ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދް ދީދީގެ އިތުބާރު ނެތްކަމަށް ޕީޕީއެމްއިން މަޖިލީހަށް ވައްދާނެ ކަމަށް ބުނުމުން، މިނިސްޓަރު ދިފާއު ކުރައްވައި ފާރިސް އެކަމާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވައިފި އެވެ.
ފާރިސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާރިޔާ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިފިނަމަ ވޯޓު ދޭނީ މާރިޔާއާ އެއްކޮޅަށް ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި އެމަނކިފާނުގެ ކެބިނެޓުގެ ފުރިހަމަ އިތުބާރު މިނިސްޓަރު މާރިޔާއަށް އެބަ އޮތް ކަމަށްވެސް ފާރިސް ވިދާޅުވި އެވެ. އަދި މާރިޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.
ފާރިސް މާރިޔާގެ ދިފާއުގައި ވާހަކަ ދެއްކެވި އިރު، މިއަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ފާރިސް ކުރިމަތިލައްވަނީ މާރިޔާ މެންބަރުކަން ކުރެއްވި މައްޗަންގޮޅި އުތުރު ދާއިރާއަށެވެ. މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގަތުމަށް މާރިޔާ ވަނީ މެންބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ކިބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިސް އަށް ހުށަހެޅިޔަސް، އެމައްސަލަ ފެއިލް ކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން، އޭރުގެ އިދިކޮޅު ޕާޓީތައް އެކުވެގެން އެކުލަވާލި ކޯލިޝަންގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެކަމާ ގުޅިގެން ގިނަ ދުވަސްތަކެއްގައި ފާރިސް ޖަލުގައި ބަންދުވެސް ކުރި އެވެ. މިނިވަންވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އެވެ.
މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް، އިއުލާން ކުރީ ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީއެންސީގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިސްޓަރުގެ މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފަދަ ވާހަކަތަކެއް ދައްކަވާފައިވާތީ އެވެ.