(18 ފެބްރުއަރީ 2019 އާ ގުޅޭ) -- ދިގު ދަތުރުގެ ސަބަބުން މަންހާއަށް ލިބިފައިވާ ވަރުބަލިކަން ފިލުވާލުމަށްޓަކައި އޭނަ ފެންވަރާ ތާޒާވެލިއެވެ. އަދި ފޮށި ހުޅުވާލުމާއިއެކު އޭނަ ލާނެ ޓޮޕަކާއި ދިގު ސްކާޓެއް ތައްޔާރުކޮއްލިއެވެ. ލޯގަނޑު ކުރިމަތީހުރެ މަންހާ އޭނަގެ އަމިއްލަ ސޫރައަށް ބަލާލަމުން ފަރާތްފަރާތަށް އެނބުރިލިއެވެ. އޭނަ ބަލަން ބޭނުންވީ ޝަރަފް އަސްލުގަވެސް އެދައްކަނީ ހަމަތެދުވާހަކަ އަކީތޯއެވެ. އުނގަނޑުގައި ދެއަތް ވިއްދާލަމުން ހަށިގަނޑު އިތިކޮއްލިއެވެ.
"މަންހާ ތިހާ ރީތިވީ ކޮންދުވަހަކުތަ؟ ދެން ކީއްވެ އަހަންނަށް ނޭގުނީ......" މަންހާ ލޯގަނޑުކުރިމަތިން ފެންނަންހުރި އޭނަގެ އަމިއްލަ ސޫރަ އާއި ސުވާލުކޮއްލިއެވެ. އަދި ހޭންފެށިއެވެ. އޭނަ މަޑުމަޑުން އެނދުމަތީ ބާއްވާލާފައި އޮތް އޭނަގެ ދިގު ސްކާރޓްނަގާ ލިޔެވެ.
މެންދުރުގެ ކެއުމަށް އެންމެން ވަނީ ކާމޭޒު ކައިރިއަށް އަރައެވެ. ވަސީމާ އާއި ނާޒިޔާ ތަށިތަކަށް އެއްޗެހި އަޅާދިނުމުގައި އަވަދިނެތި އުޅެއެވެ. ސަޢީދު އާޢި މޫސަ އޮލަވާހަކައެއްގައި ތިބިއިރު ޝަރަފް އާއި ޝިމާދު ދިޔައީ ކޮންމެވެސް ކަމަކާއި ދެބަސްވަމުންނެވެ. އެކަމުގައި އެމީހުން ވިޝާލް އާއި ޖެނީ ޝާމިލް ކުރަމުންދިޔައެވެ. ކާކޮޓަރި ދޮރުމަތީ ހުރި މަންހާއަށް މިމަންޒަރުތައްވީ ބަލާލަން ހިތްގައިމު މަންޒަރަކަށެވެ. ހަގީގަތުގަވެސް އޭނަގެ އާއިލާގެ ފަރާތުން ލިބޭ މިފަދަ ހިތްހަމަޖެހުމުގެ މަތިން ހަނދާންވިއެވެ. އެހެންނަމަވެސް އޭނަގެ މުރާދު ހާޞިލްނުކޮށް އޭނަގެ ވަޒަނަށް އަންނަން ބޭނުންނުވީއެވެ.
"މަންކޮ ދެން ތިތާ ހުންނަންވީކީ ނޫނޭ، އަވަހަށް އާދޭ ކާން" ނާޒިޔާގެ އޯގާތެރި އަޑުން މަންހާއަށް ގޮވާލިއެވެ. ވިޝާލްއަށް ތެޅި ތެޅިއޮތް ހިތަކާއިގެން އެދިމާލަށް ބަލާލެވުނެވެ. މިއަދު އޭނަގެ ހިތް ވަކިން ބޮޑަށް މަންހާއަށް އެދިގޮވާލިހެން ހީވިއެވެ. މަންހާގެ ރީތިކަން އޭނަގެ ހަށިގަނޑުގެ ހުރިހާ ނާރަކާއި ކުޅެލައިފިއެވެ. ރީނދޫ ކުލައިގެ ދިގު ސްކާޓަކާއި ހުދުކުލައިގެ ޓޮޕެއްލާފައި ހުރިއިރު މަންހާގެ ރީތިކަން އިތުރުކޮއްދިނެވެ. ހާއްސަކޮށް އެރީތި މޫނުގެ ދެފަރާތަށް ވިހުރެވެމުންދިޔަ މަންހާގެ ރީތި ދިގު އިސްތަށިގަނޑުން ވިޝާލްގެ ލޯ އެދިމާލަށް ހުއްޓާލަން މަޖުބޫރުކުރުވައެވެ.
