ވާހަކަ

ބޭނުންވަނީ ޔާރާ

(13 ފެބްރުއަރީ 2019 އާ ގުޅޭ)

"ޕްލީޒް، އަދި އެއްފަހަރު ވިސްނާލާފަ ބުނެބަލަ، މިސާލަކަށް އެހެންވެއްޖެނަމަ، ނޫނީ މަންހާ އެހާ ލޯބިވާ މީހަކު ނޫނެކޭ ބުނެފިނަމަ އަހަރެންގެ އަތުގައި ހިފާނަންތަ؟" ވިޝާލް އެސުވާލު އެހާވަރުން އެކުރަނީ ކީއްވެބާއޭ މަންހާގެ ހިތަށް އެރިއެވެ. އެކަމަކު އޭނަ އެބުނަނީ ދޮގެއްވެސް ނޫނެވެ. ދާއިންގެ ދިރިއުޅުމުގެ ތެރެއަށް އޭނައަށް ވަދެވޭނެބާއެވެ. އެހިތަކީ މިހާރުވެސް ޒާރާއަށް ދެވި ނިމިފައިވާ ހިތެކެވެ. ދެން އަލުން އެހިތުން މަންހާއަށް ޖާގައެއް ހުސްވެދާނެ ބާއެވެ. އެކަމަކު އެއީ ނާދިރުކަމެކެވެ.

"އައި ޑޯންޓް ނޯ، މޭބީ........ފަހަރެއްގަ ވިޝާލްގެ އަތުގައި ހިފާވެސް ފާނަން......ބަޓް އެއީ ހަމަ......ވިޝާލް.....އައި ލައިކް ޔޫ.........އެކަމަކު އޭގެ މާނައަކީ އަހަރެން ވިޝާލްދެކެ ލޯބިވެއެކޭ ނޫން، އަހަރުމެންގެ މެދުގައި މިއޮތް އެކުވެރިކަން ގެއްލޭކަށް އަހަރެން ބޭނުމެއްނޫން.......އަހަންނަށް އެނގޭ ވިޝާލްއަށް ވުރެ ބޮޑަށް އަންޑަރސްޓޭންޑް ވާނެ އެހެން މީހަކު ނުހުންނާނެކަން...." ވިޝާލް މަންހާގެ އަތުގައި ހިފުމާއިއެކު މަންހާގެ ބަސްހުއްޓުނެވެ.

"އަހަރެން ވަރަށް ލޯބިވާކަން ގަބޫލުކުރަންތަ؟ އަހަރެން މަންހާ ދުވަހަކުވެސް ދެރަނުކުރާނަން ކަމަށާ އަދި އެއްވެސް ކަމަކަށް މަޖުބޫރު ނުކުރުވާނެކަން ގަބޫލު ކުރަންތަ؟" ވިޝާލް މަންހާގެ އަތްތިލަ އޭނަގެ ބޮޑުދެއަތްތިލާގެ ތެރޭ ފޮރުވާލަމުން ސުވާލުކުރިއެވެ.

މަންހާ ޖަވާބު ދިނުމުގެ ގޮތުން ބޯޖަހާލިއެވެ. އޭނަގެ ދުލެއް އެވަގުތު ހަރަކާތެއް ނުކުރިއެވެ. ވިޝާލްގެ ތޫނުފިލި ދެލޮލަށް ބަލަން އިނދެވުނީއެވެ. ބައެއްފަހަރު ހުދު މަންހާއަށްވެސް އެހެންވަނީ ކީއްވެކަމެއް ނޭގެއެވެ. ވިޝާލްގެ ލޯތްބާއި އޯގާތެރިކަން އެހާ ގާތުން ފެނިގެންދާތިކަމަށްވެސް ވެދާނެއެވެ. މަންހާގެ އަތްތިލަ ފިނިވަމުންދިޔަކަން ވިޝާލްއަށްވެސް އިހްސާސްވިއެވެ. އެމަޑުމަޑު އަތްތިލާގައި ވިޝާލްގެ ތުންފަތްޖެހުމާއިއެކު މަންހާގެ ހިތަށް ހީވީ ކަރަންޓު ޝޮކެއްދިންހެނެވެ. ކަނދުރާގައި ހުރި ލޯލިތަށް ވަގުތުން ކޮޅަށްޖެހިގެންދިޔައެވެ.

"ވީ ކާންޓް ޑޫ ދިސް....." މަންހާއަށް ބުނެވުނެވެ. އެއާއެކު ވިޝާލް މަންހާގެ އަތުން ދޫކޮއްލިއެވެ. އަދި ކާރުގެ ހުންގާނު ބުރުގައި ދެއަތްއަޅުވާލަމުން މޫނުފޮރުވާލިއެވެ.

"ކޮންދުވަހަކުތަ ލޯބި އެހާ މުހިއްމު އެއްޗަކަށްވީ، އެއާއި ނުލާ މީހާ ދިރިހުންނަންވެސް އުނދަގޫވާވަރުގެ އެއްޗަކަށްވީ؟" ވިޝާލް އެހެން އޮވެ ވާހަކަދެއްކިއެވެ. އޭނަގެ ހިތަށް ހަމަ ތަދުވަނީއެވެ. މަންހާ އާއި ގާތުގައި އުޅެން އުނދަގޫވަނީއެވެ. ހުރިހާވެސް މައްސަލައަކީ ވިޝާލް މަންހާދެކެ އިންތިހާ ދަރަޖައަށް ލޯބިވެވުނުކަމެވެ. މަންހާ ފެންނަ ކޮންމެ ފަހަރަކު އޭނަ ގެނެސް އެއަތުގެ ތެރެއަށް ލާން ވިޝާލް ނުހަނު ބޭނުންވެއެވެ. އެރީތި ދިގު އިސްތަށިގަނޑުގައި ފިރުމާލަމުން އިރެއްފަދަ އަލި މޫނުގެ އެތަންމިތަނުގައި ބޮސްދޭން ވިޝާލް ބޭނުމެވެ. އަދި ލާ ކޮންމެ ނޭވާ އާއިއެކު ލޯބިވެޔޭ ބުނަންވެސް އޭނަ ބޭނުންވެއެވެ.

ދުވަސްތައް މާޒީ އާއިއެކުވަމުންދިޔައެވެ. އެއީ ދުނިޔޭގެ އާދައެވެ. އަރާއިރުވެސް އޮއްސެނީ ނޫންހެއްޔެވެ. އެގޮތުން މަންހާ މެލޭޝިޔާގައި މޫސަ އާއި ނާޒިޔާގެ ދެމަފިރިން ގާތު އުޅޭތާ ދެއަހަރަށްވުރެ ގިނަދުވަސްވީއެވެ. އޭނަގެ ނަވާރަވަނަ އުފަންދުވަހަށް މިފަހަރުވެސް އޭނަގެ އާއިލާ މެލޭޝިއާއަށް އައެވެ. އެކަމަކު މިފަހަރު އެމީހުން އައީ މަންހާ ގާތު ނުބުނެއެވެ.

ކޮންމެ ދުވަހަކު ޔުނިވަރސިޓީއަށް މަންހާ ބަލާދަނީ ވިޝާލްއެވެ. އެކަމަކު މިހާރު ދަނީ މޫސަގެ އެދުމުގެ މަތިންނެވެ. އަދިވެސް އެދެމަފިރިންނަށް ވިޝާލް އާއި މަންހާގެ ދެމެދު ހިނގި އެއްވެސް ކަމެއް ނޭގެއެވެ. އެމީހުން ތައްޔާރުވަމުން ދިޔައީ ދެއާއިލާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށެވެ. ވަސިމާ އާއި ސަޢީދަށް އެންމެ ފުރަތަމަ ވިޝާލް ފެނުމާއިއެކުވެސް އޭނަ ކަމުދިޔައެވެ. ފަންސަވިސް އަހަރުގެ ވިޝާލް އާއި މަންހާގެ ގުޅުމުގެ ވާހަކަ ކިޔާދިނީ ހުދު ނާޒިޔާއެވެ. އެކަންވީ ދެޢާއިލާވެސް ރުހޭކަމަކަށެވެ. އެކަމަކު ނާޒިޔާ އާއި ވަސީމާ އެމީހުންގެ ނިންމުމުގެ ވާހަކަ އެކުދިންނަށް އަންގާކަށް ބޭނުމެއްނުވިއެވެ. އެމީހުން މަޑުކުރީ މަންހާގެ ކިޔެވުން ނިމެންދެންނެވެ. ވަސީމާ އޭނަގެ ކުދިން ގާތު އެކަމާއި ބެހޭ އެއްވެސް ވާހަކައެއް ނުދެއްކިއެވެ.

