ދުނިޔެ

ސައުދީ ވަލީއަހުދު މެންޗެސްޓާ ޔުނައިޓެޑް ގަންނަން އުޅޭ ވާހަކަ ދޮގުކޮށްފި

Feb 18, 2019

ރިޔާދު (ފެބްރުއަރީ 18) - ސައުދީ އަރަބިއްޔާގެ ވަލީއަހުދު އިސްވެ އިނގިރޭސި ފުޓުބޯޅަ ކްލަބް މެންޗެސްޓާ ޔުނައިޓެޑް ގަންނަން އުޅޭކަމުގެ ވާހަކަތައް ސައުދީ ސަރުކާރުން ދޮގުކޮށްފި އެވެ.

ގާތްގަނޑަކަށް ހަތަރު ބިލިއަން ޑޮލަރަށް އަގުކޮށްފައިވާ ޔުނައިޓެޑް ގަތުމުގެ މަސައްކަތް ވަލީއަހުދު ފަށްޓަވާފައިވާކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމުގައިވާ "ދަ ސަން" އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

މީގެ ދެ އަހަރު ކުރިން ޔުނައިޓެޑް އާއެކު ސައުދީން ސޮއި ކުރި "ސްޓްރެޓީޖިކް ޕާޓްނަޝިޕް" އެއްބަސްވުމަށްފަހު، އެ ކުލަބް ގަންނަން ސައުދީން ޝައުގުވެރިވާކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

ނަމަވެސް، ސައުދީގެ މީޑިއާ މިނިސްޓަރު ވަނީ އެ ރިޕޯޓު ދޮގުކުރައްވައިފަ އެވެ.

އެމެރިކާގެ މަހުޖަނު އާއިލާއެއްކަމަށްވާ ގްލޭޒާ އިން ޔުނައިޓެޑް ގަތީ 2005 ވަނަ އަހަރެވެ. އަދި އިނގިރޭސި ޕްރެމިއާ ލީގު 20 ފަހަރަށް ހޯދާފައިވާ ޔުނައިޓެޑް ނިއު ޔޯކް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރީ 2012 ވަނަ އަހަރެވެ. ޔުނައިޓެޑަކީ މުޅި ދުނިޔޭގައި ވެސް އެންމެ މުއްސަނދި އެއް ކުލަބެވެ. މިއަހަރު ވެސް 800 މިލިއަނަށް ވުރެ ގިނަ ޑޮލަރު އާމްދަނީގެ ގޮތުގައި ހޯދޭނެކަމަށް އެ ކުލަބުން ވަނީ ލަފާކޮށްފަ އެވެ.

އެ ރިޕޯޓު ދޮގު ކުރި ނަމަވެސް، ސައުދީގެ މީޑިއާ މިނިސްޓަރު ވިދާޅުވި ގޮތުގައި، ސައުދީގެ ސޮވެރިން ވެލްތު ފަންޑުން ޔުނައިޓުގައި ސްޕޮންސާ ކުރުމުގެ އެއްބަސްވުމަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި، ނަމަވެސް އެއްބަސްވުމަކާއި ހަމައަށް އަދި ނާދެވޭ ކަމަށެވެ.