މަޖިލިސް އިންތިހާބު 2019

"މަޖިލިސް 19"އިގެ ކަވަރޭޖްގައި އަވަސްގެ ވޮލަންޓިއަރަކަށް ވެވިދާނެ

Feb 18, 2019

އަންނަ އޭޕްރީލް މަހު ރާއްޖޭގައި ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ހާއްސަ ކަވަރޭޖް، ގެނެސްދޭ އަވަސް އޮންލައިންގެ ޓީމާއެކު މަސައްކަތް ކުރާނެ ވޮލެންޓިއަރުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަވަސް އިން ގެނެސްދޭ ކަވަރޭޖަށް ދީފައިވާ ނަމަކީ "މަޖިލިސް 19" އެވެ. އަދި ކަވަރޭޖްގެ ސްލޯގަންގެ ގޮތުގައި ބޭނުން ކުރާނީ "އައްޑިހަ އައްވަނަ ގޮނޑި | އަވަސް" އެވެ.

މަޖިިލިސް އިންތިހާބަށް ބަހައްޓާ ވޯޓު ފޮށިތައް ކައިރީގައި ހަރަކާތްތެރިވާނެ ވޮލަންޓިއާ މޮނީޓަރުން ހޯދަން އަވަސްއިން އިއުލާން ކުރީ މިއަދު ހެނދުނު އެވެ.

އަވަސްގެ ވޮލަންޓިއަރަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަވަސްއިން ގާއިމުކޮށްފައިވާ އިލެކްޝަން ޕޯޓަލް މެދުވެރިކޮށް ފޯމް ފުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

އަވަސްގެ ވޮލަންޓިއަރުންގެ ޕްރޯސެސްއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އަވަސްގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފު ވިދާޅުވީ، އިންތިހާބަށް އަވަސްއިން 300 ވޮލެންޓިއަރުންނަށް ފުރުސަތު ދޭނެ ކަމަށާއި މިދިއަ ރިޔާސީ އިންތިހާބުގައި އަވަސް އިން އެކުލަވައިލި ވޮލަންޓިއާ ނެޓްވޯކްގައި ބައިވެރިވި ފަރާތްތަކަށް ވެސް އެ ފުރުސަތު އެބައޮތް ކަމަށެވެ.

"އަށްޑި އަށްވަނަ ގޮނޑީ"ގެ ނަމުގައި އަވަސް އިން މަޖިލިސް އިންތިހާބަށް މިހާރު ގާއިމުކޮށްފައިވާ އިލެކްޝަން ސެންޓަރުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖެއިން ބޭރުގައި ވޯޓް ފޮށި ބަހައްޓާ ގައުމުތަކުން ވެސް ވޮލަންޓިއާ މޮނިޓަރުން ހޯދާނެ ކަމަށެވެ.

ވޮލަންޓިއަރުންގެ މަސައްކަތަކަށް ވާނީ ވޯޓްލާ މަރުކަޒުތަކުގައި ހިނގާ ހަރަކާތްތަކުގެ ހަބަރާއި ފޮޓޯ އާއި ވީޑިއޯ އަދި ނަތީޖާގެ ވަގުތުގައި ނަތީޖާތައް ވަގުތުން އަވަސްގެ އިލެކްޝަން ސެންޓަރު، "އައްޑިހަ އައްވަނަ ގޮނޑި" އާ ހިއްސާ ކުރުމެވެ.

އަވަސް އިން ބުނީ ވޮލެންޓިއަރުން ނެގުމަށްފަހު ވޯޓުލާ ދުވަހުގެ ކުރިން ވޮލަންޓިއަރުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގާނެ ކަމަށާއި އަވަސްގެ ޓީމާ ގުޅިގެން އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ހުރިހާ ވޮލަންޓިއަރުންނަށް އެލަވަންސެއް ވެސް ދޭނެ ކަމަށެވެ.

ވޮލެންޓިއަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްމާޓް ފޯނު ގެންގުޅޭ އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އަހުލުވެރިވުމާއެކު އަމިއްލަ ސައިކަލް ގެންގުޅޭ ފަރާތްތަކަށް އިސްކަން ދޭނެ އެވެ. ވޮލަންޓިއަރުންނަށް ނަގާނީ އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކަށެވެ.

ވޮލެންޓިއަރުންގެ ތެރެއިން ނޫސްވެރިކަމުގެ ޝައުގުވެރިކަން ހުރި އަދި މަޖިލިސް އިންތިހާބުގެ ކަވަރޭޖްގައި ފާހަގަ ކުރެވޭ ޒުވާނުނަށް ކުރިއަށް އޮތް ތަނުގައި އަވަސްއާއެކު ދާއިމީކޮށް ފުރުސަތު ދޭން ވެސް އަވަސް ވަނީ ނިންމާފަ އެވެ.

