މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އިސްތިއުފާ ދެއްވުމުގެ ކުރިން ނަސީރު ވަނީ އެމްއެމްއޭގެ ބައެއް އިސް މުވައްޒަފުންނާ ބައްދަލުކުރައްވައިފަ އެވެ.
ނަސީރު ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ އެމަނިކުފާނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވަނި ކޮށެވެ.
އެގޮތުން، މަނީ ލޯންޑަރިންގް މައްސަލަތައް ބަލަން ގާނޫނުގެ ދަށުން މަރުކަޒީ ބޭންކުގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ވަނީ އެ ޔުނިޓުގެ މަސައްކަތަށް ނަސީރު ނުފޫޒުފޯރުވަން އުޅުއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތުހުމަތުކޮށްފަ އެވެ.
ހޯމަ ދުވަހު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އަޝްރަފް ވިދާޅުވީ، މާޗް 2016 އިން ފެށިގެން ސެޕްޓެމްބަރު 2018 އާ ހަމައަށް އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ހުރި މުއްދަތުގައި އެ ޔުނިޓުގެ މަސައްކަތަކަށް ނަސީރު ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
ގަވަރުނަރު ކަންބޮޑުވީ ރައީސް ޔާމީންގެ ދެ މައްސަލައެއްގައި
ރައީސް ޔާމީނާ ގުޅޭގޮތުން ފުލުހުންނަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހު ކެމްޕޭނު ފައިސާގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ޖަމާވި ކަމުގެ ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) އެކެވެ.
އެކަމާ ގުޅިގެން ގަވަރުނަރު އެމްއެމްއޭގެ ޓެރަސްގައި ބައްދަލުކޮށް ރިޔާސީ އިންތިހާބުގެ ކުރިން އެފަދަ ހައި ޕްރޮފައިލް މައްސަލަތައް ނުފޮނުވަން އަޝްރަފަށް އެންގި ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
"ވިދާޅުވި ތިކަން ތި ކުރަނީ ކަލޭ މޮޔަކަމުންހޭ ނޫނީ ތިމަންނާއަށް ޖެއްސުމަށްހޭ. ތިމަންނާއަށް މިހާރުވެސް މަގާމުން ދުރުކުރާނެކަމުގެ އިންޒާރު އެބަ އާދެއޭ. ޖަލަށް ވެސް ދާންޖެހިދާނެ އޭ. ތިމަންނަ ކަންބޮޑުވަނީ ފެމިލީއަށް ދެރަގޮތެއް ވެދާނެތީ އޭ،" އޭނާ ބުންޏެވެ.
އޭގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްބަސްވެ ބީއެމްއެލްގައި ހުޅުވި އެސްކޮރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކުރި މައްސަލަ ވެސް ނުފޮނުވަން ނަސީރު އެންގެވި ކަމަށް އަޝްރަފް ވަނީ ތުހުމަތުކޮށްފަ އެވެ.
ޓެރަސްގައި ބައްދަލުކުރެއްވުން ބޮޑު ސުވާލަކަށް
މުވައްޒަފުންނާ އެކަހިރިކޮށް އަމިއްލަ ކެބިންގައި ބައްދަލުކުރެއްވޭއިރު، ހެނދުނުގެ ހޫނު ވަގުތުގައި ޓެރަސްގައި ފޯނު ނުލައި ބައްދަލުކުރަން އަޝްރަފްއަށް ދެންނެވުމުން ކޮމިޓީ މެންބަރުންގެ ގިނަ ސުވާލުތަކެއް ގަވަރުނަރަށް އަމާޒުވި އެވެ. އަދި ކެމްޕޭނު ފައިސާތަކެއް ޔާމީން އެކައުންޓަށް ޖަމާކުރުމުން އެކަމާ ވަޓްސްއެޕުން އަޝްރަފް ގުޅުއްވީ ކީއްވެތޯ ގަވަރުނަރާ މެންބަރުން ސުވާލު ކުރެއްވި އެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި ގަވަރުނަރު ވިދާޅުވީ، ކެބިންގައި ބައްދަލުނުކުރެއްވީ އަޝްރަފާ ދައްކަވަން އޮތް ވާހަކައިގެ ބާވަތުން ކަމަށާއި، އެމަނިކުފާނުގެ ކެބިންއަކީ އަބަދު މީހުން ވަދެ ނުކުމެވާ ތަނަކަށް ވާތީ ކަމަށެވެ. ނަމަވެސް، އެފަދަ ތަނެއްގައި އަޝްރަފާ ބައްދަލުކޮށް ތުހުމަތުކުރާ ވާހަކަތަކެއް ނުދައްކަވާކަމަށް ނަސީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ނަސީރު ވިދާޅުވީ އަޝްރަފާ ވާހަކަ ދެއްކެވީ މަގާމު ބަދަލު ކުރުމުގެ ކުރިން އޭނާއާމެދު ޝައްކުކުރެވޭ ކަންތައްތައް އިތުރަށް ޔަގީން ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއްވެސް މީހެއްގެ މައްސަލައެއް ބަލަން ނޫނީ ނުބަލަން އެމްއެމްއޭގެ އެއްވެސް ޑިޕާޓްމަންޓަކަށް އަންގަވާފައި ނުވާނެ ކަމަށް ވެސް ނަސީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ދައުލަތުގެ އިދާރާއެއްގެ އެންމެ މަތީ ވެރިޔާ، ފޯނު ނުލައި ޓެރަސްގައި މުވައްޒަފަކާ ބައްދަލުކުރެއްވުމަކީ ސުވާލު އުފެދޭކަމެއް ކަމަށް ބުނެ، އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވެސް ގިނަ މެންބަރުން ވަނީ ނަސީރަށް ފާޑުވިދާޅުވެފަ އެވެ.