ކުޅިވަރު

ސާރީގެ ކުރިމަގާމެދު ސުވާލުތަކެއް!

އެފްއޭކަޕުގެ ފަސް ވަނަ ބުރުގައި، މެންޗެސްޓާ ޔުނައިތަޑް އަތުން 2-0 ން ބަލިވެ. ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީއަށް ޗެލްސީގެ ވަޒީފާ ގެއްލުމުގެ ބިރު އިތުރަށް ބޮޑު ވެއްޖެ އެވެ.

އަންޑާ ހެރެއިރާ އާއި ޕައުލް ޕޮގްބާ ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ދެ ލަނޑުން ޗެލްސީ ފަހަތުގައި އޮތުމުން، ފުރަތަމަ ހާފަށް މެޗު މެދެކަނޑަލަށް ކައިރިވެފައި ވަނިކޮށް، ޗެލްސީގެ ސަޕޯޓަރުންގެ ފަރާތުން، ސާރީއަށް ފުރައްސާރަ ކުރުން އަމާޒުވި އެވެ. ޗެލްސީގެ ސަޕޯޓަރުން ވަނީ ޔުނައިޓަޑްގެ ކޮންޓިންޖެންޓާ ބައިވެރިވެ، ސާރީއަށް ވަޒީފާ ގެއްލޭނެ ބިރު އެބައޮތް ކަމަށް ގޮވާލާފަ އެވެ. "ހެނދުނު ކަލޭ ކޯޗު ކަމުން ވަކި ކުރާނެ." ޗެލްސީގެ ބައެއް ސަޕޯޓަރުން ސާރީއަށް އަމާޒުކޮށް ގޮވަމުން ދިޔަ އެވެ.

މެޗަށް ފަހު ސާރީ ބުނީ ސަޕޯޓަރުން ގޮވަމުންދިޔަ އެއްޗިއްސާ މެދު އޭނާ ނުވިސްނާ ކަމަށާއި އޭނާ ވިސްނީ މެޗުގެ ނަތީޖާއާ މެދު ކަމަށެވެ. ސަޕޯޓަރުން ގޮވި އެއްޗިހި އަޑު އިވުނުތޯ ސުވާލު ކުރުމުން އޭނާ ބުނީ، އެހާ ރަނގަޅަށް އަޑު ނީވޭ ކަމަށާއި ނަމަވެސް ބައެއްފަހަރު އަޑު އިވުނު ކަމަށެވެ.

"އަހަރެން އެންމެ ފުރަތަމަވެސް ވިސްނީ ނަތީޖާއާ މެދު، ސަޕޯޓަރުންނާ މެދު އަހަރެން ނުވިސްނަން، އަހަންނަށް އެނގޭ ސަޕޯޓަރުންގެ އިހްސާސްތައް ހުންނާނީ ކިހިނެތްކަން، ނަތީޖާ ރަނގަޅެއް ނޫން އަހަރެމެން އެފްއޭކަޕުން މި ބޭރުވީ،" ސާރީ ބުންޏެވެ. އެހެންވީމަ ސަޕޯޓަރުން ތިބޭނެ ގޮތް އަހަންނަށް އޮޅުންފިލާ، ނަމަވެސް މިވަގުތު އަހަރެން ވިސްނަނީ މެޗުގެ ނަތީޖާ އާމެދު."

އޭނާ ބުނީ ސަޕޯޓަރުންގެ ގުޅުން ފަސޭހައިން ރަނގަޅު ކުރެވޭނެ ކަމަށާއި އެކަމާ ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. "ޖެހިޖެޖިގެން ދެތިން މެޗުން މޮޅުވެވޭއިރަށް ސަޕޯޓަރުންނާ އޮންނަ ގުޅުން ރަނގަޅު ވެދާނެ،" ސާރީ ބުންޏެވެ. "ނަމަވެސް އަހަރެން އެންމެ ކަންބޮޑު ވަނީ ނަތީޖާއާ މެދު، ވަޒީފާއާ މެދު އަހަރެން ކަންބޮޑެއް ނުވޭ، އިޓަލީ ލީގް ދެ ވަނައިގައި އޮތްއިރުވެސް އަހަރެން ކަންބޮޑުވޭ (އެއް ވަނައަށް ނުދެވުމުން)، އަހަރެން ކަންބޮޑުވަނީ ނަތީޖާއާ މެދު."

މިދިޔަ ހަފުތާގައި، މެންޗެސްޓާ ސިޓީ އަތުން 6-0 ން ބަލިވުމުން، ސާރީގެ ކުރިމަގާ މެދު ސުވާލު އުފެދިފައި ވަނިކޮށް އަނެއްކާ ޔުނައިޓަޑް އަތުން ބަލިވުމުން އިތުރަށް އެކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފަ އެވެ.