ފައިސަލް ނަސީމް

އަލިފާން ރޯވި ބޯޓްގައި ތިބި މީހުންގެ ހާލު ނައިބު ރައީސް ބައްލަވައިފި

ސަތާރަ މީހުންނާ އެކު، ދަތުރުކުރަނިކޮށް މިއަދު އަލިފާން ރޯވި، ފުވައްމުލަކު "ރާވަނާ" ބޯޓުން ދަތުރުކުރި މީހުންގެ ހާލު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްލަވާ ލައްވައިފި އެވެ.

ފ. ފިލިތެޔޮ ކައިރިން ދަތުރު ކުރަމުން ދަނިކޮށް ރޭ ފަތިހު، "ރާވަނާ" ބޯޓްގައި އަލިފާން ރޯވެ، އޭގެ ތެރެއިން އެކަކު ހާލު ދެރަވެގެން ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.

ނައިބު ރައީސް ފައިސަލް މިދޯނިން ދަތުރު ކުރި މީހުންނާ ބައްދަލު ކުރައްވައި ހާލު ބެއްލެވީ، އެ މީހުން ސަލާމަތްކޮށް މިއަދު ކޯސްޓު ގާޑްގައި އެމީހުން މާލޭ ގެނައި ވަގުތު ރައީސް އޮފީސް ކުރިމަތީ ފާލަން ކައިރިން އެވެ. ނައިބު ރައީސްގެ ފައިސަލްގެ އަރިހުގައި ރައީސް އޮފީހުގެ މިނިސްޓަރު، އަހުމަދު ނަސީމް ބައިވެރިވެ ވަޑައިގެންނެވި އެވެ. "ރާވަނާ" އަކީ ފުވައްމުލަކަށް ނިސްބަތްވާ މުދާ އުފުލާ ބޯޓެކެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އަކީވެސް ފުވައްމުލަކު ބޭފުޅެކެވެ. އެ ބޯޓްގައި ތިބީ ހަތް ދިވެހިންނާއި 10 ބިދޭސީން އެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅެވެ.