ހަބަރު

އެމްއެމްއޭގެ ގަވަރުނަރު މަޖިލިސް ކޮމިޓީއަށް ހާޒިރުކުރަނީ

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށްއެދި ހުށަހަޅައިފި އެވެ.

ނަސީރު މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށްދޭން އެދި ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އެވެ. ނަސީރު ހާޒިރު ކުރަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު, އެފްއައިޔޫގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފް އެމަގާމުން ވަކިކުރި މައްސަލާގައި އެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ނަސީރު ހާޒިރު ކޮށްދިނުމަށް އެދި އީވާ ފޮނުއްވި ސިޓީގައި ވަނީ، އަޝްރަފް ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަކުން އެންޓިކޮރަޕްޝަން ކޮމިޝަންގެ އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޓްރާންސްފާ ކުރުމުގެ މައްސަލަ އެފްއައިޔޫއިން އެންޓި ކޮރަޕްޝަން ކޮމިޝަންއަށް ހުށައަޅާފައި އޮއްވައި ކަމަށެވެ.

ރައީސް ޔާމީންގެ ކެމްޕައިން ފައިނޭންސިންއާބެހޭ މައްސަލައެއް ހަމަ އެ ޔުނިޓުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައަޅާފައިވާ ވަނިކޮށް ކުއްލި ގޮތަކަށް ވަކި ކުރުމާއި ގުޅިގެން ނަޝީރު ހާޒިރުކުރުމަށް އެދޭ ކަމަށްވެސް ސިޓީގައި ވެއެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިން އާއި ޓެރެރިޒަމަށް ފައިނޭންސް ކުރުން ހުއްޓުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޮޑީއެކެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގި ދުވަސްވަރު މި ޔުނިޓުން އަޅާނުލުމާއި އިހުމާލުވެފައިވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓުގައި ވަނީ ތުހުމަތު ކޮށްފަ އެވެ.

އޭސީސީގެ ރިޕޯޓްގައި ވަނީ އެމްއެމްޕީއާރުސީއާ ގުޅުން ހުރި، ޝައްކު ކުރެވޭ ފައިސާގެ މުއާމަލާތްތަކެއް ހުރެގެން ބޭންކުގެ ފަރާތުން އެފްއައިޔޫއަށް ރިޕޯޓްތަކެއް ފޮނުވި ކަމަށެވެ. އެހެން ނަމަވެސް، އެ މައްސަލަތައް ތަހުގީގުކޮށް، އެ ކަންތައްތަކުން މަނީ ލޯންޑަރިންގެ އެއްވެސް އަމަލެއް ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމާ ގުޅިފައިވާ ކުށެއް ކަމަށް ޝައްކުކުރެވޭ ވަރުގެ އިންޑިކޭޝަންއެއް ލިބިފައިނުވާކަމަށް ނިންމައި، އެ މައްސަލަ ތަހުގީގީ އިދާރާތަކަށް އެފްއައިޔޫއިން އޭރު ނުފޮނުވަން ނިންމި ކަމަށެވެ.

އެހެން ނަމަވެސް، އެ މައްސަލަ އޭސީސީއިން ތަހުގީގުކޮށް ބުނީ، އެފްއައިޔޫއިން ރިޕޯޓް އެކުލަވާލިއިރު، އެމްއެމްޕީއާރުސީގެ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެ، އެ ފައިސާ ކުރު މުއްދަތެއްގައި ތެރޭގައި ނަގުދު ފައިސާއިން ނަގަމުން ދިޔަކަން އެފްއައިޔޫއިން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަކީ އެފަދަ ޓްރާންސެކްޝަންތައް ހިންގޭނެވަރުގެ ގާބިލުކަމެއް ނެތް ކުންފުންޏެއްކަން އެ ކުންފުނީގެ ވިޔަފާރީގެ ފައިދާ އާއި އެކައުންޓް ބެލެންސްއިން އެފްއައިޔޫއަށް އެނގޭކަމަށް ވެސް ބަޔާނުގައިވެ އެވެ.

އޭސީސީ އިން ބުނި ގޮތުގައި އެ ކުންފުނިން ހިންގާފައިވާ ޓްރާންސެކްޝަންތަކަކީ ކުންފުންޏާ ނުބައްދަލު މުއާމަލާތްތަކެއް ކަމަށް އެފްއައިޔޫގެ އެނަލިސިސްއަށް ފާހަގަކުރެވިފައިވާއިރު، އެ މައްސަލަ ތަހުގީގު ކުރަން ކަމާ ބެހޭ މުއަސައްސާތަކަށް ނުފޮނުވަން ނިންމީ، އެ ކުންފުނިން އެ މުއާމަލާތްތައް ހިންގި ސަބަބު ހޯދުމެއް ނެތި އެވެ.

އެފްއައިޔޫ ހިންގުމުގެ މަގާމް މިހާރު ހަވާލުކޮށްފައިވަނީ އިބްރާހިމް އަހުމަދު ނާސިރު އަށެވެ.