އަބްދުﷲ ރިޔާޒް

މާރިޔާގެ އިތުބާރު ނެތްކަމަށް ހުށަހަޅާ މައްސަލައް ފެއިލް ކޮށްލާނަން: ރިޔާޒު

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދި ނަމަވެސް އެ މައްސަލަ ފެއިލް ކޮށްލާނެ ކަމަށް ކިބިނދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

މިއަދު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ބޭއްވި ކޮންގްރެސްގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ކަހަލަ ވާހަކަ ޑިފެންސް މިނިސްޓަރު މާރިޔާ ދައްކާފައިވުމުގެ ސަބަބުން އަންނަށް ހަފްތާގައި މަޖިލިސް ހުޅުވާއިރު މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެވެ.

އަބްދު ރަހީމް އެ އިޝާރާތް ކުރެއްވީ، މިނިސްޓަރު މާރިޔާ މިފަހުން އިންޑިއާ ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، އެގައުމުގެ މީޑިއާ އަކަށް ދެއްވި އިންޓަވިއުކާ ގުޅިގެންނެވެ. ނަމަވެސް މިކަމާ ގުޅިގެން މާރިޔާއަށް ފާޑު ކިޔުން އަމާޒުވުމުން ޑިފެންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަފުޅު ރާއްޖޭގެ ބައެއް މީޑިއާތަކުން ގެނެސްދީފައިވަނީ އޮޅުވާލައިގެން ކަމަށެވެ.

އަބްދުﷲ ރިޔާޒް ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ އަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓި އެވެ. މަޖީލިހުގެ މެޖޯރިޓީ ޕާޓީ އަކީ ޑިފެންސް މިނިސްޓަރު މާރިޔާ ނިސްބަތްވާ އެމްޑީޕީ އެވެ.