ވާހަކަ

އީޝަލް

(17 ފެބްރުއަރީ 2019 އާ ގުޅޭ)

"ލާވީ..." ބޭރީތު ކަންބޮޑުވެފައި ލާވީއަށް ގޮވާލިއެވެ.

"ޖިލައްޔާ... އޭނާގެ ވާހަކަ ބުނާކައްނު ތިއުޅެނީ، އަހަރެން ވެސް ހިތަށް އެރީ އޭނާގެ މަތިން" ލާވީ ބުންނެވެ. އެއާއެކު ބޭރީތު އެއްބަސްވަމުން ބޯޖަހާލައިފިއެވެ.

"ލާވީ..." ލިބިގެންދިޔަ ނުތަނަވަސްކަމާއެކު ދެވަނަ ފަހަރަށް ވެސް ބޭރީތަށް ގޮވާލެވުނެވެ.

"ތިވަރަށް ހާސްނުވޭ، ރައުލް އެ ދައްކާ ވާހަކައެއްގެ ހަޤީޤަތް އިހަށް ބަލަންވީ" ލާވީ ބުންޏެވެ.

"އަހަރެމެންނަށް މުސީބާތެއް ކުރިމަތިވާންތަ މިއުޅެނީ" ބޭރީތު އަހާލިއެވެ.

"ތިހެން ހީކުރާކަށް އަދިނުވޭ، ސަމިއާނާ އައުމުން ފަހަރެއްގައި ރައުލްގެ ހިތް ބަދަލު ވެދާނެ، އޭނާއަށް ކަމެއް ހަވާލުނުކޮށް އިހަށް ގަނޑުވަރުގައި ދުވަސްކޮޅަކު ބަހައްޓަން ފެނޭ... ސަމިއާނާއަށް ރައުލް ފެނުނީ އެންމެ ފަހަރަކު، އެހެންވިޔަސް އޭނާ ހުރީ އެކުއްޖާގެ އަނތްބަކަށްވާހިތުން ކެތްމަދުވެފައި، ބޭރީތު... ހިތްހަމަޖައްސާލާ... ސިއްރުތަކުގެ ވާހަކަ ދައްކާނޭ ދޫތަށްވަނީ ހިމޭންވެފައި، އެހެންވީމަ ރައުލް އެ ދެއްކި ވާހަކަތަކުން މާބޮޑު އެއްޗެއް ހީކުރުމުގެ ބޭނުމެއްނެތް" ލާވީ އުޅުނީ ބޭރީތުގެ ހިތްހަމަޖައްސާ ދޭށެވެ. ފުންނޭވާއެއް ބޭރީތު ދޫކޮށްލި ގޮތުން ލާވީއަށް އޭނާގެ ބޭނުން ފުރިހަމަވެއްޖެ ކަން އެނގުނެވެ.

"ރައުލްއާ ޖަދަލުކުރާކަށް އަހަރެން ވެސް ގަސްދެއްނުކުރަން، އޭނާއަކީ ފާޑެއްގެ ކުއްޖެއް... އަހަރެންގެ ހުރިހާ ދަރީންނާ ތަފާތު، އަހަރެން ގާތުގައި ހުރެ ބޮޑުވީ... އެހެން ކުދީންހެން މަޖާކުރުމުގައި އުޅެނިކޮށް ދުވަހަކުވެސް ނުދެކެން، ޚާއްޞަކޮށް އަންހެނަކާ އޭނާ ގާތްވީތަނެއް ނުދެކެން... ލާވީ... އޭނާ އަންހެނެއްގެ ވާހަކަދެއްކި މީ ފުރަތަމަ ފަހަރު، އަހަރެންނަށް ވެސް ރަނގަޅު އޭނާ ސަމިއާނާއާ ގުޅޭ ކަހަލަ ގޮތެއް ވެއްޖެނަމަ" ބޭރީތު ބުންޏެވެ. އޭނާގެ ވާހަކައަށް ލާވީ ބޯޖަހާލީއެވެ.