"މިއީ ވަރަށް ރަނގަޅު ފުރުސަތެއް، އަވަސްއިން މަސައްކަތް ކުރާނީ ތަފާތު ކަވަރޭޖެއް ޒަމާނީ މީޑިއަމްތައް ބޭނުން ކޮށްގެން ގެނެސްދިނުމަށް. އަދި މިއީ ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވެސް ވާނެ، މީގެ އިތުރުން މީގެ ތެރެއިން ފާހަގަ ކޮށްލެވޭ ފަރާތްތަކަށް ނޫސްވެރިންގެ ގޮތުގައި އަވަސް އާއެކު މަސައްކަތް ކުރުމުގެ ފުރުސަތުވެސް ދޭނެ" ނާއިފު ވިދާޅުވި އެވެ.

ވޮލަންޓިއާ މޮނިޓަރަކަށްވާން އޮންލައިން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ފޯނު މެދުވެރިކޮށް އަވަސްއަށް ގުޅައިގެން ވެސް ވޮލެންޓިއާ މޮނިޓަރު ކަމުގެ ޝައުގުވެރިކަން ފާޅު ކުރެވޭނެ އެވެ. އަވަސްގެ ފޯނު ނަންބަރަކީ 3011534 އާއި 7824880 މި ނަމްބަރެވެ.

އިދާރީ މަސައްކަތް ހިނގާނެ ގަޑިތައް

ވޮލަންޓިއާ މޮނިޓަރުންގެ ކަންކަން ކުރިޔަށް ގެންދަން ފަސޭހަ ކުރުމުގެ ގޮތުން އެކަމަށް އިދާރީ ގަޑިތަކެއް ވެސް އަވަސް އިން ވަނީ ހަމަޖައްސާފަ އެވެ.

  • ރަސްމީ ގަޑި: ހެނދުނު 8:30 އިން ހަވީރު 4:0
  • ބަންދު ދުވަސް: ހުކުރު ދުވަސް
  • މުއްދަތު: ފެބުރުއަރީ 18 އިން 25 ފެބުރުއަރީއަށް
  • އޯފީސް ނަމްބަރު: 3011534
  • ހޮޓްލައިން ނަމްބަރު: 7824880
  • އީމެއިލް: [email protected]

އަވަސްގެ މަޖިލިސް 19 ޕޯޓަލް

އަވަސްގެ "މަޖިލިސް 19" ކަވަރޭޖްގައި ބާއިވެރިވާ ވޮލަންޓިއާ މޮނިޓަރުން އެޕްލައި ކުރާ މޮޑިއުލް މިއަދު ދޫކޮށްލާފައިވާއިރު މިދިއަ ރިޔާސީ އިންތިހާބުގައި އަވަސް އިން ގާއިމް ކުރި ވޮލަންޓިއަރުންގެ ނެޓްވޯކްގައި މިހާރު ރަޖިސްޓްރީ ވެގެން ތިބި ފަރާތްތައް މަޖިލިސް އިންތިހާބުގައި އަވަސްއާއެކު މަސައްކަތް ކުރަން ބޭނުންވާނަމަ އަލަށް ގާއިމް ކުރި ޕޯޓަލްގެ ވޮލަންޓިއާ ނެޓްވޯކް މޮޑިއުލްއަށް ރީރަޖިސްޓްރީ ވާން ޖެހޭނެ އެވެ. ރީރަޖިސްޓްރީ ވުމަށް އާ މޮޑިއުލްގައި އީމެލް އެޑްރެސް ޖެހުމަށް ފަހު ކުރިން ބޭނުން ކުރި ޕާސްވޯޑް ޖެހުމުން ފުދޭނެ އެވެ. ކުރިން ބޭނުން ކުރި ޕާސްވޯޑް ހަނދާން ނެތިފައިވާނަމަ އާ ޕޯޓަލްގެ ތެރެއިން ޕާސްވޮޑް ރީސެޓް ކުރެވޭނެ އެވެ.

ވޮލަންޓިއާ ފޯމް ސަބްމިޓް ކުރުން

އަވަސްގެ މަޖިލިސް 19 ޕޯޓަލް މެދުވެރިކޮށް ފޯމް ސަބްމިޓް ކުރާއިރު ތިން މަސް ދުވަސް ނުވާ ޕާސްޕޯޓް ސައިޒްގެ ފޮޓޯއަކާއި ދެފުށް އެކުލެވޭ ގޮތަށް މުއްދަތު ހަމަނުވާ އަޑީކާޑްގެ ކޮޕީ، އެއް ގަނޑަކަށް ސްކޭންކޮށް ހުށަޅަން ޖެހޭނެ އެވެ. މީގެ އިތުރުން ފޯނު ނަބަރާއި އީމެއިލް ހިމަނަން ޖެހޭނެ އެވެ.

ފޯމް ސަބްމިޓް ކުރުމުން ފޯމް ޕްރޮސެސް ކުރުމަށްފަހު އަވަސްގެ އިލެކްޝަންސް ސެންޓަރުން އެ ފަރާތްކަށް ގުޅައި ކުރިޔަށް ދާނެ ގޮތް ސާފުކޮށްދޭނެ އެވެ.