"އާދޭ ދަރިފުޅާ، މިތާ އިށީނދޭ" ވަސީމާ މަންހާއަށް ދައްކާލީ ވިޝާލް އާއި ޖެހިގެން އިންގޮނޑިއެވެ. ކުރާނެކަމެއްނެތެވެ. މަންހާއަށް ޖެހުނީ އެތަނުގައި އިށިންނާށެވެ. އަނެއްކޮޅުން ވިޝާލްއިނީ އެތެރެއަށް ދަމާލިނޭވާ ބޭރުކޮއްލަންވެސް ހަނދާންނެތިފައެވެ.
ކައިނިމިގެން އެންމެންވެސް ނުކުތީ ސިޓންގ ރޫމަށަވެ. ސޯފާސެޓުވަނީ އެއްކޮށް ފުރިފައެވެ. އަދިވެސް މަންހާއަށް އޭނަ ހޯދަން ބޭނުންވި ސުވާލުތަކުގެ ޖަވާބެއްނުލިބެވެ. އެންމެން ދުފުމުގައި ޝާމިލްވަނިކޮށް މަންހާ ސިޑިއާއި ދިމާލަށް ދަމުން ވިޝާލްގެ ކޮނޑުގައި ކޮއްޓާލިއެވެ. އަދި ބޮލުގެ އިޝާރާތުން އައުމަށް އެދުނެވެ. އެއާއެކު ވިޝާލް އަވަސްވެ ގަތީ މަންހާގެ ފަހަތުން ދިއުމަށެވެ.
ސިޑިން އަރަމުންދިޔަ މަންހާގެ ފަހަތުން ވިޝާލް ދިޔަ މަންޒަރު ސަޢީދު އަށާއި މޫސައަށް ފެނުނެވެ. ދެމީހުން ދެމީހުންނަށް މާނަފުން ލުއި ހިނިތުންވުމެއްދިނެވެ. ވަކި ހިސާބަކުން މަންހާ ވިޝާލްގެ އަތުގައި ހިފައިގެން ބެލްކަންޏަށް ނުކުތެވެ.
"ކިހިނެއްތަ މިވަނީ، ކޮންއިރަކު ވިޝާލްމެން މާލެ އައީ، ޖެނީ ކޮންއިރަކު ދޫކޮއްލީ............ކީއްވެ މާލެ ބަދަލުވީ" މަންހަ އެއްފަހަރާ އެތަށް ސުވާލެއް ކުރަން ބޭނުންވިއެވެ.
