ފާރިސް މައުމޫން

ފާރިސްގެ އުއްމީދީ ވާހަކަތަކެއް ދިއްގަރު ދާއިރާއަށް!

"ކުރިއަށް މިއޮތް ހަ މަސް ދުވަހުގެ ތެރޭގައި ދާއިރާއަށްޓަކައި ހިފެހެއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" 14 މަހަށްވުރެ ގިނަ ދުވަހު ޖަލުގައި ހޭދަ ކުރެއްވުމަށްފަހު އެނބުރި ވަޑައިގެން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އެންމެ ފުރަތަމަ ވެސް ދެއްވަން ބޭނުންވި ޔަގީންކަމަކީ މިއީ އެވެ. ޖަލުގައި ހުންނަން ޖެހުމުން އޭނާގެ ދާއިރާއަށް ވެފައިވާ އިހުމާލު ފޫބެއްދުމަށް ހުންނެވީ އަތުކުރި އޮޅާލައްވައިގެންނެވެ.

"އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ފާރިސް ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން އޭނާ ކުރައްވާ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދާއިރާގެ މަސައްކަތަށް ކަމަށެވެ. ވޭތުވެދިޔަ 14 މަހުގެ ތެރޭގައި ދާއިރާގެ އަޑު މަޖިލީހުގައި އެއްކޮށް ކަނޑުވާލާފައިވާއިރު އޭނާ ހައްޔަރުކުރުމުގެ ކުރިން ވެސް ދާއިރާއާމެދު ސަރުކާރުން ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ވިދާޅުވި އެވެ.

"ދާއިރާ އޮތީ ސަރުކާރުގެ ފަރާތުން ވަރަށް ބޮޑަށް އިހުމާލުވެފައި، މި އަހަރުގެ ބަޖެޓް ހުށަހެޅުނުއިރު ވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވުނު އެހެން ދާއިރާތަކާ އަޅާ ބަލާއިރު ތަފާތުކޮށް ދާއިރާއަށް ބޭނުންވާ އެންމެ ޒަރޫރީ ކަންތައްތައް ވެސް ނުހިމަނާ،" ފާރިސް ވިދާޅުވި އެވެ. "މި ސަރުކާރުން އަޅުގަނޑުގެ ދާއިރާއާމެދު މިގޮތަށް އަމަލު ކުރީ ކީއްވެގެން ކަމެއް ހަމަ ވިސްނާ ވެސް އަޅުގަނޑަކަށް ދެނެގަންނާކަށް ނޭނގޭ، ހަމައެކަނި އަޅުގަނޑު އިސްލާހީ މަސައްކަތް ފެއްޓީމައެއް ނޫން އޭގެ ކުރިން ވެސް އިހްމާލުވެފަ މިވަނީ،"

އެގޮތުން ފާރިސް ވަނީ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ވެސް ހައްޔަރުކޮށް ޖަލަށްލައި ނުހައްގު އަނިޔާތަކެއް ދެމުން ގެންދާކަން ފާހަގަ ކުރައްވާފަ އެވެ. ފާރިސް ވިދާޅުވީ ނާޒިމްގެ މައްޗަށް ހިންގާފައިވަނީ އިންސާފުވެރި ޝަރީއަތެއް ކަމެއް އޭނާ ވެސް އަދި ރައްޔިތުން ވެސް ގަބޫލު ނުކުރާ ކަމަށެވެ. އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް އަލުން ރިވިއު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ފާރިސް ވަނީ ގޮވާވެސްލައްވާފަ އެވެ.