ބޭރީތާއި ލާވީ ގަނޑުވަރާ ދިމާއަށް އެނބުރިއައެވެ. ދަރުބާރަށް ދެ މީހުން ވަންއިރު އެމީހުންގެ އިންތިޒާރުގައި ވަޒީރަކު ހުއްޓެވެ. އޭނާގެ ގާތުގައި ހުރި ޖިންނި ފެނުމުން އެއީ ކޮންތާކުން އައިސް ހުރި ޖިންނިއެއްކަން ބޭރީތާއި ލާވީއަށް ވެސް އެނގުނެވެ. ބޭރީތުގެ އިޝާރާތަށް ވަޒީރު އެ ޖިންނި އެތެރެއަށް ވެއްދިއެވެ. ބޭރީތު އިންނަ މަޤާމުގައި އައިސް އިށީނުމުން އޭނާގެ އެއްފަރާތުގައި ލާވީ މަޑުކޮށްލިއެވެ. އަދި އެމީހުންގެ ކުރިމަތީ ހުރި ޖިންނިއަށް ވާހަކަދެއްކުމަށް ހުއްދަ ދިނެވެ.

އުތުރު އޭޝިއާ ސަރަޙައްދުގައި އޮންނަ ރޫސީ ވިލާތުގެ ބައެއްގެ ގޮތުގައި ހިމެނޭ ސައިބީރިއާގެ ފަރުބަދަތަކުގައި ދިރިއުޅޭ އެންމެ ބާރުގަދަ ޖިންނިއަކީ އަގިސްޠަސް އެވެ. އޭނާގެ ވެރިކަން ފެށުނީ އޫރަލް ފަރުބަދަތަކުގެ ތެރެއިންނެވެ. އެއީ އޭނާ އުފަންވީ ތަނެވެ. ސަމިއާނާއަކީ އޭނާއަށް ކާފަކިޔާ އަންހެން ޖިންނިއެކެވެ. ބޭރީތުގެ ދަރުބާރަށް އައިސް ހުރީ ސަމިއާނާގެ ހަށަފާރަވެރީންގެ ތެރޭގައި ހިމެނޭ އިތުބާރުހިފޭ ތެދުވެރި މުލާޒިމެކެވެ. އޭނާ އައިސް ހުރީ ސަމިއާނާގެ ބަސް އިއްވުމަށެވެ. ބޭރީތުގެ ހުއްދަ ލިބުމާއެކު އޭނާގެ ދަހަނާ ތެރެއިން އަގިސްޠަސްގެ ރަސްކަމުގެ ސިއްކަޖެހި ލިޔުމެއް ނެގިއެވެ. އަދި އޭގައި އޮތް އެއްޗެއް ބޭރީތަށް އިއްވިއެވެ. ރައުލްއާ ބައްދަލުކުރުން ލަސްވަނީ ކީއްވެކަން އެނގެން ސަމިއާނާ ބޭނުންވަނީއެވެ. އޭނާ އެދެނީ ވީހާ ވެސް އަވަހަކަށް ހުރިހާކަމެއް ހަމަޖެހުމަށެވެ. އޭނާއާ ބައްދަލުކޮށް ބޭރީތު އެނބުރި އައިފަހުން ހަފްތާއެއްހާ ދުވަސް ފާއިތުވެފައިވާއިރު އެހާ ދުވަސް ޚަބަރެއްނުވެ ލަސްވަނީ ކީއްވެކަން އޭނާ އެނގެން ބޭނުންވާ ކަމުގައެވެ. ރައުލްއާ ބައްދަލުކުރާހިތުން އޭނާގެ ކާފަ އަގިސްޠަސް ހުރިކަމުގައި ވެސް ބުނެފައި އޮތެވެ.

