ހަބަރު

އަޝްރަފާއި ގަވަރުނަރު: އެކަކު އަނެކަކަށް ތުހުމަތު!

މަރުކަޒީ ބޭންކު ގަވަރުނަރު އަހުމަދު ނަސީރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަނީ ލޯންޑަރިންގް މައްސަލަތައް ބަލަން ގާނޫނުގެ ދަށުން މަރުކަޒީ ބޭންކުގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފާ ދެމެދު ބޮޑެތި ތުހުމަތުތަކެއް މިއަދު ބަދަލުކޮށްފި އެވެ.

އެފްއައިޔޫގެ މަސައްކަތަށް ގަވަރުނަރު ނުފޫޒު ފޯރުވާ ކަމަށް ބުނެ އަޝްރަފް ފޮނުވި ސިޓީއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެންމެ ފުރަތަމަ ހާޒިރު ކޮށްފައި ވަނީ ވެސް އަޝްރަފެވެ.

އެ ބައްދަލުވުމުގައި އަޝްރަފް ވިދާޅުވީ، މާޗް 2016 އިން ފެށިގެން ސެޕްޓެމްބަރު 2018 އާ ހަމައަށް އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ހުރި މުއްދަތުގައި އެ ޔުނިޓުގެ މަސައްކަތަކަށް ނަސީރު ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

ގަވަރުނަރު ކަންބޮޑުވީ ރައީސް ޔާމީންގެ ދެ މައްސަލައެއްގައި

ރައީސް ޔާމީނާ ގުޅޭގޮތުން ފުލުހުންނަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހު ކެމްޕޭނު ފައިސާގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ޖަމާވި ކަމުގެ ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) އެކެވެ.

އެކަމާ ގުޅިގެން ގަވަރުނަރު އެމްއެމްއޭގެ ޓެރަސްގައި ބައްދަލުކޮށް ރިޔާސީ އިންތިހާބުގެ ކުރިން އެފަދަ ހައި ޕްރޮފައިލް މައްސަލަތައް ނުފޮނުވަން އަޝްރަފަށް އެންގި ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

"ވިދާޅުވި ތިކަން ތި ކުރަނީ ކަލޭ މޮޔަކަމުންހޭ ނޫނީ ތިމަންނާއަށް ޖެއްސުމަށްހޭ. ތިމަންނާއަށް މިހާރުވެސް މަގާމުން ދުރުކުރާނެކަމުގެ އިންޒާރު އެބަ އާދެއޭ. ޖަލަށް ވެސް ދާންޖެހިދާނެ އޭ. ތިމަންނަ ކަންބޮޑުވަނީ ފެމިލީއަށް ދެރަގޮތެއް ވެދާނެތީ އޭ،" އޭނާ ބުންޏެވެ.

އޭގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްބަސްވެ ބީއެމްއެލްގައި ހުޅުވި އެސްކޮރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކުރި މައްސަލަ ވެސް ނުފޮނުވަން ނަސީރު އެންގެވި ކަމަށް އަޝްރަފް ވަނީ ތުހުމަތުކޮށްފަ އެވެ.

އަޝްރަފްގެ ތުހުމަތުތަކަކީ މަގާމު ގެއްލުމުގެ ސަބަބުން ވެރިޔާއާ މެދު އޮތް ހަސަދަވެރިކަމެއްތޯ ބައެއް މެންބަރުން ވަނީ މިއަދު ސުވާލު ކުރައްވާ އެވެ. އެކަމުގެ ރައްދުގައި އަޝްރަފް ބުނީ އޭނާ އެ ވާހަކަތައް ހިއްސާ ކުރަން ބޭނުންވީ މަގާމެއް ބޭނުން ވެގެން ނޫން ކަމަށާއި، މަރުކަޒީ ބޭންކުގެ އެންމެ މަތީ ވެރިޔާ ގާނޫނަކުން މިނިވަންކަން ދީފައިވާ ޔުނިޓަކަށް ނުފޫޒު ފޯރުވާފައިވާތީ ކަމަށެވެ.