"އިޓްސް ނޮޓް މައި ޑިޒިޝަން، ބޮޑުމަންމަ އެދިލެއްވިގޮތް އެއީ، ބޭނުންވަނީ އަހަރުމެންގެ ދިރިއުޅުން އެއްކޮށް މާލެއަށް ބަދަލުކުރުމަށް، މެލޭގަ ހުރިގެ ބޮޑުބައްޕަ ކުއްޔަށް މީހަކަށް ދޫކޮއްލީ، އެވެސް ދިވެއްސެއް.......ދެން ޖެނީ ދޯ......ތުއްތައަށް އަހަރެން ގޮވާލަން ދިޔައިން، މަންހާ ފުރައިގެން ދިއުމުން އަހަރެންވެސް ވަރަށް އެކަނިވި، ކުރާނެ މާގިނަކަންތައްތަކެއް ނުހުރޭ، އެހެންވެ ހަފްތާއަކު އެއްދުވަހު ނަމަވެސް ދަނީ ތުއްތަ ކައިރިއަށް، ރީހެބަށް ދިޔަފަހުން އެނގުނީ ތުއްތަ ގެއަށް އަންނަން ބޭނުންވެފައި ވާކަން، އެކަމަކު މަންމަ އާއި ބައްޕަ އާއި ކުރިމަތިލާނެހާ ހިތްވަރު އޭނަގެ ނެތިގެން އަދިވެސް ހުންނަނީ ކަމުގައި.......ދެން އަހަރެން ބެލީ ތުއްތަ ގެއަށް ގެނެވޭތޯ، އަދި އަހަރު ކިރިޔާ މިވަނީ ތުއްތަ ގެނެވުނުފަހުން، ދެން އަދި ބުނަންތަ، މަންހާގެ އާއިލާ އާއި އަހަރެންގެ އާއިލައިން އެބަ ކޮންމެވެސް ކަމެއް ރާވާ.........އެކަމުގެ އެއްވެސް ހަބަރެއް އަދި އަހަންނަކަށް ނޭގެ............މަންހާއަށް އެނގޭތަ؟" ވިޝާލް ސީރިއަސް ކަމާއިއެކު އަހާލިއެވެ.
"ނޫން، އަހަރެން މިހުންނަނީ ސަޕްރައިޒްވެފަ މާލެ އައިއިރު ތި އާއިލާ މާލޭގަ އުޅޭތީވެ، އަނެއްކާ އަހަރެންގެ އާޢިލާ އާއިއެކު އަހަރެން ބަލާ އެއާރޕޯޓަށް ދިޔައީމަވެސް" މަންހާ ހައިރާންކަމާއިއެކު ބުނެލިއެވެ.
"ޔާ، މަށަކަށްވެސް ނޭގެ ބޮޑުމަންމަ އުޅެނީ ކީއްކުރަންކަމެއް، ކުއްލިއަކަށް ހަމަ މާލެ އަންނަންވެއްޖެ، އަނެއްކާ މާގިނައިން މަންހާގެ ވާހަކަ އަހަނީ........އަނެއްކާ އެމީހުން ހީކުރަނީ ކަންނޭގެ އަހަރުމެން ދެމީހުން އުޅެނީ......." ވިޝާލްގެ ޖުމްލަ ކުއްލިއަކަށް މަންހާ މެދުކަނޑާލިއެވެ.
"ނޫން........ނޫން، އެހެނެއްނުވާނެ، އަހަރެންގެ މަންމައަށް އެނގޭނެ އަހަރެން އެފަދަ ގުޅުމެއް ނުހިންގާނެކަން އަދިއެއް، އަދިކިރިޔާ އެއްނު މަގޭ ކިޔެވުން މިނިނުމީވެސް............ސޯ އައި ޑޯންޓް ތިންކް" މަންހާ ވަރަށް ޔަގީން ކަމާއިއެކު ބުނެލިއެވެ.
ހަވީރު ވުމުގެ ކުރިން މޫސަ އާއި ނާޒިޔާގެ އާއިލާ އެމީހުންގެ ގެއަށް ދިޔައެވެ. މަންހާ އޭނަގެ ކޮޓަރިއަށް ގޮސް އޭނަގެ ފޮށިން ކުދި ކޮތަޅުތަކެއް ހިފައިގެން ނުކުތެވެ. އަދި ޝިމާދުގެ ކޮޓަރީގައި ގޮސް ޓަކިޖެހިއެވެ.
ހާއި، ދޮންބެ ބިޒީތަ؟ މަންހާ އޭނަގެ މަޑުމައިތިރިގޮތްގަނޑުގައި އަހާލިއެވެ.
"ނޫނޭ ބިޒީއެއް ނޫން، އާދޭ އެތެރެއަށް........ކޮބާ ތިއްތޭ، ފަހަތުން ނާދޭތަ" ޝިމާދު މަންހާގެ ފަހަތަށް ބަލާލަމުން ހެވިފައި ބުނެލިއެވެ.