"ލާވީ... އަހަރެންގެ ނަމުގައި އަމީރާ ސަމިއާނާއަށް ސިޓީއެއް ފޮނުވާ، ލިޔޭ... އަހަރެން އޭނާގެ އިސްތިގުބާލުގައި އެބަހުރިންކަން، މިހާ ދުވަސްވީ ކަމެއްގައި ރައުލް ގަނޑުވަރުން ބޭރުގައިވީތީކަމާއި ޚަބަރެއް ނުވެވުނީތީ އެކަމާ މަޢާފަށް އެދެންކަން، އަދި ލިޔާތި އަހަރެންނަށް ތެދުވެރި ޖިންނީގެ އާރުކާޓީއެއް އަމީރާ ބަލައި ފޮނުވާނޭކަން ވެސް، މާދަމާގެ އިރުއޮއްސޭ ވަގުތަށް ބައިކަލް ކޯރުގެ އުތުރަށް އޮންނަ އަންގަރާ ކޯރުގެ އައްސޭރި ފަށުގައި އަހަރެމެންގެ ޖިންނީން އަމިރާގެ އިސްތިގުބާލުގައި ތިބޭނެ" ބޭރީތުގެ ބަސް އިއްވިއެވެ. ނަމަވެސް އޭނާ އެ ހުރިހާ ވާހަކައެއް ދެއްކީ ހަމައެކަނި ލާވީއަށް އަޑުއިވޭނޭ ގޮތަށެވެ. އޭނާ އެދުނު ގޮތަށް ލާވީ ސިޓީ ތައްޔާރުކުރިއެވެ. އޭގައި ބޭރީތުގެ ސިއްކަ ޖެހުމަށްފަހު ރަނގަޅަށް ބަންދުކުރިއެވެ. އަދި ސަމިއާނާގެ ފަރާތުން ހާޟިރުވެ ހުރި މުލާޒިމަށް ދިނެވެ. އެއާއެކު އޭނާ އެނބުރި ދާން ގަނޑުވަރުން ނުކުތެވެ. އޭރު އެތަނަށް އައުމަށް މެދުވެރިއެއްގެ ގޮތުގައި ޝާމިލުވި ކަނޑު ޖިންނި ހުރީ ގަނޑުވަރުގެ ބޭރުގައި މަޑުކޮށްގެންނެވެ. ކަނޑުގައި ދަތުރުކުރާ ކޮންމެ ކޮންމެ ޖިންނިއަކަށް ގަނޑުވަރުގެ ތެރެއަށް ވަނުމުގެ ހުއްދައެއް ނޯވެއެވެ.

* * * * *

ވިދުވަރެއް ކަނޑައިގެން ދިޔައީ ދެ ކަނޑީގެ މިޔަ ބައްދަލުވީ ހިނދުއެވެ. ފެނި ގެއްލެމުންދިޔައިރު ދެ މަޙުލޫޤުގެ ވެސް ވަރަ އޮތީ ބުރަކަށިމަތިން ފެތުރިފައެވެ. އީޝަލްގެ ހަށިގަނޑަށްވުރެ އޭނާގެ ދެ ވަރަ ބޮޑެވެ. އެހެންވިޔަސް އޭނާގެ ހަލުވިކަމަށް ބަދަލެއް ނާދެއެވެ. ތަޖުރިބާ މަދުވުމުން އޭނާ އަވަހަށް ވަރުބަލިވެއެވެ. އޭނާގެ ވަށައިގެން ލުގަލްބަންދާއާއި މިޒަރެންގެ އިތުރުން މީކާޢިލް ހަމަލާ ދެމުންދިޔައެވެ. ފުރަގަހުން އައި ހަމަލާ ދިފާޢުކޮށް ވައަތްފަރާތުން މިޒަރެން ހޫރާލި ޗޭނުގައި ނުޖެހޭން ތިރިވެލި ވަގުތު އީޝަލްގެ އަރިކަށްޓަށް އެރީ ލުގަލްބަންދާގެ ވަރުގަދަ ނަގުލުގެ ހަމަލާއެކެވެ. އެ ހަމަލާއިން އޭނާ ދުރަށް ވިއްސައިގެން ގޮސް ވެލިގަނޑު މައްޗަށް ޖެހުނެވެ. ތެދުވަން އުޅުނު ހިނދު އޭނާގެ ފައިގައި ލުގަލްބަންދާގެ ނަގޫ އޮޅާލައި މައްޗަށް އުފުލާލިއެވެ. އަދި އޭރު ލުގަލްބަންދާ ވެސް ހުރީ އޭނާގެ ދެފައި މައްޗަށް ބުރަ ކޮޅަށް ތެދުވެއެވެ. އޭނާގެ ބިޔަކަމާއި ދެއަތުގައި ހުރި ވަކިތައް ދުގުވެފައި އޭގެ ތޫނުކަން ފެނި ކޮންމެ ޖިންނިއެއް ވެސް ޖެހިލުންވާނެއެވެ. ހިފަހައްޓަން ބޭނުންވިޔަސް ލުގަލްބަންދާގެ ހާލަތު ބަދަލުވާހެން ހީވެއެވެ. އީޝަލްއަށް އަނިޔާއެއް ލިބިދާނެތީ އޭނާ އެކަމާ ވިސްނައެވެ. އެހެންވެ އޭނާގެ ފުރިހަމަ ބާރު ބޭނުންކުރަން ޖެހިލުންވެއެވެ. ނަމަވެސް އޭނާއަކީ ފިތުރަތުގައި ވެސް ރަހުމުކުޑަ ޖިންނިއެކެވެ. ދުޝްމަނުންނަށް އެ މީހުން ހިފަހައްޓާލަން އުނދަގޫވަނީ އެހެންވެއެވެ. ހަލުވިވެފައި ކުޅަދާނަވުމުގެ އިތުރުން އެ މީހުންނާ ގާތްވެއްޖެއްޔާ ވެސް ހިތަށް ބިރުވެރިކަން އިޙްސާސް ކުރުވާތީއެވެ. ނަފްސާނީ ގޮތުން ވެސް ބަލިކަށި ކޮށްލާތީއެވެ. އަމާންދީފި ކަމުގައި އީޝަލް އަންގާލުމުން ލުގަލްބަންދާ އޭނާ ބިންމައްޗަށް ތިރިކުރިއެވެ.