އަޝްރަފު އިތުރަށް ބުނި ގޮތުގައި، އޭނާ އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ހުރި މުއްދަތުގައި އެ ޔުނިޓުގެ މަސައްކަތްތައް ދިޔައީ ލިބިފައިހުރި ވަސީލަތްތަކަށް ބަލާއިރު އެންމެ ރަނގަޅަށް ކަމަށް ގަބޫލުކުރެވެ އެވެ.

ރައްދުގައި ގަވަރުނަރުގެ ތުހުމަތުތައް އަޝްރަފަށް

ގަވަރުނަރު މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވަނީ އަޝްރަފަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.

އެގޮތުން، އެފްއައިޔޫން މައުލޫމާތު ލީކު ކުރިކަމުގެ ތުހުމަތު އަޝްރަފްގެ މައްޗަށް ނަސީރު ވަނީ ކުރައްވައިފަ އެވެ. ނަސީރު ވިދާޅުވި ގޮތުގައި އެފްއައިޔޫ ގެ ޑޭޓާބޭސްގެ ތެރެއަށް ލާފައިއިން ބޮޓެއް މެދުވެރިކޮށް މައުލޫމާތު ވަނީ ލީކު ކޮށްފަ އެވެ.

ނަސީރު ވިދާޅުވި ގޮތުގައި، އެފްއައިޔޫގެ ވެރިޔާގެ މަގާމުން އެހެން މަގާމަކަށް އަޝްރަފް ބަދަލު ކުރައްވަން ނިންމެވީ، އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވެމުން ނުދާ ކަމަށް ފާހަގަ ކުރުމުގެ އިތުރުން، އެ ޔުނިޓުން މައުލޫމާތުތަކެއް ލީކުވަމުންދާ ކަމަށް ޝައްކު ކުރެވިގެނެވެ.

އެގޮތުން، އަޝްރަފު އެހެން މަގާމަކަށް ބަދަލު ކުރުމަށްފަހު ބެލި ބެލުމުގައި، އެފްއައިޔޫގެ ޑޭޓާބޭސް ތެރެއަށް ބޮޓެއް ލާފައިވާ ވާކަން ފާހަގަ ކުރެވުނެވެ،

"ޑޭޓާބޭސް ތެރެއަށް ލާފައި އިން ބޮޓަކުން، ބައެއް މައުލޫމާތުތައް ފޮނުވަމުން ދިޔައީ ޓެލެގްރާމްގައި ހަދާފައި އިން ގުރޫޕަކަށް،" އެ ގުރޫޕާބެހޭ އިތުރު ތަފްސީލެއް ނުދެއްވާ ނަސީރު ވިދާޅުވި އެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވި ގޮތުގައި، އަޝްރަފް އެހެން މަގާމަކަށް ބަދަލުކުރި ފަހުންވެސް ހަތަރު މަސް ދުވަސް ވަންދެން އެމްއެމްއޭގެ އިންޓްރާނެޓް މެދުވެރިކޮށް އެފްއައިޔޫއަށް ފޮނުވާ ލިޔެކިޔުންތައް އަޝްރަފް ބަލަމުން ގެންދިޔަ ކަން ފާހަގަ ކުރެވިފައިވާ ވެއެވެ. އަދި އެ ދުވަސް ވަރު ސިޔާސީ އެކި ބޭފުޅުންނާ އަޝްރަފް ބައްދަލުކު ރަމުންދިޔަ ކަން ފާހަގަ ވެފައިވާ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ކެމްޕޭނު ފައިސާތަކެއް ޖަމާވެގެން އެފްއައިޔޫއަށް މިދިޔަ އަހަރުގެ ޖޫން މަހު ރިޕޯޓުކުރި ނަމަވެސް، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ކަމަށް ނަސީރު ވިދާޅުވި އެވެ.

މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަސީރު ވިދާޅުވީ އެހާ ގިނަ ދުވަހު އެ މައްސަލަ ނުފޮނުވާ ބޭއްވީ ރިޔާސީ އިންތިހާބަށް ނުފޫޒެއް ފޯރުވުމުގެ ނިޔަތުގައި ކަމަށް ބެލުމުގެ ޖާގަ ލިބޭ ކަމަށެވެ.

"ހަގީގަތުގައި އެ މައްސަލަ ފުލުހުންނަށް ފޮނުވީ އަޝްރަފަށް އިތުރު ގޮތެއް ނެތީމައޭ އަޅުގަނޑަށް ބޮޑަށް ދެންނެވޭނީ. އެއީ އެ މައްސަލަ އަޅުގަނޑާ ހަމައަށް އެހެން މުވައްޒަފަކު ގެނައީ އަޝްރަފް ރަށުގައި ނޫޅުއްވަނީސް. ދެން އަޅުގަނޑު ބެލުމުން އެނގުނީ އެއީ ޖޫން މަހު އައިއްސަ އޮތް މައްސަލައެއްކަން. ދެން އަޝްރަފް އެނބުރި އައިސް އެ މައްސަލަ ފޮނުވީ،" ގަވަރުނަރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ، އެފްއައިޔޫގެ މަގާމުން އަޝްރަފް ބަދަލު ކުރަން ނިންމެވުމުގައި އެ ރިޕޯޓް ނުފޮނުވާ އެހާ ގިނަ ދުވަހު ބޭއްވުމަކީ މައިގަނޑު ސަބަބެއް ކަމަށެވެ.

އަޝްރަފަށް ބޮޑެތި ތުހުމަތުތައް، އަދިވެސް ވަޒީފާގައި

އެފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހަކު ވަޒީފާއިން ވަކިނުކޮށް ނޫނީ ސަސްޕެންޑު ނުކޮށް އެމްއެމްއޭގެ އެހެން އިސް މަގާމަކަށް ބަދަލުކޮށްފައި ވާތީ، ކޮމިޓީގެ ގިނަ މެންބަރުން ވަނީ ގަވަރުނަރާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވައިފަ އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، އެފްއައިޔޫގެ ފަދަ މުހިންމު ޔުނިޓެއްގެ ވެރިޔާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ނުކުޅެދުނު ކަމަށް ގަބޫލު ކުރެއްވުނަސް، އަޝްރަފަކީ އެމްއެމްއޭގެ ހަރަދުގައި ތަމްރީނު ކޮށްފައިވާ ފަރާތެއް ކަމަށްވާތީ އޭނާއަށް ވެސް ދެރައެއް ނުލިބޭ ގޮތަށް ބޭނުން ހިފޭނެ އެހެން ވަޒީފާއަކަށް ބަދަލު ކުރެއްވީ ކަމަށެވެ.

ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކޮށްގެން ހުންނެވި އަޝްރަފް މިހާރު ހުންނަވަނީ ރާއްޖޭގައި ޕޭމަންޓް ގޭޓްވޭ ނިޒާމުތައް ގާއިމު ކުރުމަށްޓަކައި ގާނޫނުތައް ޑްރާފްޓް ކުރުމުގެ މަސައްކަތްކުރާ ޑިޕާޓުމަންޓުގަ އެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި، މައުލޫމާތު ލީކު ކުރުން ފަދަ ކަންކަން ފާހަގަވެފައި ވަނީ އަޝްރަފް އެފްއައިޔޫއިން ބަދަލު ކުރުމުން ކަމަށާއި، ނަމަވެސް، ހަމައެކަނި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އިތުރު ފިޔަވަޅެއް އަޅުއްވަން ބޭނުންފުޅު ނުވީ ކަމަށެވެ.

