ހަބަރު

ސިޔާސީ މީހުން ތިބޭ މުއައްސަސާއަކުން ފަނޑިޔާރުންނަށް ފިޔަވަޅު އެޅުން ގޯސް: އުއްތަމަ ފަނޑިޔާރު

ފަނޑިޔާރުންނަށް ފިޔަވަޅު އަޅާތަނަކީ ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުންގެ ނުފޫޒާއި ބާރު އޮންނަ މުއައްސަސާއަކަށް ވުމަކީ ގޯހެއް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު ވާހަކަ އިޝަރާތްކުރައްވާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަމަށް ބެލެވެ އެވެ. ޖޭއެސްސީގައި މިހާރު ތިއްބަވަނީ، ހައިކޯޓާއި ސުޕްރީމް ކޯޓާއި ދަށު ކޯޓުތަކުގެ ފަރާތުން ފަނޑިޔާރުންނާއި ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ. ގާނޫނީ ވަކީލުންގެ ފަރާތުން ވެސް މެންބަރެއް އިންނަވާއިރު ރައީސްގެ މެންބަރަކު ވެސް އިންނަވަ އެވެ.

ޖުޑިޝަލް ކޮންފަރެންސް ފެށުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މިނިވަން ފަނޑިޔާރު ގެއެއްގެ ތަޅުދަނޑިއަކީ އިލްމާއި ޖުޑީޝަލް ކޮމްޕިޓެންސާއި ނަޒާހަތްތެރިކަމާއި އަހުލާގު ލިބިގެންތިބި މީހުން ފަނޑިޔާރުންނަށް އައްޔަން ކުރެވޭ ގޮތަށް ނިޒާމާއި އެނިޒާމުގެ އިޖުރާތްތައް ބައްޓަންވެގެން ދިއުން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެނިޒާމަކި ސިޔާސީ ބޭފުޅުން ތިއްބަވާ ސިޔާސީ ޕާޓީތަކާއި ލީޑަރުން ތިއްބަވާ ނުވަތަ އެބޭފުޅުންގެ މަސްލަހަތަށްޓަކައި ހިނގާ ނިޒާމަކަށް ވެއްޖެނަމަ މިނިވަން ފަނޑިޔާރު ގެއެއް ނޯންނާނެ ކަމަށެވެ.

"ފަނޑިޔާރުން މަގާމުން ވަކި ކުރުމަކީވެސް ސިޔާސީ ޕްރޮސެސްއެއްގެ ތެރެއިން ކުރެވޭ ކަަމަކަށް ވެގެން ނުުވާނެ، ފަނޑިޔާރުންނަށް މަގާމުދެނީ އަދި މަގާމުން ވަކި ކުރަނީ ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުންގެ ނުފޫޒާއި ބާރު އޮންނަ މުއައްސަސާތަކުން ކަމަށްވާނަމަ އެފަރާތްތަކުގެ ނުފޫޒުގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތަށް ދަތިވުމާއި އަދި އެނުފޫޒުގައި ފަނޑިޔާރުންޖެހި ފަނޑިޔާރުގޭގެ މިނިވަންކަން ގެއްލުން އޮންނާނީ ނުހަނު ގާތުގައި،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުން ފަނޑިޔާރުގެ ކޮންޓްރޯލްކޮށް ފަނޑިޔާރުގޭގެ އަގުވައްޓާލައި ސިޔާސީ މަގުސަދުތަކަށްޓަކައި ފަނޑިޔާރުގެއަށް ނުފޫޒުފޯރުވުމަށް މަސައްކަތް ކުރާނަމަ ފަނޑިޔާރުގޭގެ މިނިވަންކަން ފުރިހަމަ ނުވާނެ ކަމަށެވެ.

އުއްތަަމަ ފަނޑިޔާރު އެގޮތަށް ވިދާޅުވެފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޖޭއެސްސީ މިހާރު އޮތް ފޯމޭޝަނަކީ އިންސާފަށް އެޅޭ ހުރަހެއް ކަމަށާއި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާމެދު ވިސްނުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެ ފޯމޭޓް ބަދަލު ކުރުމާމެދު މާދަމާ ފެށޭ ޖުޑީޝަލް ރީފޯމް ކޮންފަރެންސްގައި މަޝްވަރާކޮށް ފުންކޮށް ވިސްނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ގާނޫނު އަސާސީ އެކުލެވިފައިވަނީ ޖަވާބުދާރީ ކުރުވޭ ގޮތަށް ކަމަށާއި އިމުގެ ތެރޭގައި ފަނޑިޔާރުންނަކީ ވެސް ޖަވާބުދާރީ ކުރެވޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. ފަނޑިޔާރުން ޝަރީއަތްތައް ކުރިއަށް ގެންދަން ޖެހޭނީ ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކެއްގަ ކަމަށާއި އެއީ މުޅި މުޖުތަމައުގެ ހައްގެއް ކަމަށެވެ. އެއީ ކޯޓުތަކަށް ދޫކޮށްލާފައި އޮތް ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.