"ތަދުވިތަ" ދެކަކުލުގައި އަތްއަޅުވަލައިގެން އީޝަލް އިންނަން ފެށުމުން ލުގަލްބަންދާ އައިސް ހުއްޓިލައި އަހާލިއެވެ. އެއާއެކު ދެފަރާތަށް އީޝަލް ބޯހޫރާލިއެވެ.

"އަސްލު ވެސް ވަރަށް ވަރުބަލިވެއްޖެ... ކުޑަ ވަގުތު ކޮޅަކަށް މަޑުކޮށްލަންވީނު" އީޝަލް އިސްއުފުލައި އެ ދިމާއަށް އަންނަ މިކާޢިލްއަށް ބަލާލިއެވެ. އޭނާގެ މޫނުން ވަރުބަލިކަމުގެ އެއްވެސް އަސަރެއް ނެތެވެ. މިޒަރެން ވެސް ފެންނަނީ ހިސާބަކަށް ވަރުބަލިވެފައި ހުރި ހެންނެވެ. އޭނާ އައިސް އީޝަލްއަށް މަތިޖަހާފައި އޮތް ފެންކަންވާރު ދިއްކޮށްލިއެވެ. އަދި އީޝަލްގެ ގާތުގައި އިށީނެވެ. ވަރުބަލި ފިލުވާލަން އިރުކޮޅަކު މަޑުކޮށްލުމުގެ ހުއްދަ މީކާޢިލް ދިނެވެ. އަދި ޖަހާފައި ހުރި ފޭލިގެއެއްގެ ތެރެއަށް އޭނާ ގޮސް ވަނެވެ.

