ދިވެހިންގެ ހިތާ ވެސް އަދި ލެޔާވެސް ގުޅިފައި އޮންނަ އެއްޗަކީ ފުޓްބޯޅައޭ ބުނާ އަޑު އިވެއެވެ. ދިވެހިންގެ ހިތާއި ލެއާ ގުޅިފައި ވަނީ މޫދޭ ބުނާ އަޑެއް ނީވެ އެވެ. ރާއްޖެއަކީ ޖަޒިރާ ގައުމަކަށްވެފައިވާ ވަށައިގެން މިއޮތީ މާ ސިންގާ ނޫކަނޑެވެ. ވިލު ނޫކުލައިގެ އެ މޫދު ފެންނަ ކޮންމެ މީހެއްގެ ހިތްވެސް އެ މޫދަށް ދަމައިގަނެ އެވެ. އެހެންވިޔަސް މިހާރުގެ ދިވެހި ޖެނެރޭޝަނަކީ އެހާ މޫދާ ރައްޓެހި ޖެނެރޭޝަނެކޭ ނުބުނެވޭނެ އެވެ. މަޖާކޮށްލަން ވިޔަސް ދަތުރުދާން ނަމަވެސް އަދި ފަތާލަން ނަމަވެސް އެރޭނެ ރީތި މޫދެއް މާލެ ކައިރިން ދިވެހިންނށް ނެތުމަކީވެސް މިކަން މިހެން ދިމާވި އެއް ސަބަބު ކަމަށް ވެދާނެ އެވެ.
ތިމާވެއްޓާ ރަހުމަތްތެރި ބަޔަކަށް ވާން ކެމްޕޭންތައް ފަށާފައިވާ ގޮތަށް ދިވެހިން އަލުން މޫދާ ރައްޓެހި ބަޔަކަށް ހަދަން މަސައްކަތް ކުރަންޖެހެ އެވެ. ކޮންމެ ކުއްޖަކަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމާއެކު މޮޅު ފެތުންތެރިން ވެސް އުފައްދަން ބާރު އަޅަން ޖެހެ އެވެ. ދިވެހިން މޫދައި ވަރަށް ބޮޑަށް ކައިރިވާން ޖެހެ އެވެ. މޫދަށް ގޮސް ކަސްރަތު ކުރަންވީ އެވެ. މޫދުގެ ސިއްހީ ފައިދާތައް ހޯދަން އެންމެން މޫދަށް ދާންވީ އެވެ.
މޫދާއި ގޮނޑުދޮށުގެ މާހައުލުގެ ފައިދާ ގިނަ!
ގޮނޑުދޮށާއި މޫދުކައިރީ ވަގުތު ހޭދާ ކުރުމުން މީހާގެ ދުޅަހެޔޮކަން އިތުރު ކޮށް ދެއެވެ. މޫދު ކައިރީ ވަގުތު ހޭދަ ކުރުމަކީ މީހާއަށް ހަމަޖެހުން ގެނެސްދޭ ކަމަކެވެ.
ސައިންސްވެރިން ވިދާޅުވާ ގޮތުގައި އިންސާނުންގެ "ބްލޫމައިންޑް" ގެ ސަބަބުން މޫދަށް ބެލުމުމާއި ގޮނޑުދޮށަށް ރާޅުޖަހާ އަޑު އެހުމާއި މޫދަށް އެރުމުން ވެސް ސިކުނޑިއަށް ރެސްޓެއް ލިބެ އެވެ. ސިކުނޑިއަށް އޮންނަ ބާރު ބޮޑުވުން ދުރުކޮށް ދެއެވެ. އުފާވެރިކަން ގެނެސްދެއެވެ މީހާގެ ސްޓްރެސް ލެވެލް ދަށްކޮށްދީ ހިތްހަމަޖެހުން ގެނެސް ދެއެވެ.
ގޮނޑުދޮށާއި މޫދު ކައިރިން ޖެހޭ ލޮނު ވަޔަކީ ފުއްޕާމެއަށް ރަނގަޅު އެއްޗެއް ކަމުގައި ރިޕޯޓްތައް ލިޔެފައި ވެއެވެ. މޫދު ކައިރިން ޖެހޭ ސާފު ވައިގެ ސަބަބުން ނޭވާލުމަށް ފަސޭހަވެ، ފުއްޕާމޭ ސާފު ކުރުމަށް ވެސް އެހީތެރި ވެދެއެވެ. މީގެ އިތުރުން ނޭވާ ހިއްލާ މީހުން ވެސް މޫދު ކައިރީ ވަގުތު ހޭދަ ކުރާނަމަ އެމީހުންގެ ނޭވާހިއްލުން ކޮންޓްރޯލް ކުރަން ފަސޭހަވެ އެވެ.
