ހަބަރު

މާރިޔާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަނީ

Feb 18, 2019
10

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް އިދިކޮޅު ފަރާތްތަކުން ނިންމައިފި އެވެ.

ޕީޕީއެމާއި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރު ޖަވާބު ދާރީ ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ފައްޓަވާނެ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށއް ވެއްދުން ކަމަށެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ފެށުމުން އެންމެ ފުރަތަމަ ކުރައްވާނީ އެ މަސައްކަތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި ގައުމުގެ މިނިވަންކަން ބޭރު ބަޔަކަށް ދޫކޮށްލަން ވިދާޅުވެފައި ނުވަތަ އޭގެ އިންޒާރު ދީފައި ދެން އެހެން ނުތިބެވޭނެ، އެހެންވެ ޕީއެންސީއާއި ޕީޕީއެމް އިސްނަގައިގެން މި މައްސަލަ މި ވައްދަނީ މާރިޔާގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި އެ މަސައްކަތް ކުރާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ފޮރިން މިނިސްޓަރާއި އެހެނިހެން މިނިސްޓަރުގެ އަމަލުތަކާއި ވާހަކަތައް ވެސް ވަރަށް ކައިރިން ބަލަމުންދާނެ ކަމަށެވެ. އެއަށް ފަހު ފަހަރަކު މީހެއްގެ ފަހަތުން ދާނެ ކަމަށާއި އެންމެން ހަމަ މަގަށް އެޅުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އިދިކޮޅުގައި ތިބެފައި ސަރުކާރަށް އައިސް އަނެއްކާ އިދިކޮޅަށް އައި ބައެއް، އެހެންވެ ކުރިޔަށްވުރެ އަޅުގަނޑުމެން ފަރިތަވާނެ މިހާރު އިދިކޮޅުގައި ތިބެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިިނިސްޓަރު މާރިޔާއާމެދު މި ފަހުން އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވީ އިންޑިޔާއަށް ރާއްޖެ ހިފިދާނެ ކަމަށް އިންޑިޔާގެ މީޑިއާއަކަށް ދެއްވި އިން ވިދާޅުވި މައްސަލައިގަ އެވެ. ނަމަވެސް އެކަމަނާ ވިދާޅުވެފައި ވަނީ އެ ވާހަކަތައް ފަތުރީ މާނަ އޮޅޭ ގޮތަށް ސިޔާސީ ބޭނުމެއްގައި ކަމަށެވެ.