ފެންކަންވާރު އަނގަޔަށް އޮއްސާލައި ކޯވަރެއް ބޯލައި އިންތަނުން އީޝަލް ތެދުވިއެވެ. މޫދު ފެންނަން ނެތްކަމުގައި ވިޔަސް ދުރުން ރާޅު ޖަހާ އަޑު އޭނާއަށް އިވެއެވެ. އަޑެއްބަޑެއް ނީވޭ ބޯގަސްތަކުގެ ތެރޭގައި ހުރިއިރު މާޙައުލު އޮތީ ހިމޭންވެފައެވެ. ގަސްތަކުގެ ތެރެއަށް ވަދެގެން އައިއިރު އީޝަލްގެ ލޮލުގައި އަޅައިގަތީ މޮށަވައް ފަޅާފައި އޮތް ޗަކަ ބިމެވެ. ކުޅަވައްފަލެކެވެ. އީޝަލް އެ މޮށަވައްތަކުގެ މަތިން އައެވެ. ކުއްޅަވައް ފަލުގެ އެތެރެއަށް ވަދެވޭވަރަކަށް ފަޒާގައިވާ ހޫނުކަން ކުޑަވެ ތެތްފިނިކަމެއް ހިފަމުން އައެވެ. ވަކި ހިސާބަކުން ގަހުގެ ބައެއް ގަބައިގަނެ ހެދިފައި އޮތް އޮޅެއް ފެނުނެވެ. އޮޅުގެ ކައިރީގައި ފަޅާފައި ހުރި މޮށަވަކެއްގެ މަތީ އުޑުފައިން އިށީނދެ އޮޅުގައިވާ ފެނުގައި އީޝަލްގެ ކަނާއަތްތިލަ ޖައްސާލިއެވެ. އަދި ތެމިފައިވާ އަތްތިލަ ގެނެސް މޫނުގައި އޭނާ ޖައްސާލިއެވެ. ތުންފަތަށް ވެރިވި ލުއިހިނިތުންވުމާއެކު އީޝަލްގެ ޚިޔާލުތައް ގުޅުނީ ރައުލްއާއެވެ.

"އެނބުރި އަންނާނީ ކޮންއިރަކުން... އަވަހަށް އަހަރެންގެ ގާތަށް އާދެބަލަ، ރައުލް މަތިން ވަރަށް ހަނދާންވޭ، ހިތަށް އަރާ މިހާރު މިވަގުތު ރައުލް ކުރާނީ ކީއްބާއޭ" އީޝަލްގެ ހިތުގައި ވިއެވެ. ރައުލްގެ ޚިޔާލުގައި އިނދެ އަނެއްކާ ވެސް އަތްތިލަ ފެންގަނޑު ތެރެއަށް ލައި ތެތްމައިލައިފިއެވެ.

* * * * *

ލޮނުގަނޑުން މައްޗަށް ބޯހިއްލާލައިގެން ހުރި ރައުލްގެ ނަޒަރުވަނީ އޮއްސޭމުރިނގަށް ހުއްޓިފައެވެ. އޭނާ އެހެން ހުއްޓައި ގާތުން ރާވީން ތިލަވިއެވެ. ބޭރީތު ދިން ޚަބަރާ ހެދި ހިތްހަމަނުޖެހިފައިތޯ ރާވިން އެއްސެވެ. މަޑުމަޑުން ރައުލް ދެފަރާތަށް ބޯހޫރުވާލީއެވެ.
"އަހަރެން ގަޔާވާ ގޮތެއް އަހަރެން އިންނަ މީހާގެ ހުންނަންވާނެ ދޯ... އީޝަލްއާ ބައްދަލުނުވިނަމަ އަހަރެންނަށް ބައްޕަގެ އެދުން ފުއްދައިދިނުން އުދަނގުލަކަށްނުވީސް، އެކަމަކު އެއީ ހަމައެކަނި ނަމައެއް... ހަޤީޤަތަކީ އަހަރެން އީޝަލް ނޫން އަންހެނެއް ބޭނުމެއްނޫންކަން، ވީއިރު ބައްޕަ އެދުނަސް އެހެން އަންހެނަކާއެކު ވަގުތު ހޭދަކުރުން ވާނީ އަހަރެން މިހާތަނަށް ތަޙައްމުލު ނުކުރާވަރުގެ ތަކުލީފަކަށް.... ކަންތައްބޮޑުވަނީ އެކަމާ، ރާވިން... ކަލޭ ދުށީންތަ އަހަރެންގެ ތެރެއިން ފެންނަ ފަދަ ގައިގޯޅިވުންތައް އީޝަލްމެންގެ ތެރެއިން، އަހަރެންނަށް ކެތްކުރަން ދަތި ކަމަކަށްވާނެ އީޝަލްގެ ގައިގާ އެހެން ޖިންނިއަކު ބީހިއްޖެނަމަ" ރައުލްގެ ނޭފަތުން ތިރިވީ ލޮނުގަނޑުގެ ތެރޭގައި ނަމަވެސް އޭނާ ދެއްކި ހުރިހާ ވާހަކައެއް ރާވިންއަށް އަޑުއިވުނެވެ.

