މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ގައުމިއްޔަތު ކުރިއަރުވަން ލަފާދޭ ކޮމިޓީ އެއް އުފައްދައިފި

ގައުމިއްޔަތު ކުރިއެރުވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ލަފާދޭ ކޮމިޓީއެއް މިއަދު ހޯމް މިނިސްޓްރީން އެކުލަވާލައިފި އެވެ.

މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ވެސް މިއަދު ހޯމް މިނިސްޓްރީގަ އެވެ. އެ ކޮމިޓީން ޒިންމާއަކީ ހޯމް މިނިސްޓްރީން ފާހަގަކުރާ ގައުމީ އެކިއެކި މުނާސަބަތުގައި، ބައިވެރިވާ ފަރާތްތަކުގެ ހިތްތަކުގައި ވަތަނީ ރޫހް އާލާ ކުރުމަށް މަސައްކަތް ކުރުމާއި، އެކަންކަން ކުރެވިދާނެ ގޮތްތަކުގެ މައުލޫމާތު މިނިސްޓަރު އިމްރާންއަށް އެރުވުމެވެ.

އެ ކޮމިޓީގައި ހިމެނި ވަޑއިގަންނަވަނީ ނުވަ ބޭފުޅެކެވެ. އެބޭފުޅުންގެ ތެރޭގައި ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫނާއި، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވެސް ހިމެނި ވަޑައިގަންނަވަ އެވެ. މީގެ އިތުރުން އެ ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަކީ، އަހްމަދް ޝާކިރު، އާދަމް ނަސީރު އިބްރާހީމް، އަންވަރު އިބްރާހީމް، އައްބާސް އިބްރާހީމް، އަބްދުއް ރަޝީދު ހުސެއިން، އަދި އަހުމަދު އަލާ އެވެ.

ރައްޔިތުންގެ މެދުގައި ގައުމީ ރޫހު އާލާކޮށް، ދިވެހި ގައުމިއްޔަތުގެ ސިފަތަށް ލިބިފައިވާ މުޖްތަމައެއް ބިނާކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީ އަށް ހަވާލުކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ.