ދުނިޔެ

ގަލްފު ގައުމުތަކާއި ގުޅުން ރަނގަޅުކުރަން އިރާން ތައްޔާރު

Feb 18, 2019

ތެހެރާން (ފެބްރުއަރީ 18) - މެދުއިރުމަތީގެ ސުލްހައަށްޓަކައި، އަވަށްޓެރި ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރަން އިރާނު އޮތީ ތައްޔާރަށްކަމަށް އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ސަރަހައްދުގައި ހަމަނުޖެހުން ބޮޑުވެފައިވާ ސީރިއާ އަދި ޔަމަނުގައި ކުރަމުންދާ ހަނގުރާމައިގެ ދެކޮޅުގައި އިރާނާއި ސައުދީ އަރަބިއްޔާ ތިބި އިރު، ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، މެދިއިރުމަތީގައި ސުލްހަ ގާއިމުކުރަމަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފަ އެވެ.

ނަމަވެސް، 2015 އަހަރު ވެފައިވާ ނިއުކުލިއާ އެއްބަސްވުން ބާތިލުކޮށް، ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާއެކު، އިރާނަށް ކުރިމަތިވެފައިވާ ޕްރެޝަރު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

"މެދުއިރުމަތީގެ ސަލާމަތަށްޓަކައި ސަރަހައްދުގެ ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރުމަށް އިރާނު އޮތީ ތައްޔާރަށް،" ދައުލަތުގެ ޓީވީ މެދުވެރިކޮށް ރޫހާނީ ވިދާޅުވި އެވެ.

"ސަރަހައްދުގެ ގައުމުތަކާއެކު ރަހުމަތްތެރި ގުޅުން ގާއިމުކުރަން އިރާނުން ބޭނުންވޭ، އެއްވެސް އިރެއްގައި، އިރާނަކީ އިސްވެ ކުރިމަތިލުމަކަށް ދިޔަ ގައުމެއް ނޫން،" ރޫހާނީ އިތުރަށް ވިދާޅުވި އެވެ.

އިރާނާއި ދެކޮޅަށް ދޭ ހަމަލާތަކުގެ ފަހަތުގައިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ސައުދީގެ އިތުރުން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީއިން) ވާގިދޭ ކަމުގެ ތުހުމަތު އިރާނުން ދަނީ ތަކުރާރުކޮށް ކުރަމުންނެވެ.