"ރައުލް ބުނަން އުޅޭ އެއްޗެއް އަހަރެންނަށް ވިސްނޭ... މިވަގުތު ބޭރީތާ ދެކޮޅު ހެދުމަށްވުރެ އޭނާގެ ރުހުން ހޯދޭނޭ ގޮތެއް ބަލަންޖެހޭނީ، ހަފްތާއެކޭ އެއްނު ބުނީ، އެހާތަނަށް ކެތްކޮށްލާ... އަހަރެންނަށް އެ ޚަބަރު ލިބުމުން ބައްޕައާ ސުވާލުކުރިން، ސަމިއާނާއަކީ އާދައިގެ ޖިންނިއެއްނޫން ކަމަށް ބުނަނީ، އޭނާގެ ސިފައާ ބެހޭ ގޮތުން ސުވާލުކުރުމުން ނުކިޔައިދިން، ބުނީ ރައުލްއަށް ވިސްނައިދޭން، ސަމިއާނާއަކީ ރައުލް ޒަވާޖީ ހަޔާތެއް ފަށަން އެންމެ އެކަށޭނެ ބައިވެރިޔާކަމުގައި، މުސްތަޤުބަލުގައި ރަސްކަމުގެ ތާޖު ރައުލްގެ ބޮލުގައި އެޅޭނެކަމުގައި ވެސް ބުނި... ސަމިއާނާއަށް ރައުލް ވަރަށް ކަމުދާކަމަށް، އޭނާ ހުރީ ހުރިހާ ގޮތަކުން ރައުލްއާ ރުހިގެން" ރާވިން ބުންޏެވެ.

"އެކަމަކު އަހަރެންނަކަށް ނޭނގޭ އެއީ ކާކުކަމެއް، އަހަރެމެން ދުވަހަކުވެސް ބައްދަލެއްނުވޭ... ރޫސީ ވިލާތަކަށް ނުދަން، ދެން ނޭނގެ އޭނާއަށް އަހަރެން ކަމުދާންވީ ސަބަބެއް" ރައުލް ބުންޏެވެ.

"ދެން ހިނގާ ދާން... މިހާރު އެ މީހުން އަންނާނެ، ގަނޑުވަރުގައި ރައުލް ހުންނަން ޖެހޭނެއެއްނު، މިހާރު ނޭނގެ ބޭރީތު ނުހޯދާ ކަމެއް ވެސް" ރައުލްގެ ކޮނޑުގައި ޖަހާލަމުން ރާވިން ބުންޏެވެ.

"އެއްގަމުގައި އުޅޭން ބޭނުންވި ފަހަރެއް މި ނޫނީ ނާދޭ... މިވަގުތު އަހަރެންގެ ހިތާއި ނަފްސު ވެސް ގޮވަމުންދަނީ ކަނޑު ދޫކޮށް ބިމުގައި އުޅޭން ދިއުމަށް، ހަމަ އެއްގޮތަކަށް ވެސް އޭނާއާ ބައްދަލުކުރާހިތެއްނެތް" ރައުލް ބުނެލިއެވެ.

"އެހެންވިޔަސް އާދޭ ދެން" ރައުލްގެ އަތްދަނޑީގެ ކުރީގައި ހިފާ ދަމާލަމުން ރާވިން ލޮނުގަނޑުގެ އަޑިއަށް ފީނައިގަތެވެ.

