ހަބަރު

ޖުޑީޝަރީ އިސްލާހު ކުރެވޭނީ ނުފޫޒު ފޯރުވުން ހުއްޓުވައިގެން: އުއްތަމަ ފަނޑިޔާރު

ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނީ ވެރިކަން ހިންގާބާރާއި ރައްޔިތުންގެ މަޖިލީހުގެ ނުފޫޒު ފޯރުވުން ހުއްޓުވައި މިނިވަން ވެގެން ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ޖުޑިޝަލް ކޮންފަރެންސް ފެށުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުގެ އިސްލާހު ކުރުމަށްޓަކައި ސިޔާސަތުތައްް އެކަށައަޅައި އެ ސިޔާސަތުތައް ތަންފީޒުކުރުމަކީ ފަނޑިޔާރުގޭގެ ޒިންމާއެއް ކަމަށެވެ. އަދިި އެބާރުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި ފަނޑިޔާރުގެ އިސްލާހުކުރުމާއި ތަރައްގީ ކުރުމާއި ރާވާ ހިންގުމުގެ އިސްފަރާތަކީ ސުޕްރީމް ކޯޓު ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"އެއްވެސް ސިފައެއްގައި އެއްވެސް ސަބަބެއް ދައްކައިގެން ފަނޑިޔާރުގެއަށް އަނެއް ދެބާރުން ނުފޫޒު ފޯރުވައި، ބާރު ހިންގައި ފަނޑިޔާރުގޭގެ ކަންކަމާއިބެހި ހަދާކަށް ގާނޫނު އަސާސީން ތަނެއް ނުދޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޖުޑިޝަލް ކޮންފަރެންސް ފެށުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމަކީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތުގައި ހިމެނޭ ކަމެއް ކަމަށެވެ.

"ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ޝަރުއީ ދާއިރާ މިނިވަންނުވެ ފުރިހަމައެއް ނުވާނެކަން އަޅުގަނޑުމެން ވިސްނަން ޖެހޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުގެ އިސްލާހު ކުރުމަށް މުހިންމު ތިން ކަމަކަށް ވިސްނަންޖެހޭ ކަމަށެވެ. އެކަންކަމަކީ ސަރުއީނިޒާމުގެ ފްރޭމްވޯކާއި ކޯޓްތަކާއި އިންސްޓިޓިއުޝަންތަކުގެ ހައިރާކީ ހަރުދަނާ ކުރުން ކަމަށެވެ. ކޯޓުތަކުގެ އިދާރީ ހިންގުމާއިބެހޭ ގަވާއިދުތަކާއި ޝަރީއަތުގެ އިޖްރާއަތްތަކާއިބެހޭ ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުން މުހިންމު ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ތިންވަނަ ކަމަކީ ޝަރުއީ ނިޒާމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކަކީ އެކަމަށް އެކަށީގެންވާ އިލްމާއި ކޮމްޕިޓެންސީއާ އަހުލާގުގެ ކަންކަން ރަނގަޅު ކުރުން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"މި ތިން ކަންތައްތަކަށް ފޯކަށް ކޮށްގެން ފަނޑިޔާރުގޭގެ އިސްލާހުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލެވި ތަންފީޒު ކުރެވިއްޖެނަމަ ފަނޑިޔާރުގޭގެ އިލްމީ ފެންވަރާއި ފަންނީ ގާބިލިއްޔަތު އިތުރުވެ، ކޭސް މެނޭޖްމެންޓް ހަރުދަނާވެ، ނިންމާ ނިންމުންތަކަކީ އިލްމީ ގޮތުން ހަރުދަނާ އަދި ރަނގަޅު ނިންމުންތަކަކަށް ވެގެންދާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޖުޑީޝަލް ރިފޯމް ހަރުދަނާ ކުރެވޭނީ އެކަމަށް އެޅޭ ހުރަސްތައް ނައްތާލެވިގެން ކަމަށެވެ. އަދި ވިސްނުންތަކުގެ ފައިދާ ލިބޭނީ ވިސްނުންތަކަށް ހެޔޮ ގޮތުގައި އަމަލީ ގޮތުން އަމަލު ކުރެވިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގައި ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ސިޔާސީ ނުބައި މަގުސަދުތަކާއި އެނޫންވެސް އެފަދަ ނާޖާއިޒް އެޖެންޑާތައް އެއްފަރާތްކޮށް ތެދުވެރި އަދި އިހްލާހަށް މަސައްކަތް ކުރަންޖެހޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.