"ވިޝާލް، ދަރިފުޅު ގާތު ވާހަކައެއް އަހަންތަ؟......ސީދާ ސީދާ ޖަވާބު ދެއްޗޭ....." ނާޒިޔާ ކޮފީ ގިރާދެމުން ވިޝާލް އާއި ވާހަކަދެއްކިއެވެ.

"ބޮޑުމަންމަ އަށް އަޅުގަނޑު ދުވަހަކުވެސް ދޮގެއް ނަހައްދައްވަން....." ވިޝާލް ނާޒިޔާއަށް ބަލާލީ އެބަހުގެ ތެދުކަން އަންގާދެމުންނެވެ.
"އެކަން އެނގެއޭ ބޮޑުމަންމައަށްވެސް، ދެން ބުނެބަލަ، ވިޝާލްއަށް މަންހާ ކަމުދޭތަ؟" ނާޒިޔާ އެސުވާލު ކުރީ އޭގެ ޖަވާބު ނޭގޭތިއެއް ނޫނެވެ. އެކަމަކު ވިޝާލްގެ އަޑުން އެސުވާލުގެ ޖަވާބު އަހާލާހިތުންނެވެ.

"ހޫމް.....ވަރަށް ބޮޑަށް......އެކަމަކު........" ވިޝާލްގެ ޖުމްލަ ނާޒިޔާ މެދުކަނޑާލިއެވެ. އަދި ކޮފީތަށި ގެނެސް ވިޝާލްގެ ކުރިމަތީ ބެހެއްޓިއެވެ.

"ދެން އިތުރަށް ދަރިފުޅު އެއްވެސް އެއްޗެއް ބުނާނެ ކަމައްނެތް، ބޮޑުމަންމަ އޮޅުން ފިލުވަން ބޭނުންވި ޖަވާބު ލިބިއްޖެ......އަންނާނަން އެނގޭ......އައިނީ އެބަ ފޮނުވަން، ވިޝާލް ކަމެއް ބޭނުންވެއްޖެނަމަ އޭނަ ގާތު ބުނެލާ" ނާޒިޔާ އުފަލުންހުރެ ބުނެލިއެވެ. އޭނަ އަވަހަށް ހިނގައިގަތީ މޫސައަށް އެހަބަރު ދޭށެވެ.

"ޒިޔާ......ޒިޔާ......" ސިޑިން މައްޗަށް އަރަމުންދިޔަ ނާޒިޔާއަށް މޫސަ ގޮވާލިއަޑުއިވިގެން ބަލާލިއެވެ. އޭރު މޫސަ ސިޓިންރޫމުގެ ތެރެއަށް ބޭރުން އައިސް ވަންނަނީއެވެ. ނާޒިޔާގެ އަނގައިގައިވާ ހުރިހާ ދަތެއް ފެނިގެންދިޔައެވެ. އަވަސް އަވަހަށް އައިސް ކަންވީގޮތް ކިޔާދިނެވެ. އެވާހަކަތައް އަޑުއަހަމުންދިޔަ މޫސަގެ މޫނުމައްޗަށްވެސް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