ފާރިސް ވިދާޅުވީ، އޭނާގެ ދާއިރާއަކީ ވަރަށް ސުލްހަވެރި، އޭރަކު އޮންނަ ސަރުކާރަކަށް އިހްތިރާމްކޮށް ކިޔަމަންވާ ރައްޔިތަކު އުޅޭ ދާއިރާއެއް ކަމަށެވެ. އެހެންކަން އޮތްއިރު މި ސަރުކާރުގެ އިސް ބޭފުޅުންގެ ފަރާތުން ލިބުނީ ވަރަށް މާޔޫސްކަން ގެންނަ ފަދަ މެސެޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ސަރުކާރުގެ އިސް ފަރާތުގެ ފަރާތުން މި ލިބެނީ ވަރަށް ކަންބޮޑުވާ މެސެޖެއް، ކަންކަމުގަ ޝަކުވާ ކުރާ މީހުންނަށޭ ކަންކަން ލިބޭނީ، އެހެންވީމަ އަޅުގަނޑުގެ ދާއިރާއަކީ ރައީސް މައުމޫނަށް ވެސް ޑީއާރްޕީއަށް ވެސް ޕީޕީއެމްއަށް ވެސް ވަރަށް ތާއިދުކުރާ އަދި ކޮންމެ ސަރުކާރެއް އައި ނަމަވެސް އެ ސަރުކާރަކަށް ވަރަށް އިހްލާސްތެރި ކިޔަމަންތެރި ރަނގަޅު ހަރުދަނާ ރައްޔިތަކު ދިރިއުޅޭ ދާއިރާއެއް، އެހެންވީމަ ވަރަށް ގިނަ ކަންކަން އިހްމާލުވެގެން ދިޔަ ނަމަވެސް ރައްޔިތުން ބޭނުންވާ ކަންކަން ކޮށް ނުދިނަސް މާބޮޑު ހަޅުތާލުތަކެއް މާބޮޑަށް ސަރުކާރާ ދެކޮޅަށް އަޑު އުފުލުންތަކެއް ނުހުންނާނެ ކަމަށް ވިސްނުން ހުރީ، ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދެވި ތިޔަ ދާއިރާއަށް ކަންތައްތައް ނުކޮށް ދިނަސް ވޯޓު ލިބޭނެއޭ،" ފާރިސް ވިދާޅުވި އެވެ.

އެގޮތުން ދިއްގަރާއި މަޑުއްވަރީގެ ސިއްހީ ނިޒާމާއި ފެނާއި ނަރުދަމާގެ ހާލަތު ވެސް ރަނގަޅު ކުރަންޖެހިފައިވާ ކަމާއި ވޭވަށު ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާކަން ފާރިސް ފާހަގަކުރެއްވި އެވެ. ފާރިސް އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ރަތްމަންދޫގެ ޖެޓީ އޭނާ ބަންދުކުރުމާ ހަމައަށް ވެސް ނުނިމި އޮތް އޮތުމެވެ. އެ ޖެޓީ ހެދުމަށް ފާރިސް މަސައްކަތެއް ކުރެއްވި އެވެ. ނަމަވެސް ޖެޓީ މަރާމާތުކޮށްފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

"ރަތްމަންދޫގެ ރައްޔިތުންނަކީ މާބޮޑު ކަމެއް އެދޭ ބައެއް ވެސް ނޫން، އެމީހުންނަށް ޖެޓީއެއް ވެސް އަޅައިނުދެވި މި ދިޔައީ، އެ ޖެޓީ ފެނިއްޖެނަމަ ހަމަ މީހަކު ރޯނެ، އުމުރުން ދުވަސްވީ މީހުން ވެސް އުޅޭ ރަށެއް، ބޭހަށް މޮޅު ރަށެއްވެ އެހެން ރަށްރަށުން މީހުން ފަރުވާއަށް ގޮސް އަރާ ރަށެއް، މިލިއަނެއްހާ ރުފިޔާ ވެސް ނާރާނެ ޖެޓީއެއް އަޅަން، މިކަންކަން ވެސް ނުވެގެން ދިޔައީ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވި ގޮތުގައި 2018 ގެ ނިޔަލަށް ދާއިރާގެ ދެ ރިސޯޓެއް ތަރައްގީ ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނި ކަމަށާއި ނަމަވެސް އެކަމެއް ވެސް ހާސިލެއް ނުވި ކަމަށެވެ.

އުއްމީދުތަކެއް ހުރުމުން ދިއްގަރު ދާއިރާގެ ބައެއް ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަށް ވެސް ވޯޓު ދިން ކަމަށެވެ. ފާރިސް ވިދާޅުވީ އެކަން ވެސް ހެޔޮ ހިތުން ގަބޫލު ކުރައްވާ ކަމަށެވެ. މި ސަރުކާރަށް ވޯޓު ދިން ރައްޔިތުންގެ މަސައްކަތްތަކާއި އަމަލުތައް ބަަލައިގަންނަ ކަމަށެވެ. ހަމަ އެގޮތަށް މިހާރުގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ވޯޓު ދިން ރައްޔިތުންގެ މަސައްކަތް ވެސް ބަލައިގަންނަން ކަމަށެވެ.

