބިލުގައި އޮންނަ ބޮޑު އަދަދެެވެ.

އިންސްޓަގްރާމް ފީޑްތަކުގައި ވެސް މި ބޮޑު މަސްރޮށީގެ ފައްކާ ފޮޓޯތައް އެނބުރެ އެވެ. އަދި ހަވީރު ސައިގައި ކާލާ މި ބޮޑު މަސްރޮށީގެ ފޮޓޯ ކޮންމެ ދުވަހަކު އިންސްޓަގްރާނަށް ވައްޓާލާ މީހުން މަދެއް ނޫނެވެ.

ހެދިކާ ތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ގަޔަވާ އެކައްޗަކީ ގައިމަށް ވެސް މަސްރޮއްޓެވެ. އަދި އެކުވެރިންނާއި އެކު ސަޔަކަށް ގޮސް މަސްރޮށްޓެއް ކާލުމުން ލިބޭ އުފަލާއި ހިތް ހަމަޖެހުން ވެސް ބޮޑެވެ. ތެލުލި އެއްޗަކަށް ވެސް ނުވެ ދިވެހި ރަހަ އޭގައި ހިމެނޭ މި ހެދިކާ ގިނަ މީހުންގެ މެދުގައި މަގުބޫލެވެ. ހީވާ ގޮތުން ބޮޑު މަސް ރޮށީގެ އާއިލާއަށް ދެން ވިހާނީ އާޓާ ފުށުގެ މަސްރޮއްޓާއި ހުނި މަދުކޮށް ހެލްތީ މަސްރޮއްޓެކެވެ.