މަންހާގެ އާއިލާ މެލޭޝިޔާއަށް އައުމުން އޭނައަށް އިތުރު ހިތްހަމަ ޖެހުމެއްލިބުނެވެ. އެކަމަކު ކުރިއަށްވުރެ އޭނައަށް އެގޭގައި އުޅެން އުނދަގޫވިއެވެ. މޫސަ އާއި ނާޒިޔާ ފަދައިން އޭނަގެ މަންމަ އާއި ބައްޕަވެސް އޭނަގެ ގާތުން އެދެމުން ދިޔައީ ވިޝާލް އާއިއެކު އެކިއެކި ކަންތައްތައް ކުރުމުގައި ބައިވެރިވުމަށެވެ. ކާންދާ ކޮންމެ ގަޑިއެއްގަވެސް އެމީހުން އޭނަގެ ކުރިމަތީ ވިޝާލް ބެއިންދުމަށް އިސްކަންދެއެވެ. ވިޝާލްގެ ކޮޓަރިއަށް ކޮފީއެއް ގެންދަންވިޔަސް ފެންޖަގެއް ގެންދަންވިޔަސް ނާޒިޔާ ހަވާލުކުރަނީ މަންހާ އާއިއެވެ. އެހުރިހާ ކަމެއްގެ ސަބަބުން މަންހާއަށް ދިޔައީ ވަރަށް އުނދަގޫވަމުންނެވެ. ކުރަން ބޭނުންނުވާ އެތަށްކަމެއް ކުރުމަށް އަމިއްލަ ނަފްސަށް މަޖުބޫރުކުރަންޖެހެނީއެވެ. މިކަމުގެ ސަބަބުން މަންހާގެ ކިޔެވުމަށްވެސް ބުރޫއަރަމުންދިޔައެވެ. ކިޔެވުމަށް ދޭންބޭނުންވާ ސަމާލުކަން އަބަދުހެން ކަހަލަ ގޮތަކަށް ދެވެނީ ވިޝާލްއަށެވެ. އަބަދު މަންހާ ކޮންމެވެސް ކަމަކު އޭނަގެ ގާތަށް ދާންޖެހޭތީ އޭނަ ހީކޮށްފާނެ އެއްޗަކާއި މެދު ވިސްނެނީއެވެ. ވިޝާލްއަށްވެސް އެކަން އެނގެއެވެ. އެހެންނަމަވެސް މަންހާގެ ހިތަށް އުނދަގޫވަނީއެވެ.

މަންހާ އޭނަގެ ދިރިއުޅުމަށް މިހާބޮޑު ބަދަލުތަކެއް އައުމަކަށް ނޭދެއެވެ. ޔުނިވަރސިޓީގައި އޭނަ އާއިއެކު ކިޔަވަމުންދިޔަ ރަޙުމަތްތެރިއެއްގެ އެހީ އާއިއެކު މަންހާ އޭނަގެ ފަހު އަހަރުގެ ކިޔެވުން އެހެން ތަނަކަށް ބަދަލު ކުރަން ނިންމިއެވެ. އެންޓްރީ ލިބުމާއިއެކު މަންހާ އޭނަގެ އާއިލާއަށް އެހަބަރު ދިނެވެ. ވަސީމާ އާއި ސަޢީދު މަންހާގެ ކިޔެވުމަށް އެއްވެސް ހުރަހެއް އެޅޭކަށް ނޭދެއެވެ. އެހެންވެ މަންހާގެ ވާހަކަ އަޑުއަހާފަ އޭނަ އެހެން ޔުނިވަރސިޓީއަކަށް ބަދަލުވުމުގެ ހުއްދަދިނެވެ. މަންހާ އޭނަގެ މައިންބަފައިން ގާތު އެދުނީ އޮސްޓްރޭލިޔާގެ ޔުނިވާރސިޓީއަކަށް ބަދަލު ވުމަށެވެ. އެތަނުގެ ކިޔެވުމުގެ އަގު ހެޔޮވެފައި އެޔުނިވަރސިޓީއިން ކިޔެވުން ނިންމާލުމީ އޭނަ އެންމެ އެދޭކަންތައްކަމުގައި ބުނުމުންނެވެ. އަދި އިތުރު ކުދި ކުދި ކޯސްތަކެއްގެ ފުރުޞަތުވެސް އޮސްޓްރޭލިއާގައި އޮތްކަން އޭނައަށް އެނގިފައިވުމުންނެވެ. ހުރިހާ ހިތްހަމަ ނުޖެހުމަކާއި ދުރުގައި މަންހާގެ ހުރިހާ ސަމާލުކަމެއް ކިޔެވުމަށް ދޭން އޭނަ ބޭނުންވަނީއެވެ. ހާއްޞަކޮށް ވިޝާލް އާއި މޫސަމެންގެ ދެމަފިރިންނާއި ދުރުގައި އުޅެން މަންހާ ބޭނުންވީއެވެ.

ފުރިހަމަ ތިންއަހަރު މެލޭޝިޔާގައި ވޭތިކުރުމަށްފަހު މަންހާ އޭނަގެ ކިޔެވުން ނިންމާލީ އޮސްޓްރޭލިޔާއިންނެވެ. މޫސަ އާއި ނާޒިޔާގެ ދެމަފިރިން މަންހާ ދިއުމާއިގުޅިގެން އެމީހުންގެ ދިރިއުޅުމަށްވެސް ފަޅުކަމެއް އިޙްސާސް ކުރެވިގެންދިޔައެވެ. އެކަމާ އެންމެ ހިތާމަކުރީ ވިޝާލްއެވެ. އެއީ ކުރިން ފެންނަވަރަށްވެސް އޭނައަށް މަންހާ ނުފެންނާނެތީއެވެ.

