ފޮރިން މިނިސްޓްރީ

އެމެރިކާގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު އެ ގައުމަށް ފުރާވަޑައިގެންފި

އެމެރިކާ ސަރުކާރުގެ ދައުވަތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމަޔަށް ޝާހިދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ، އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކަލް ރިޗާޑް ޕޮމްޕެއޯގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. ވޮޝިންޓަނަށް ކުރައްވާ މިދަތުރުފުޅުގައި، ދެ އެއްބަސްވުމެއްގައި މިނިސްޓަރު ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީއިން ބުނި ގޮތުގައި މިނިސްޓަރު ސޮއިކުރައްވާނީ، އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާއި ރާއްޖޭގެ ތަރައްގީއަށް ޔޫއެސްއެއިޑްގެ އެހީތައް ދިނުމާ ގުޅޭ އެއްބަސްވުމެއްގަ އެވެ.


މި ދަތުރުފުޅުގައި މިނިސްޓަރު ބައްދަލު ކުރައްވާނެ ބޭފުޅުންނަކީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި، އެމެރިކާގެ ޓްރޭޑް ރެޕްރެސެންޓޭޓިވް އޮފީހާއި، ޔޫއެސްއެއިޑް އަދި އޯވަސީސް ޕްރއަިވެޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ގެ އިސްވެރިންނާ އެވެ.

އެ މިނިސްޓްރީ އިން ބުނީ، ޝާހިދުގެ މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ، ރާއްޖެ އާއި އެމެރިކާ އާއި ދެމެދުއޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭނޭ ކަންކަމާއިމެދު މަޝްވަރާކޮށް އެ ކަންކަމަށް އަމަލީ ސިފަގެނައުން ކަމަށެވެ.

އެ ދަތުރުފުޅަށް ފަހު މިނިސްޓަރު ސުވިޒަލޭންޑުގެ ޖެނީވާއަށް މިމަހު 25 ވަނަ ދުވަހު ވަޑައިގަންނަވާނެ އެވެ. މިދަތުރުފުޅަކީ، އދ ގެ ހިޔުމަން ރައިޓްސް ކައުންސިލްގައި ބައިވެރިވުމަށް ކުރައްވާ ދަތުރު ފުޅެކެވެ. އެ ދަތުރުފުޅަށް ފަހު މިނިސްޓަރު ދެން ވަޑައިގަންނަވާނީ، ޔޫއޭއީގެ އަބޫދާބީގައި ބާއްވާ 46 ވަނަ ފޮރިން މިނިސްޓަރުންގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ގައުމަށެވެ.

މިދަތުރު ފުޅުތަކުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދް ހަލީލް ބައިވެރިވެ ވަޑައިގަންނަވަ އެވެ.