ބޭރީތުގެ ދަރުބާރުގައި އެއްވެފައި ތިބި ޖިންނިތައް ގިނައެވެ. ރައުލް ކޮބާތޯ ޚަބަރު ބަލަން ޖިންނިއަކު ފޮނުވައިގެން އުޅެނިކޮށް ރާވިންއާއެކު އެތަނަށް ރައުލް ވަންތަން ފެނުނެވެ. ގަނޑުވަރު ވަނީ ސަމިއާނާއަށް ޓަކައި ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. ބޭރީތުގެ ގާތުގައި ރައުލް ގެނެސް ބޭންދިއެވެ. އެމީހުންނާ އެންމެ އަރިސްކޮށް ހުރީ ޒަގަންނެވެ. އޭނާއާ ޖެހިގެން ސޭމެސްއެވެ. ދެން ހުރީ ރާވިންއެވެ. ހަތޯރު ހުރީ ކަސްދިޔާގެ ގާތުގައެވެ. ދާރިއުސް ހުރީ އެމީހުންނާ ވަކިން ދުރުގައެވެ. އެންމެން ވެސް އިންތިޒާރުކުރަމުން އައީ އެތަނަށް ސަމިއާނާ އަންނާނޭ އިރަކަށެވެ.

ދަރުބާރުގެ ފުޅާ ދޮރުން ބޭރީތު ފޮނުވި އާރުކާޓީގައި ހިމެނޭ ޖިންނީން ވަންނަތަން ފެނުމުން އޭނާ އިންތަނުން ތެދުވިއެވެ. އެއާއެކު ދެން ތިބި މީހުން ވެސް ތެދުވެއްޖެއެވެ. ރައުލްގެ ނަޒަރު ވެސް އެ ދިމާއަށް ހުއްޓުނެވެ. ފުރަތަމަ ވެސް އަޅައިގަތީ ބިޔަކޮށް ތިބި މީހުންނާއި އެ މީހުންގެ އަތުގައިވީ ހަތިޔާރުގައެވެ. އަށް ޖިންނީން ތިބިއިރު ކޮންމެ މީހެއްގެ ބޮލުގައި ވެސް ދެ ދަޅު ފަޅައިފައި ހުއްޓެވެ. ބައެއް ޖިންނީންގެ ދަޅު ބޮޑުކަމުން ފަހަތަށް ލެނބިފައި ހުއްޓެވެ. އެ މީހުންގެ މޫނުތައް ހުރީ ނިވާކުރެވިފައެވެ. ކަޅުކުލައިގެ ދަހަނާއިން ދެކޮނޑު މައްޗާއެކު ދެއަތްތިލަ ރައްކާތެރިކޮށްފައި ހުއްޓެވެ. އެމީހުންގެ އަނދިރި ހަށިގަނޑުގެ މޭމަތީގައި ޝާހީ ނިޝާން ފެންނަން ހުރިއިރު އެއިން ކަޅު ދުން އަރައަރާ ހުއްޓެވެ. އުނަގަނޑުން ތިރިވަނީ އަހެއްގެ ހަށިގަނޑު ފަދައިންނެވެ. ހަތަރެސް ފައި ލާފައެވެ. އަލިފާނުން ދޮންވެފައި އޮތް ޗޭނުގަނޑެއް ކަނާތު މުލައްދަނޑިން ފެށިގެން ހިފަހައްޓާލައިގެން ހުރި ކަނޑީގެ މުއްގަނޑުގެ ބަޔަކާއެކު އޮޅާލައިފައި އޮތެވެ. ކަނޑިތަކުގެ މުއްގަނޑުތައް ދިގުވެފައި ތިލަތައް ބޮޑެއްޗެވެ. ކޯރާޑި ފަދައިން އެއްފަރާތަށް ތިލަ ހުރިއިރު މުގުރަށް ތިލަ އަމުނާފައި ހުރި ކަހަލައެވެ. ނަމަވެސް ތިލަ ދެކޮޅަށް އޫކޮށް ދެމިފައި ހުރިއިރު މިޔަ ބޮޑުވެފައި ތިލަ ވެސް އެތައް ގޮތަކުން ބޮޑެވެ. ތިލައިގައި ކަނޑާނަގައިފައި ހުރި ބައިގައި ވިރިކެކޭ އަލިފާން ހުރި ފަދައިން ދިއްލިފައި ވެއެވެ. އެއިން ވެސް ހުރީ ދުން އަރައަރައެވެ. އެ މީހުންގެ މެދުގައި ހުރި ޒުވާނާ ރައުލްއަށް ފެނުނީ ދެނެވެ. ބޭރީތުގެ ކުރިމައްޗަށް އެ މީހުން އައިސް ދެފަރާތަށާއި ފަހަތަށް ޖެހިލިއެވެ. އެއާއެކު ބޭރީތުމެންނާ ކުރިމަތިވާ ގޮތަށް ހުރި އަންހެންކުއްޖާ ފެނިއްޖެއެވެ.