"އަޅުގަނޑުމެން އެ ހުރިހާ ކަމެއްގެ އިންޓާނަލް ރިވިއުއެއް ހަދާފައި މިހާރު ވަނީ ޕޮލިހަށް ފޮނުވާފައި. ދެން ތަހުގީގީ އިދާރާއަކުން ޖިނާއީ ކަމެއް އުޅޭ ކަމަށް ބުނުމުން އިތުރު ފިޔަވަޅެއް އެޅޭނީ. އެކަމަކު އަޅުގަނޑާއި ހިސާބުން އެޅޭނެ އެންމެ މަތީ ފިޔަވަޅު އެހެރީ އަޅާފައި. އެއީ އެފްއައިޔޫގެ ހެޑުގެ މަގާމުން ބަދަލު ކުރުން،" ނަސީރު ތަފްސީލުކޮށް ދެއްވި އެވެ.

ޓެރަސްގައި ބައްދަލުކުރެއްވުން ބޮޑު ސުވާލަކަށް

މުވައްޒަފުންނާ އެކަހިރިކޮށް އަމިއްލަ ކެބިންގައި ބައްދަލުކުރެއްވޭއިރު، ހެނދުނުގެ ހޫނު ވަގުތުގައި ޓެރަސްގައި ފޯނު ނުލައި ބައްދަލުކުރަން އަޝްރަފްއަށް ދެންނެވުމުން ކޮމިޓީ މެންބަރުންގެ ގިނަ ސުވާލުތަކެއް ގަވަރުނަރަށް އަމާޒުވި އެވެ. އަދި ކެމްޕޭނު ފައިސާތަކެއް ޔާމީން އެކައުންޓަށް ޖަމާކުރުމުން އެކަމާ ވަޓްސްއެޕުން އަޝްރަފް ގުޅުއްވީ ކީއްވެތޯ ގަވަރުނަރާ މެންބަރުން ސުވާލު ކުރެއްވި އެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ގަވަރުނަރު ވިދާޅުވީ، ކެބިންގައި ބައްދަލުނުކުރެއްވީ އަޝްރަފާ ދައްކަވަން އޮތް ވާހަކައިގެ ބާވަތުން ކަމަށާއި، އެމަނިކުފާނުގެ ކެބިންއަކީ އަބަދު މީހުން ވަދެ ނުކުމެވާ ތަނަކަށް ވާތީ ކަމަށެވެ. ނަމަވެސް، އެފަދަ ތަނެއްގައި އަޝްރަފާ ބައްދަލުކޮށް ތުހުމަތުކުރާ ވާހަކަތަކެއް ނުދައްކަވާކަމަށް ނަސީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ނަސީރު ވިދާޅުވީ އަޝްރަފާ ވާހަކަ ދެއްކެވީ މަގާމު ބަދަލު ކުރުމުގެ ކުރިން އޭނާއާމެދު ޝައްކުކުރެވޭ ކަންތައްތައް އިތުރަށް ޔަގީން ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއްވެސް މީހެއްގެ މައްސަލައެއް ބަލަން ނޫނީ ނުބަލަން އެމްއެމްއޭގެ އެއްވެސް ޑިޕާޓްމަންޓަކަށް އަންގަވާފައި ނުވާނެ ކަމަށް ވެސް ނަސީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގައި އެފްއައިޔޫ ގެ އެއިރުގެ ވެރިޔާ އާތިފު ޝަކޫރު އިހުމާލުވެފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވެރި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް އެ މައްސަލާގައި އެސްއޯއެފަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފު އަންގައިގެން ކަމަށް އޭސީސީން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.

އެ ނިންމުން ނިންމީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމަށް ކަން ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި އާތިފުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ފެބްރުއަރީ މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބިގެން ޖެހޭ 1.3 ބިލިއަން ރުފިޔާއަށް ހިޔާނާތްވެރިވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ހިޔާނާތުގެ މައްސަލައާ ގުޅިގެން އެފްއައިޔޫ އިން ތައްޔާރުކުރި އެނަލިސިސް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ ކަންތައްތައް ފާހަގަކޮށްފައިވީ ނަމަވެސް އޭޕްރީލް 6، 2015 ގައި ރިޕޯޓުގައިވާ ކަންކަން ތަހުގީގީ އިދާރާއަކަށް ނުފޮނުވަން އެ ޔުނިޓުން ނިންމި އެވެ.