* * * * *

"ވަސީ، އެކަމަކުވާ......މިހާ ދުވަސްވީއިރުވެސް ވަސީ ތައްޔާރުވާން ހާދަހާ އިރެކޭ ތިނަގަނީ، ޔަގީން އެމަންޖެ ނުކުންނަން ވާއިރަށްވެސް އަހަރުމެންނަށް ނުދެވޭނެކަން......" ސަޢީދުގެ ޖުމްލަ ފުރިހަމަ ނުކުރެވެނިސް ޝަރަފް އައިސް ދޮރުގައި ޓަކި ޖަހާލަމުން ހުޅުވާލިއެވެ.

"މަންމާ، މެހެމާނުންވެސް ގެއަށް ވަޑައިންނަވައިފި........ހަރީ އަޕް......." ޝަރަފް އެހެން ބުނެލަމުން އަވަސް އަވަހަށް ނުކުތެވެ.

ގޭތެރޭގައި އެންމެން ހަލަބޮލިވެ އުޅޭއިރު ހީވަނީ މިއަދަކީ ވަރަށް ހާއްސަދުވަހެއްހެންނެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ އެއްކަހަލަގެ ކުލަވަރުތަކެކެވެ. ގޭތެރޭގެ މާހައުލުގައިވަނީ އުފާވެރިކަމެވެ. ކޮންމެވެސް ބޮޑުކަމަކަށް ތައްޔާރުވަނީއެވެ. ވަސީމާ ތައްޔާރު ވެގެން ނުކުތުމާއިއެކު ހުރިހާ އެންމެން އަވަސްވެގަތީ އެމީހުން އެހާވަރަށް ތައްޔާރުވި މަގުސަދު ފުރިހަމަ ކުރުމަށްޓަކާއި ދާން އުޅޭ މަންޒިލާ ހަމައަށް ދިއުމަށެވެ.

އެއާޕޯޓުގެ އެރައިވަލް ގޭޓޫން ނުކުތް އަންހެން ކުއްޖާ ވަށައިގެން ހޯދާލިއެވެ. އަދި ޓްރޯލީ ހިފައިގެން ކުރިއަށް ދިޔައެވެ. އެރައިވަލް ކައިރިއަށް އެއްވެފައިތިބި މީހުންގެ ތެރެއިން ތަންކޮޅެއް ފަހަތުގައި މަޑުކޮއްލައިގެން ތިބި ބޮޑު އާއިލާއެއް ފެނުނެވެ. މޫނުމައްޗަށް ކުއްލިއަކަށް ވެރިކުރުވި ހިނިތުންވުމާއިއެކު އެރައިވަލްއިން ނުކުތް އަންހެން ކުއްޖާގެ ހިމަ ހޯލިތަކެއްފަދަ އިނގިލިތަކެއް ލިބިފައިވާ އަތްތިލައިން ހަނާއަޅާލިއެވެ. އަދި ކުރިއަށްވުރެ ހަރަކާތްތައް އަވަސްކޮއްލަމުން އެމީހުންނާއި ދިމާލަށް ހިނގައިގަތެވެ.

"ހޭ........ޔޫ ލުކް އޯސަމް ސިސް، ޖަސްޓް ސުޕާރބް.......ލައިކް އަ މޮޑެލް" ޝަރަފް ކުރިއަށް ނުކުމެ މަންހާގެ ޓްރޯލީގައި ހިފާލަމުން އެއްލޯމަރާލިއެވެ. އަދި މަންހާއަށް ތަޢުރީފު ކުރިއެވެ.

"ހޭ މަންކޮ..........މިސްޑް ޔޫ ސޯމަޗް.........ވެލް ކަމް ހޯމް" ޝަރަފް ދުރަށް ޖައްސާލަމުން މަންހާގެ ގައިގާ ބައްދާލި ޝިމާދު ބުނެލިއެވެ.

"އައި މިސްޑް ޔޫ ޓޫ ދޮންބޭ........ކޮބާތަ ހޫމް ހޫމް........." މަންހާ ބުނަން އެއުޅެނީ ކީކޭކަން ޝިމާދުއަށް ވަގުތުން އެނގުނެވެ.

