ވިޔަފާރި

މިފްކޯ އިން ގަލްފް ފުޑް ޓްރޭޑް އެކްސްޕޯއަށް

Feb 18, 2019

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް ގަލްފްފުޑް ޓްރޭޑް ޝޯގައި ބައިވެއްޖެ އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ބުނީ ގަލްފްފުޑް ޓްރޭޑް ޝޯ ގައި ބައިވެރިވުމުގެ މަގުސަދަކީ މެދުއިރުމަތީގެ ގައުމުތަކަށް ހާއްސަކޮށް މިފްކޯގެ އުފެއްދުންތައް ޕްރޮމޯޓް ކުރުން ކަމަށެވެ.

ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ގަލްފް ޓްރޭޑް ޝޯ ކުރިއަށް ދަނީ މި މަހުގެ 17-21 ގެ ނިޔަލަށެވެ. މިއީ ދުނިޔޭގައި މިގޮތަށް ބާއްވާ އެންމެ ބޮޑު އެއް ފެއާ އެވެ.

މިފްކޯގެ އެކްޓިން އެމްޑީ އިސްލާއިލް ފައުޒީ އަވަސް އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އާ މެނޭޖުމަންޓުން މިފްކޯގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މިފްކޯގެ މައި ކާރުހާނާ ފެލިވަރު އަޕްގްރޭޑް ކޮށް މަސައްކަތް ހިންގަން ފަށަން ވާއިރަށް އެކަށީގެންވާ މާކެޓުތައް ހޯދުމެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ވަނީ ރާއްޖެ އިން ބޭރުކުރާ ރޯމަސް މަދުކޮށް ވެލިއުއެޑިޝަން އަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ބުނެފަ އެވެ. މިގޮތުން ފެލިވަރު އިތުރަށް ތަރައްގީ ކުރުމާއި ކޫއްޑޫގެ ކެޕޭސިޓީ މަތިކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.