ކުޅިވަރު

8 ޓީމާއެކު ގައްދޫ ފުޓްސަލް ކަޕް ފަށައިފި

Jul 4, 2015

ގދ. ގައްދޫ އަލީކަލޭފާނު ފައުންޑޭޝަނުން އިންތިޒާމް ކުރާ ކިކްއޯފް ގައްދޫ ފުޓްސަލް މުބާރާތް އަށް ޓީމާއެކު ރޭ ފަށައިފި އެވެ.

ގައްދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އިސްމާއީލް ޝަމީމް ޝަރަފުވެރިކޮށްދެއްވި މުބާރާތް ހުޅުވަން ރޭ ކުޅުނު މެޗުގައި ބީޗްބޯއީސް އާއި ރިއަލްސީ ކުޅުނު މެޗު ނިމުނީ 2-2އިން އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބީޗްބޯއީސްގެ އަލީ ޝުޖާއު އެވެ. އެސްޓީއޯގެ ޕިލިޕްސް ބްރޭންޑުން ސްޕޮންސާކޮށްފައިވާ މި މުބާރާތުގައި މި ދެ ޓީމުގެ އިތުރުން ގްރޫޕް އޭގައި ދެން ހިމެނެނީ ވާދަވެރިޔާ އާއި ޕެރިސްޕާކް ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ގައްދޫ ޕޮލިސް ޓީމާއި ޔޫތުބޯއީސް އަދި އެފްސީ ބޮއްކުރާ އާއި ގަސްދޮށު ޓީމެވެ.

ޗެމްޕިއަން ޓީމަށް 18،000ރ. އަދި ދެ ވަނަ ޓީމަށް 8000ރ. ހުށަހަޅާފައިވާ މުބާރާތް ރެއިން ފެށިގެން މި މަހުގެ 13 އަށް ކުރިއަށްދާނެ އެވެ. ކޮންމެ ރެއަކު ދެ މެޗު ކުޅޭ މި މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ގައްދޫއަލީކަލޭފާނު ފައުންޑޭޝަނުން ބުނީ މި މުބާރާތަކީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާ ކުރުމަށާއި އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މުބާރާތް ކުރިއަށްދަނީ މެއިން ސްޕޮންސަރ ކަމަށްވާ ޕިލިޕްސް އާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުގައި ކަމަށްވާތީވެ އެ ދެ ފަރާތަށް ވަރަށް ބޮޑު ޝުކުރުއަދާކުރާ ކަމަށެވެ.

އަދި މުބާރާތް ކުރިއަށް އޮތްތަނުގައި މިއަށްވުރެ ފުޅާކުރާނެ ކަމަށް ވެސް އެ ފައުންޑޭޝަނުން ބުނެ އެވެ.