"ތިއްތޭ ދެއްކިވާހަކައެއް ދޯ އެއީ" ޝިމާދު ޝަރަފްއަށް ބަލާލަމުން ހޭންފެށިއެވެ. ޝަރަފްގެ ލާނެތް ކަމާއިހެދިއެވެ.

ވަސީމާ އާޢި ސަޢީދުގެ ގާތަށް އާދެވުނު މަންހާގެ މޫނުމައްޗަށްވަނީ ހައިރާންކަން ވެރިވެފައެވެ. މައިންބަފައިން ފެނުމުން މަންހާ އުފާނުވަނިކީ ނޫނެވެ. އެކަމަކު ވަސީމާ އާއި ސަޢީދު އާއިއެކު ތިބި ހަތަރު މީހުން ފެނުނީމައެވެ. ވަސީމާ މަންހާގެ ގައިގާ ލޯތްބާއެކު ބައްދާލިއެވެ. އަދި އެދެލޮލުން އިސާހިތަކު ކަރުނަ އައެވެ.

"ތީ އެންމެ ހަތަރު އަހަރަށް ދިޔަ ކުއްޖާ، ތިއައީ ހައަހަރު ފަހުން، މަންމަމެން މަތިން ހަނދާންވެސް ނުވޭތަ........" ވަސީމާ އަތުގެ ނުފުށުން ލޯފޮހެލަމުން ބުނެލިއެވެ.

"އޯ ކަމޯން މަންމާ..........އަޅުގަނޑު ކޮންމެ ދުވަހަކު މަންމައަށް ގުޅަން......."މަންހާ އަނެއްކާވެސް އޭނަގެ މަންމަ ގާތްކޮއްލަމުން ބުނެލިއެވެ.

"ހަމައެކަނި ގުޅިޔަކަސް ނުވާނެއެއްނު، ދެކިލަންވެސް ބޭނުންވާނެއެއްނު، މިހެން ކައިރީގައި ހުންނައިރު ވާގޮތެއް ދުރުގައި ހުރުމުންނެއް ނުވާނެއެއްނު، މަންމަގެ ހިތް ބައެއް ފަހަރަށް ވަރަށް ބިރުގަނޭ، ދަރިފުޅަށް ކަމެއްވެދާނެތީވެ......" ވަސީމާ އަދިވެސް މަންހާގެ ގައިގާ ފިރުމަނީއެވެ.

"ހިނގާ އަވަހަށް ގެއަށް ދަމާ........." ސަޢީދު ވަސީމާ އާއި މަންހާގެ ކޮނޑުގައި އަތްލަމުން ބުނެލިއެވެ.

މަންހާ ބަލާލީ އޭނަގެ މައިންބަފައިންނާއިއެކު އެތާތިބި ހަތަރު މީހުންނަށެވެ. ނާޒިޔާގެ ދެމަފިރިންނާއި އެމީހުންގެ ހަގު އަންހެން ދަރިފުޅާ ވިޝާލްއެވެ. މަންހާ ވިޝާލްއަށް ބަލާލީ ވަރަށްވެސް ފުންނަޒަރަކުންނެވެ. އަދި އެހިތުގައި އެއްފަހަރާ އެތަށް ސުވާލެއް އުފެދިގެން ދިޔައެވެ. މަންހާ އެދެމަފިރިންނަށް ހިނިތުންވެލަމުން ވިޝާލްގެ ގާތަށް ޖެހިލިއެވެ. އެއާއެކު މޫސަމެންގެ ދެމަފިރިންނާއި އޭނަގެ އަންހެން ދަރިފުޅު މަންހާގެ ޢައިލާ އާއިއެކު ކުރިއަށް ހިނގައިގަތެވެ. އެމީހުންގެ ފަހަތުގައި ވިޝާލް އާއި މަންހާ ތިބެ ކުރިއަށް ދިޔައެވެ. މަންހާ އޭނަގެ ބޮލާއެކުގައި އަޅާލެވިފައިވާ ޝޯލް ނެގިއެވެ. އެއާއެކު އެރީތި ދިގު ފަންއިސްތަށިގަނޑު ވައިގެ ތެރޭ އުދުހިގަތެވެ. މަންހާ ޖަހާފައިވާ ސެންޓުގެ ވަސް ކައިރީގައި ހުރި ވިޝާލްގެ ނޭފަތުގައި ޖެހުނެވެ. އޭނަގެ ހުރިހާ ހިއްސެއް ހޭލައިގަތްކަހަލައެވެ.