ރާއްޖޭގައި ކޮންމެވެސް ވަރަކަށް މޫދު ކަސްރަތު ޕްރޮގްރާމްތަކެއް އޮވެ އެވެ. އާތްރައިޓިސް އާއި ގައިގައި ރިއްސުން ކޮންޓްރޯލް ކުރުމަށް މޫދު ވަރެއް ނެތެވެ. އެހެނިހެން ކަސްރަތުތަކަށް ވުރެ މޫދުގައި ކުރާ ކަސްރަތު ގެ ލޯޑު ގައިގެ ހުޅުތަކަށް ކުޑައެވެ. އުމުރުން ދުވަސްވީ މީހުންނާއި އެކި އެކި ތަދުތައް ހުންނަ މީހުން އެކަން ކަމުން އަރައިގަތުމަށް ވެސް މޫދުވަރެއް ނެތެވެ.
ކުޑަކުދިންވެސް މޫދަށާއި މޫދު ކައިރީ ގޮނޑުދޮށަށް ގެންދާނަމަ އެ ކުދިންނަށް ގިނަ ފައިދާތަކެއް ކުރެއެވެ. ވެއްޔާއި ކުޅުމަށް އެކުދިން ވެލީގައި އަތްލާ ހެދުމުން ވެލީގެ ޓެކްސްޗާ ތަފާތު ކަމަށް ދެނެގަނެ ވެއެވެ. އަދި ވެއްޔާއި ކުޅުމުން އެކުދިންގެ ފައިން މޮޓޯ ސްކިލްސް ތަރައްގީ ވުމަށް އެހީތެރި ވެއެވެ. ކުދިން ގިނައިން މޫދަށް ގެންދާނަމަ ކުއްޖާ ފަތަން ދަސްވެ އެހެން ވެސް މޫދު ކުޅިވަރުތަކަށް ޝައުގުވެރި ކުރުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. ދުވާލު ހަތަރު ދަމު ސްކްރީނަކަށް ބަލަހައްޓައިގެން ހުރުމަށް ވުރެ ދުޅަހެޔޮ ސިއްހަތެއް ކުދިންނަށް ލިބުމުގެ ފުރުސަތު މާ ބޮޑެވެ.
ގިނައިން މޫދަށް ދާ ނަމަ ރޭގަނޑު ނިދަންވެސް ފަސޭހަވެއެވެ. މޫދާއި އިރުގެ އައްޔާއި ތާޒާ ވައި އަދި އިރުގެ އަލީގެ ސަބަބުން ނިދަން އުދަގޫ ކުރުވާ ސްޓްރެސް އާއި ހަށިގަނޑުގައި ހަކަތަ ގިނަވުން އަދި ހޯމޯނަލް އިމްބެލެންސް އިން ސަލާމަތް ކޮށް ދެއެވެ. މީގެ އިތުރުން ގުދުރަތީ މާހައުލުތަކުގައި ވަގުތު ހޭދަކުރުމަކީ މީހާގެ ކްރިއޭޓިވިޓީ އިތުރުކޮށްދޭ ކަމަކެވެ.
ކުރީގެ ޖެނެރޭޝަންތަކުގެ ދިވެހިންނަކީ ފަތައިގެން މާ މޮޅު ވަނަތަކެއް ހޯދާފަައިވާ ބަޔަކަށް ނުވެދާނެ އެވެ. އެކަމަކު އެ ދިވެހިންނަކީ ކަނޑުގެ ދަރިންގެ ގޮތުގައި މަޝްހޫރުވި ދުޅަހެޔޮ ބައެކެވެ. އެހެންވެ މޫދަށް ދިއުމުގެ އާދަ އަލުން ދިވެހި ލައިފްސްޓައިލަށް ގެންނަން ޖެހެ އެވެ. މިހާރުވެސް ގިނަ މީހުންނަށް ކުޑައިރުގެ އެންމެ ބޮޑު އުފަލަކީ މޫދަށް އެރުނު ހަނދާނެވެ. މޫދޭ ބުންޏަސް އުފާވެ އެވެ. މޫދަށް ނުދާ ހަނދާނެއް ވެސް ނުވެއެވެ. މަޅުގަނޑުތަކެއް ހިފައިގެން ރާޅާ އަޅަން ދިޔަ ވާހަކަ އަކީ ހިނިތުންވުމާއި އުފާވެރިކަމުގެ ކުލަތަށް ގެނެސް ދައްކާ ވާހަކަތަކެވެ. އޭގެ ފައިދާ އަލުން ހޯދަން ހިތާވެސް ލެޔާވެސް އެންމެ ކައިރި ކުރަންވީ މޫދެވެ.