ފާރިސް ވިދާޅުވި ގޮތުގައި އޭނާގެ ދާއިރާއިން ފެންނަނީ ތަރައްގީއަށް ބޭނުންވެފައިވާ ތިބި، ތަރައްގީއަށް ހުރަސް ނާޅާ ރައްޔިތުންތަކެއް ކަމަށެވެ.

"ލޯކަލް ކައުންސިލް އިންތިހާބުން ފެށިގެން މިއަދާ ހަމައަށް މެސެޖަކީ އަޅުގަނޑުގެ ދާއިރާގެ ރަށްތަކަށް ކޮށް ދޭން ހުރި ކަންކަމަށް ހުރަސް އެޅުމުގެ ވިސްނުމެއް އެއްވެސް ރައްޔިތެއްގެ ނުހުންނަކަން، އެންމެ ފަރުދެއްގެ ވެސް ނެތްކަން،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވި ގޮތުގައި ދާއިރާއަށް ދަތުރުކުރުމަށް މިހާރު ރައްޔިތުން ދަނީ އެދެމުންނެވެ. އެހެންވެ ވަރަށް އަވަހަށް ދާއިރާގެ ރަށްތަކަށް ދަތުރު ކުރައްވާނެ ކަމަށެވެ. މިހާރު ވެސް ކައުންސިލްތަކާއެކު މަޝްވަރާ ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދާއިރާގެ ކަންކަމާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ވެސް ބައްދަލު ކުރެއްވީ އިންތިހާބީ ރައީސް އިބޫ އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމްއާ ކަމަށް ފާރިސް ވިދާޅުވި އެވެ. ދިއްގަރު ދާއިރާއަކީ ވަރަށް ބޮޑު އިހުމާލެއް ވެފައިވާ ދާއިރާއެއް ކަމަށާއި އެކަން ފޫބައިދެއްވުމަށް އިބޫ އަދި ފައިސަލް ކިބައިން އެދިފައިވާނެ ކަަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އިބޫއަށް ވެސް ފައިސަލްއަށް ވެސް، އެ ބޭފުޅުން ހުރިހާ ދާއިރާއަކަށް އެއްގޮތަކަށް ކަން އެނގޭ އަމަލު ކުރަން ޖެހެނީ، އެހެން ނަމަވެސް ވަކި ދާއިރާއަކަށް ބޮޑު ތަނުން މި ސަރުކާރުން އިހްމާލުވެފަ އޮތް ކަމަށް އެބަ ގަބޫލުކުރެވޭ، އެކަން ފޫބެއްދުމަށްޓަކައި ބޮޑެތި ކަންތައްތަކެއް ކޮށް ދޭން އެބަޖެހޭ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވި ގޮތުގައި ދާއިރާގެ ރައްޔިތުން އެންމެ އެދޭ ކަންކަން އިބޫގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވުމަކީ ދާއިރާގެ ރައްޔިތުން ވަރަށް އުފާ ކަމެކެވެ.

"ދާއިރާގެ ރައްޔިތުންނަށް މި ޔަގީންކަން އަރުވަނީ، އަޅުގަނޑުގެ މަސައްކަތަށް ވެސް ހުރަސްތަކެއް އަޅައި އަޅުގަނޑަށް ވެސް ދާއިރާއަށް ކަންތައްތަކެއް ނުކޮށްދެވި ހުރިކަން ގަބޫލުކުރާ ހާލު އެކަން ފޫބޭއްދުމަށްޓަކައި ބާކީ މިއޮތް ހަ މަސް ދުވަހުގެ ތެރޭގައި ހިފެހެއްޓުމެއް ނެތި މަސައްކަތް ކުރާނަމޭ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ އިބްތިހާބީ ރައީސް އަދި ނައިބު ރައީސްއަކީ އޭނާ ވަރަށް އިތުބާރު ކުރައްވާ އިހްލާސްތެރި ދެ ބޭފުޅުން ކަމަށެވެ. ދަންނަވާލި ކޮންމެ ވަގުތެއްގައި ވެސް އޭނާއަށް ވަގުތު ދެއްވައި މަޝްވަރާ ކުރައްވާނެ ދެ ބޭފުޅުން ކަމަށެވެ.

"އެހެންވީމަ ވަރަށް އުއްމީދުކުރަން ޔަގީން ވެސް ކުރަން އިހްމާލު ފޫބެއްދުމަށްޓަކައި އަންނަ ސަރުކާރުން ބޮޑެތި ކަންތައްތަކެއް ކުރާނެކަން،" ފާރިސް ވިދާޅުވި އެވެ.