ދުނިޔެ

ކުއްލި ހާލަތު ހުއްޓުވަން އެމެރިކާގެ 16 ސްޓޭޓަކުން ކޯޓަށް

Feb 19, 2019

ވޮޝިންގްޓަން (ފެބްރުއަރީ 19) - އެމެރިކާ އާއި މެކްސިކޯ ގުޅޭ ބޯޑަރުގައި ފާރެއް ރޭނުމުގެ މަޝްރޫއުއަށް ބޭނުންވާ ބަޖެޓު ކުއްލި ހާލަތު އިއުލާނުކުރައްވައިގެން ހޯދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވައި މަސައްކަތް ހުއްޓުވުމަށް އެ ގައުމުގެ 16 ސްޓޭޓަކުން އެމަނިކުފާނާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ކެލިފޯނިއާ ސްޓޭޓުގެ ޑިސްޓްރިކްޓް ކޯޓަށް މައްސަލައެއް ވައްދާފައިވަނީ، ޓްރަމްޕްގެ އެ ނިންމެވުމާއި ދެކޮޅަށް އެތަކެއް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ކެލިފޯނިއާގެ އެޓާނީ ޖެނެރަލް ޒޭވިއާ ބެކޭރާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރުން ކުރައްވާ މަސައްކަތަކީ ގާނޫނު އަސާސީ އާއި މުޅީން ހިލާފު ކަމެއް ކަމަށެވެ.

"ރައީސް ޓްރަމްޕް ގާނޫނުތައް ބޭނުންކުރައްވަނީ ހިތަށް އެރި ގޮތަކަށް، އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޯޑަރުގައި އެފަދަ ގޯސް ހާލަތެއް ނެތްކަން، އަދި ކުއްލި ހާލަތު އިއުލާނުކުރައްވާނެ ސަބަބެއް ނެތް ކަން، އެ މަސައްކަތް ނާކާމިޔާބުވާނެކަން ވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ،" ބެކޭރާގެ އެ ބަޔާނުގައިވެ އެވެ.

ކުއްލި ހާލަތު އިއުލާނުކުރައްވާފައިވަނީ، ޓްރަމްޕްގެ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ވައުދުވެވަޑައިގެންފައިވާ ފާރު ރޭނުމަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރު ދިނުމަށް ކޮންގްރެސް އިން ދެކޮޅު ހެދުމުންނެވެ.

ކުއްލި ހާލަތުގައި، އަސްކަރީ މަޝްރޫއުތަކަށް ބަޖެޓު ހޯދުމުގެ ބާރަށް ރައީސަށް ލިބިވަޑައިގަންނަވަ އެވެ.

ނަމަވެސް، ޓްރަމްޕާއި ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، ދައުލަތުގެ ހަރަދުތައް ކަނޑައެޅުމަށް ކޮންގްރެސަށް ލިބިދީފައިވާ ބާރަށް ރައީސަށް އަރައިނުގެންނެވޭނެ ކަމަށެވެ.