ވިޝާލް މަންހާއަށް އެއްޗެއް ބުނަން އަނގަހުޅުވާލި ތަނާހެން ޝަރަފް އައިސް އެދެމީހުންގެ މެދަށް ވަދެއްޖެއެވެ.

"އަޅެ މަގޭ ސިސް ރީއްޗެއް ނޫންތަ؟ ބްރޯ ވަޓް ޔޫ ސޭ.......ޝީ ލުކް އޯސަމް ދޯ، މިހާރު ހީވަނީ މުޅިން އެހެން މީހެއްހެން" ޝަރަފު ވިޝާލްގެ ކޮނޑަށް އެއްއަތްވައްޓާލަމުން ބުނެލިއެވެ.

"ހޫމް.....ޔޫ އަރ ރައިޓް، ޔޫ ލުކް ބިއުޓިފުލް މަންހާ.........އޭސް އޯލްވޭސް" ވިޝާލް މަންހާއަށް ބަލާލަމުން ބުނެލިއެވެ. އެތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައިވިޔަސް އޭގެ ފަހަތުގައި ފަރުދާވެފައިވާ ވޭނާ ކެކުޅުން ފެންނަމުންދިޔައީ ހަމައެކަނި މަންހާއަށެވެ. ޝަރަފުވެސް ވިޝާލްއަށް ބަލާލީ އެމޫނުމަތިން ކަމެއް ދެނެގަންނަން ބޭނުންވާފަދަ ގޮތަކަށެވެ.

އެއަރޕޯޓުން މާލެ އައުމަށް ލޯންޗަށް އެރި ދެއާއިލާވެސް އަރާ ހަމަޖެހިލިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭ މާލެއަށް އާދެވިއްޖެއެވެ. އަވަސް އަވަހަށް އެންމެންވެސް ބެލީ މަންހާގެ ފޮށި ކާރުގެ ޑިކީއަށް ލުމަށްފަހު އަވަހަށް ގެއާދިމާލަށް ދެވޭތޯއެވެ.

ކާރުން ފޭބި މަންހާ އޭނަގެ އަތުގައި އަޅުވާލެވިފައިވާ ދަބަހުގެ ތެރެއަށް އަތްކޮއްޕާލުމަށްފަހު އޭނަގެ އައިފޯން ނަގާ ނަންބަރަކަށް ޑައިލްކޮއްލިއެވެ.

"ސަޕްރައިޒް..... ހޭ މާނީ، އައިމް ބެކް، ޓެލް އެވްރީވަން..... ޕްލީޒް މިރޭ އަނައްޗޭ މިގެއަށް" މަންހާގެ ތުންފަތަށް ވެރިވި އާދަޔާ ހިލާފު ހިނިތުންވުމާއިއެކު ބުނެލިއެވެ. މަންހާ އޭނަގެ ރަޙުމަތްތެރިން ދެކިލުމަށާއި ބައްދަލުކޮއްލުމަށް ވަނީ ކެތްތެރިކަން ކުޑަވެފައެވެ. އެހެނީ އެމީހުންނީ އޭނަގެ ދިރިއުޅުމުގައި ބޮޑުރޯލެއް އަދާކޮއްދީފައިވާ ބަޔަކަށްވުމެވެ.

"ޝުއަރ، މައްސަލައެއް ނޯންނާނެ، ހަމަ މިހާރު މި މެސެޖު ފޮނުވާލަނީ.... ހޭ މަން ކޮންއިރަކު އައީ؟" އަމާނީ އުފަލުން ހުރެ އަހާލިއެވެ.

"ހަމަ ދެންމެ މިއައީ، މިއަދި ގެއަށްވަނީ.... އޯކޭ ބާއި، މިވަގުތު ދެން ބާއްވަނީ...... ކޮންމެ ގޮތެއް ހަދާފަވިޔަސް މިރޭ އަންނަންވާނެ" މަންހާ އަމާނީ ލައްވާ ވައުދުކުރުވިއެވެ.

