ޖިރޯނޯ އަތުން 2-1 ން ބަލިވިޔަސް، ސްޕެނިޝް ލީގް ހޯދުމުގެ ފުރުސަތު ނުގެއްލޭ ކަމަށް، ރެއާލް މެޑްރިޑްގެ ކޯޗް ސެންތިއާގޯ ސޮލާރީ ބުނެފި އެވެ.
ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑު، މަޝްހޫރު ސެންތިއާގޯ ބެރުނަބޭ ސްޓޭޑިއަމްގައި، މިއަދު ކުޅުނު މެޗުން، ޖިރޯނާއިން ރެއާލް މެޑްރިޑް ބަލި ކުރީ، ރެއާލުން ލީޑްނަގާފައި ވަނިކޮށް ދެ ވަނަ ހާފުގައި ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ. މިދިޔަ ހަފުތާގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ތާވަލުގެ ދެ ވަނަ މަގާމަށް އެރުނު ނަމަވެސް. މިއަދު ޖިރޯނާ އަތުން ބަލިވުމުން، ރެއާލް އަށް ދެ ވަނަ އަށް އެރުމުގެ ފުރުސަތު ގެއްލުނީ އެވެ.
މެޗުގއި، ރެއާލުން ލީޑް ނެގީ 25 ވަނަ މިނެޓްގައި ކާލޯސް ކަސެމީރޯ ބޮލުން ކާމިޔާބު ކުރި ލަނޑުންނެވެ. އޭރިއާގެ ބޭރުން ޓޯނީ ކްރޫޒް ނެގި ހިލޭ ޖެހުން، ކަސެމީރޯ ވަނީ ޖިރޯނާގެ ޑިފެންސާއެއް ހަމައެއްގައި ހުރެ ބޮލުން ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.
ޖިރޯނާގެ ފުރަތަމަ ލަނޑަކީ، ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން، ރެއާޅްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަތުގައި ބޯޅައިން ޖެހުމުން، ލިބުނު ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީން ޖިރޯނާގެ ކްރިސްޓިއަން ސްޓާނީ ވަނީ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭގެ 10 ވަރަކަށް މިނެޓް ފަހުން ޕޯޓުން ވަނީ ޖިރޯނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މިއީ، މި ސީިޒަންގައި އަމިއްލަ ދަނޑުގައި ރެއާލް ބަލިވި ތިން ވަނަ މެޗެވެ.
މެޗުގެ 90 ވަނަ މިނެޓްގައި، ރަމޯސްއަށް ވަނީ ދެ ވަނަ ރީނދޫކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އާންމުކޮށް ކާޑާ ރަށްޓެހި ކުޅުންތެރިޔާއަށް ރަތް ކާޑެއް މި ދެއްކީ އަހަރެއްހާ ދުވަސް ފަހުންނެވެ. ލެވަންޓޭއާ ދެކޮޅަށް ކުރިއަށް އޮތް މެޗުގައި އޭނާއަކަށް ނުކުޅެވޭނެ އެވެ. ނަމަވެސް ޖެހިގެން އޮންނަ ބާސެލޯނާ މެޗުގައި އޭނާއަށް ކުޅެވޭނެ އެވެ.
ސޮލާރީ ބުނީ، މެޗުން ބަލިވިޔަސް، ލީގް ހޯދުމުގެ ފުރުސަތު ރެއާލްއަށް އެބައޮތް ކަމަށާއި، މިއަހަރުގެ ތިން މުބާރާތްވެސް ހޯދުމަށް އޭނާ އިސްކަން ދޭނެ ކަމަށެވެ.
"ނޫން ލީގް ހޯދުމުގެ ފުރުސަތެއް ނުގެއްލޭ،" ސޮލާރީ ވާހަކަ ދެއްކި އެވެ. "އަންނަ ހަފުތާގައި އަނެއް މެޗު އޮންނާނެ، އަހަރެމެންގެ ވާދަވެރިންނަށްވެސް އޮންނާނެ، ކޮންމެ މެޗަކީވެސް އުނދަގޫ މެޗެއް، ޖިރޯނާއިން މިއަދު އެކަން ދައްކައިދީފި، އެކަމަކު އަހަރެމެން ޖެހޭނެ ކުރިއަށް ހުރި މެޗުތަކުން މޮޅުވާން ފަރަގު ކުޑަ ކުރަންޏާ."