"ހޫމް، އެންމެ ފުރަތަމަވެސް މިއައީ ދޮންބެގެ ގާތަށް، އަން........ދިސް އިސް ފޯ ޔޫ.......ކުޑަކުޑަ ހަދިޔާއެއް، މަންކޮއަށް ވަޒީފާއެއް ލިބިގެން ގިނައިން ލާރިލިބެން ފެށުނީމަ، އެދުވަހަކުން ރަނގަޅު ހަދިޔާއެއް ދޭނަން........" މަންހާ ހިނިތުންވެލަމުން އަތުގައި އޮތް ހަތަރު ކޮތަޅުން އެއްކޮތަޅު ދިއްކޮއްލިއެވެ.
"ވާވު...........ވަރަށް ހިތްގައިމު، ދޮންބެގެ ޓައި ކަލެކްޝަނަށް އަނެއްކާވެސް އިތުރު ކުލައަކާއި ތަފާތު ޑިޒައިނެއް އެލިބުނީ........ހިނގާ ތިއްތޭ ދެރަކޮއްލަން ދަމާ" ޝިމާދުއަށް މަންހާދިން ހަދިޔާ ކަމުދިޔައެވެ. އަދި އުފަލުންގޮސް މަންހާގެ ބޮލުގައި ފިރުމާލިއެވެ. އޭނަ އަވަހަށް ބޭނުންވީ ފުރުޞަތުގެ ބޭނުންހިފައި ޝަރަފް އާއި ދިމާކޮއްލާށެވެ.
"އޯކޭ އޯކޭ.....ހިނގާ ދަމާ" މަންހާ ތެދުވެ ޝިމާދުގެ ކޮޓަރިން ނުކުމެ ޖެހިގެން ހުރި ކޮޓަރިއަށްވަނެވެ. އޭރު ޝަރަފް ކޮމްޕިއުޓަރ މޭޒަށް ފައިނަގައިގެން އިނދެ ޖޮއިސްޓިކަކުން ގޭމް ކުޅެނީއެވެ. ހީވަނީ އިށީނދެ އިން ގޮނޑިންވެސް ފުއްމާލަފާނެހެންނެވެ. ކަންފަތްވަނީ ހެޑް ސެޓުން ނިވާކުރެވިފައެވެ. އޭނައަށް އެކޮޓަރިއަށް މީހަކު ވަތްކަމެއްވެސް ނޭގެއެވެ.
ޝިމާދު އެދިޔަ ގޮތަށް ގޮސް ޝަރަފްގެ ބޮލުގައި ފަހަތުން އަޅައި ކުޑަކޮށް ކޮއްޕާލިއެވެ. އޭނަ ދިޔައީ ސިއްސައިގެންނެވެ. އެއްއަތުން ހެޑްސެޓުގައި ހިފާ ދަމައިގަންނަމުން ކުޅެން އިންގޭމް ޕޯސްކޮއްލީ މޭޒުމައްޗަށް އަރުވާފައިވާ ދެފައި ތިރިކޮއްލަމުންނެވެ.
"ވަޓްސް އަފް" ޝަރަފްއަށް މަންހާ ފެނުމާއެކު ބުނެލިއެވެ.
"މިއައީ ތިއްތޭއަށް ކުޑަކުޑަ ގިފްޓެއް ދޭން......." މަންހާ އެހެން ބުނިއިރު އޭނަގެ އަތުން ކޮތަޅެއް ޝަރަފްއަށް ދިއްކޮށްލައިފިއެވެ.
ޝަރަފް ކޮތަޅުގައިވި ފޮށިނެގިއެވެ. އޭތި ހުޅުވާލިއިރު އޭގައިވަނީ އޮފީސް ޓައިއެކެވެ. އަދި އަތުކުރީގައި ހަރުކުރާ ރިހިކުލައިގެ ދެކަފްވެސް އޮތެވެ.
"ނައިސް، އައި ލަވް އިޓް.....ވަރަށް ބޮޑަށް ތޭންކްސް މަގޭ ލޯބި ލޯބި ސިސް" ޝަރަފް ވަގުތުން ޓައި ހިފައިގެން ލޯގަނޑު ކުރިމަތީ ހުއްޓިލަމުން ބަލާލިއެވެ. އަދި މަންހާއަށް ޝުކުރު އަދާކުރިއެވެ.