ގޭތެރޭގައި އެންމެން ހަމަޖެހިލުމާއި އެކު މަންހާ އާއި އެކިއެކި ސުވާލުތައް ކުރަންފެށިއެވެ. އެކަމަކު އޭނަ އެންމެންގެ ގާތުން ހުއްދައަކަށް އެދުނީ އަރާމުކޮއްލަން އޭނަގެ ކޮޓަރިއަށް ދިއުމަށެވެ. ސަޢީދު އެންމެނަށްވުރެ ކުރިން މަންހާއަށް ހުއްދަދީފިއެވެ. އަރާމުކޮއްލައިގެން ތިރިއަށް އައުމަށް ސަޢީދު ބުންޏެވެ. އަދި ޝިމާދު ގާތު މަންހާގެ ފޮށި ގެންގޮސް އޭނަގެ ކޮޓަރިއަށް ލާދިނުމަށް އެދުނެވެ. ޝިމާދު ފޮށި ހިފައިގެން ސިޑިން އަރަންވާއިރަށް މަންހާ އަވަސް އަވަހަށް ގޮސް އޭނަގެ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އޭނަގެ އަމިއްލަ ކޮޓަރި ފެނި އެހިތަށް ފިނިކަން ލިއްބައިދިނެވެ. އޭނަގެ ހުރިހާ އުފާތަކާއި އޭނައަށް ލިބުނު ހުރިހާ ހިއްދަތިކަމެއް ހިއްޞާކުރީ އެ ކޮޓަރީގައެވެ. މަންހާއަށް އެނދުމައްޗަށް ބަލާލުމާއިއެކު އޭނަ ހޯދަން ބޭނުންވި އެތި ފެނުނެވެ. ބޯލާކޮޅުގައި ބަހައްޓާފައިވާ ދެބާލީހުގައި ލައްކޮއްލާފައި އެއިނީ އޭނަގެ ސްޕޮންޖު ބޮބް ބާލީހެވެ. އަވަހަށް ގޮސް އެބާލީސް ނަގާ މޭގާ ޖައްސާ ބާރުކޮއްލިއެވެ. މަންހާއަށް ހަމަހޭވެރިކަން ވީ ޝިމާދު ގޮވާލިއަޑަށެވެ. އޭނަ އޮޅުންފިލުވީ ފޮށި ބަހައްޓަންވީ ތަނެކެވެ. ޝިމާދު މަންހާ ދެއްކި ހިސާބުގައި ފޮށި ބަހައްޓާދީފައި ދިއުމުން މަންހާ އޭނަގެ ކޮޓަރީގެ ދޮރު ލައްޕާ ތަޅުލިއެވެ. އަދި އަތުގައި އޮތް އަތްދަބަސް ތިރީ ކާޕެޓުމައްޗަށް ވައްޓާލަމުން އަވަސް އަވަހަށް އެނދުމައްޗަށް ވެއްޓިގަތެވެ.

"އައި މިސްޑް ޔޫ..... ސޯ މަޗް.... ވެއަރ އަރ ޔޫ ދާއިން...." ފުންނޭވާއެއް ބޭރުކޮއްލުމަށްފަހު ސްޕޮންޖު ބޮބް ބާލީސް ގެނެސް މޭގައި ޖައްސާލައިގެން އޮވެ ބުނެލިއެވެ.

ދިގު ދަތުރުގެ ސަބަބުން މަންހާއަށް ލިބިފައިވާ ވަރުބަލިކަން ފިލުވާލުމަށްޓަކައި އޭނަ ފެންވަރާ ތާޒާވެލިއެވެ. އަދި ފޮށި ހުޅުވާލުމާއިއެކު އޭނަ ލާނެ ޓޮޕަކާއި ދިގު ސްކާޓެއް ތައްޔާރުކޮއްލިއެވެ. ލޯގަނޑު ކުރިމަތީހުރެ މަންހާ އޭނަގެ އަމިއްލަ ސޫރައަށް ބަލާލަމުން ފަރާތްފަރާތަށް އެނބުރިލިއެވެ. އޭނަ ބަލަން ބޭނުންވީ ޝަރަފް އަސްލުގައި ވެސް އެ ދައްކަނީ ހަމަތެދުވާހަކަ އަކީތޯއެވެ. އުނަގަނޑުގައި ދެއަތް ވިއްދާލަމުން ހަށިގަނޑު އިތިކޮއްލިއެވެ.

(ނުނިމޭ)