ދަރުމަންވަންތަ ޕާޓީ އުފެއްދުމުގައި ކުރަން ޖެހޭ ކަންތަށް ކުރުމުގެ ހުއްދަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.
ދަރުމުންވަންތަ ޕާޓީ އުފައްދަން އީސީގައި އެދިފައި ވަނީ، ދިވެހި އޮބްޒާވަރުގެ ނަމުގައި ޓެބްލޮއިޑް ނޫހެއް ހިންގެވި އަދި އެމްޑީޕީ އުފެއްދުމާއި ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އިސްކޮށް އުޅުއްވި އަހުމަދު ޝަފީގު މޫސާ، ޑީއޯ ސައްޕެ އެވެ. ދަރުމަވަންތަ ޕާޓީވެސް އުފެއްދުމަށް 3،000 ސޮއި ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ އެވެ.
ޑީއޯ ސައްޕެ ވިދާޅުވި ގޮތުގައި، އޭނާ ޕާޓީއެއް އުފައްދަވަން ނިންމެވީ ރާއްޖޭގައި މިހާރު ހަގީގީ ދިވެހި ރައްޔިތުން ތަމްސީލް ކުރާ ޕާޓީއެއް ނެތުމުން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ޕާޓީއެއް އުފެއްދުމުގެ ވިސްނުމުގަ އެވެ. އަދި ދަރުމަވަންތަ ޕާޓީ ވެގެން ދާނީ ފައިސާ ވެރިންނާއި ނުފޫޒު ގަދަ ސިޔާސީ ވެރިންގެ އަތްދަށު ނުވެ ރައްޔިތުންގެ ފިކުރާ އެއްގޮތަށް ހިނގާ ޕާޓީއަކަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި 2023 ގައި ރިޔާސީ ރޭހަށް ނުކުތުމަކީ ވެސް އެ ޕާޓީގެ އަމާޒު ކަމަށް ސައްޕެ ވިދާޅުވި އެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ ސައްޕެއަށް ދިން އިރު، އޭނާ ގެންދަވަނީ އަމިއްލަ ގޮތުން މާމިގިލީ ދާއިރާއަށް ކުރިމަތިލެއްވުމަށް މަސައްކަތް ކުރައްވަމުން އެވެ. މާމިގިލީ ދާއިރާއަށް މިހާރުވެސް، އެ ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމް ކުރިމަތިލައްވަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގެ މިފަހުން ވަނީ، ޕީއެންސީ އާއި ލޭބާ ޕާޓީ އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީ ރަޖިސްޓްރީ ކޮށްދީފަ އެވެ.