"އެކަމަކު އެންމެ ކުރިން ހަދިޔާ ލިބުނީ ކާކަށް، ފޯ މީ..........ޔޫ އަރ ސެކަންޑް" ޝިމާދު ޝަރަފް އާއި ދިމާކޮއްލިއެވެ.
"މައްސަލައެއްނެތޭ، އެކަމަކު އެންމެ ރީތި ޓައި ލިބުނީ އަހަންނަށް" ޝަރަފްވެސް ޝިމާދު ކުރިމަތީ ދެރަވާކަށް ބޭނުމެއްނުވިއެވެ.
މަންހާ އޭނަގެ މައިންބަފައިންގެ ކޮޓަރިއަށް ދިޔައީ އެންމެ ފަހުންނެވެ. އޭރު ވަސީމާ އެނދުގައި އިށީނދެލައިގެން އިނދެ ހެނދުނާ ހަވީރުގެ ދުއާތައް ލިޔެފައިވާ ފޮތް ކިޔަނީއެވެ. ސަޢީދު އޮތީ އެނދުގައި އަރާމުކޮއްލުމަށް އޮށޯވެލައިގެންނެވެ. މަންހާ ޓަކި ޖަހާލަމުން އެކޮޓަރިއަށްވަނުމާއިއެކު ސަޢީދު އަވަހަށް ތެދުވެ ކިހިނެތްވީތޯ ސުވާލުކުރިއެވެ. ވަސީމާވެސް އޭނަ ކިޔަންއިން ފޮތް މެދުކަނޑާލަމުން މަންހާއަށް ސަމާލުކަންދިނެވެ.
"އަޅުގަނޑު މަންމަ އާއި ބައްޕައަށް ކުޑަކުޑަ ހަދިޔާއެއް ގެނައިން" މަންހާ އޭނަގެ އަތުގައި ބާކީއޮތް ދެކޮތަޅުން އެއްކޮތަޅު ސަޢީދުއަށް އަނެއްކޮތަޅު ވަސީމާއަށް ދިއްކޮއްލިއެވެ.
އެދެމަފިރިންނަށްވެސް މަންހާ ދިން ހަދިޔާ ކަމުދިޔައެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. މަންހާއަކީ އެމީހުންގެ އެންމެ ހަގުދަރިފުޅެވެ. އަދި އެމީހުންގެ ހިތުގެ ހިތްހަމަޖެހުމެވެ. މަންހާގެ ކިޔެވުން ދިޔަ ގޮތުގެ ވާހަކަތައް މަންހާ ވަސީމާ އަށާއި ސަޢީދުއަށް ކިޔައިދެމުން ދިޔައީ އެއްވެސް ފޫހިކަމެއްނެތިއެވެ. އެކަމަކު އޭނަ ކުރަންބޭނުން ވެފައިވާ އެއްކަމެއް އޭނައަކަށް ކުރާކަށް ނުކެރުނެވެ. އެއީ މޫސަމެންގެ އާއިލާ މިގެއަށް އައިސްގެން އުޅުމުގެ ބޭނުމެވެ. އެމީހުން މާލެ ބަދަލުވި ސަބަބެވެ. ޔަގީނުންވެސް މަންހާގެ މައިންބަފައިންނަށް އެސުވާލުތަކަށް ޖަވާބު ދެވޭނެކަން އޭނައަށް އެނގެއެވެ. އެކަމަކުވެސް މަންހާއަށް ޗުއްޕުވެސް ނުބުނެވުނެވެ. އެނޫން ހުރިހާ ވާހަކައެއް ދެއްކިއެވެ.
އިޝާ ނަމާދުން ފޭބި މަންހާއަށް އޭނަގެ ކޮޓަރި ދޮރުމަތީ ތިބި ތިންއަންހެން ކުދިންފެނި ހުއްޓުންއެރިއެވެ. މަންހާއަށް ނަމާދު ދޮޅި ރަނގަޅަށް ނުބޭލެނިސް އެމީހުން އައިސް މަންހާގެ ގައިގާ އޮޅުލައިގަތެވެ.