ބޮލާއި ހަށިގަނޑު ނިވާވާގޮތަށް ހުރި ބޮޑުލިބާހެއް އެ އަންހެންކުއްޖާ ލާފައި ހުރި ކަހަލައެވެ. އުނަގަނޑާ ދިމާލުން ހިމަވެފައި ހަށިގަނޑުގެ ބައްޓަން އަންހެން ވަންތައެވެ. ނޭފަތާއި އަނގަމަތި ނިވާކުރެވިފައި ހުރިއިރު ބޮޑު ދެ ލޮލުގެ ކަޅިރަވަ ނުހަނު ހިތްގައިމެވެ. ރީނދޫކުލައިގެ ކަޅީގެ ވަށައިގެން ފެހިކުލައިގެ ބުރަށް ލެވިފައިވާއިރު ހީވަނީ ފެހިކުލަ ކޮންމެވެސް ވަރަކަށް ރީނދޫކުލައިގެ ތެރެއަށް ފޭދިފައި ހުރިހެންނެވެ. ކަރުގެ ދެފަރާތަށް ކުރިމައްޗަށް ވާގޮތަށް ދެ ނަރުވާ ފަދައިން ދިގުކޮށް އޮތް ހަންކޮޅެއް އެލިފައި އޮތެވެ. އޭގައި ހަރަކާތް ހުއްޓެވެ. ހީވަނީ އަމިއްލަ އިޚްތިޔާރެއް އެއަށް ލިބިފައިވާހެނެވެ. ދެމުބައާ ދިމާއިން ހުރީ އާދަޔާ ޚިލާފަށް މައްޗަށް ހިއްލިފައެވެ. ނިތްކުރިން ކުޑަކޮށް ކުރިއަށް ނުކުމެފައި ހުރިއިރު ނިތްކުރީގައި ވަށްބުރެއްހެން ހަތަރު އަޑިކޮޅު ހުއްޓެވެ. ދެބުމަ ގުޅޭ ހިސާބުގައި އަޑިވެފައި ހުރި ތަން ބޮޑެވެ. ދެން ހުރި ތިން ތަންކޮޅު ހުރީ އޭގެ ވަށައިގެންވާ ގޮތަށެވެ. ދެ ކޯތާފަތުގެ ބަޔަކުން ކަންފަތާ ދިމާއަށް ވާގޮތަށް ކުދި ކަށިތަކެއް ނިކުމެފައި ހުއްޓެވެ. އޭނާގެ ހަންގަޑު އަލިވެފައި ވަރަށް މަޑުމަޑު ފިޔާތޮށި ކުލައެއް ހުއްޓެވެ. އައިބެއްނުވާ އޮމާންކަމެއް އެ ހަމުގައި ހުއްޓެވެ. ކުރިއަށް ފިޔަވަޅު އަޅާލުމާއެކު ކުރިމަތިން ލިބާސް ފޭވެ އޭނާގެ ނިވާކަމެއްނެތް ފައިގެ ބޮޑުބައެއް ފާޅުވިއެވެ. ބޭރީތު ވެސް އޭނާގެ މަޤާމުން ފައިބައި ސަމިއާނާއަށް އަތްތިލަ ދިއްކޮށްލީ ހިނިތުންވެލައިގެން ހުރެއެވެ. އެ އަތުގައި ސަމިއާނާ ހިފައި ބޭރީތާ ގާތްވެލައި ކަރާއިކަރުޖައްސައި ސަލާމްކުރިއެވެ. އަދި ދުރަށް ޖެހިލި ވަގުތު މަޢުނަވީ ބެލުމަކުން ރައުލްއަށް ބަލާލިއެވެ.

(ނުނިމޭ)