"ހިތަށް އެރީ ދެން އަހަރުމެންގެ މަތިން މަން ހަނދާނެއްވެސް ނުވާނެއޭ....." އަލީޝާ މަންހާގެ ގައިގާ ބައްދާލައިގެން ހުރެ ބުނެލިއެވެ.
"ވީ މިސްޑް ޔޫ ސޯމަޗް، ފަހުން ހަބަރެއްވެސް ކޮއްނުލި، ހަމައެކަނި އެފޮނުވާ މައިލް އެކަނި، ޗެޓުވެސް ކޮއްނުލެވޭ، ބަޓް ސޯ ހެފީ ޓު ސީ ޔޫ ޑާރލިންގ، ޔޫ ލުކް ސުޕަރބް........" އަމާނީ ދުރަށް ޖެހިލަމުން ވާހަކަދެއްކިއެވެ.
"އޯ ކަމޯން މައި ފިލްމީ ފްރެންޑްސް.......އަހަރެން ފުރައިގެން ދިޔައީ މިތަނުގައި އަހަރެންގެ ހިތް ބާއްވާފައިކަން އެންމެ ރަނގަޅަށް އެނގޭނީ ތިއެކުވެރިންނަށް، އެއްވެސް އިންސާނަކަށް އެމީހެއްގެ ހިތާ ވަކިން އުޅެވޭނެތަ؟ މިހާރު މިހިރީ އެހިތް ހޯދަން އައިސް، ޒަހަމްވެފައިވިޔަސް އަދިވެސް އެހިތުގައި ވިންދުޖަހާ.......މިއަދު އަހަންނަށް މިހިސާބަށް އާދެވުނުއިރު އަހަރެންގެ ލައިފްގެ އެންމެ މުހިއްމު އެއްރޯލު އަދާކޮއްދެމުންދިޔައީ ތިއެކުވެރިން..........އެކަމަށް ޝުކުރުއަދާކުރާނެ ގޮތެއްވެސް ނޭގެ.......ބަޓް އައި ގޮޓް ސަމްތިންގ ފޯ އީޗް އޮފް ޔޫ" މަންހާ އަވަސް އަވަހަށް ނަމާދު ދޮޅި ބޭލުމަށްފަހު ފަތްޖަހާލަމުން މުއްސަލައިގެ ތެރެއަށް ލާ މުއްސަލަ އޮޅާލަމުން ނެގިއެވެ. އޭނަގެ އެކުވެރިން އެކޮޓަރިއަށް ވަތްގޮތަށް އިށިންނާނެ ތަންކޮޅެއް ހޯދާލިއެވެ. ކޮޓަރީގެ އެއްފަރާތުގައި ހުޅުވާފައިވާ މަންހާގެ ފޮށިހުއްޓެވެ.
"ގާރލް ޔޫ ލުކް އޯސަމް، އަސްލުވެސް ކިހިނެތްތައް ހެދީ، އެކޮޅުގަ ހުރިއިރު ވަރަށް ތަންތަނަށްދިޔައިން ދޯ" އަލީޝާ މަންހާގެ އެނދުގައި ދެފައިވައްކޮއްލައިގެން އިނދެ ބުނެލިއެވެ.
"ކޮބާ ވަގުތު، އެންމެފަހު ދުވަސްކޮޅު ވަރަށް ބިޒީ، ސެޓްފިކެޓް ހަވާލުކުރުމާއި ދޭތެރޭ ލިބުނު ބަންދުވަސްތަކުގައި ކިރިޔާ ޝޮޕިންނެއް ކޮއްލެވުނީ، އަމިއްލަ ކަމަކަށް އެއީ ހަމައެކަނި ކުރިކަމަކީ، މަށަށް ބަދަލު އައިސްފިޔޭ ކިޔާއިރު ބަލާބަލަ ޝިފޫ، ހާދަ ހިކިފައޭ ތިހިރީ........ކިހިނެތްވެފަ މިކުއްޖާއަށް މިހިރީ" މަންހާ އޭނަގެ ހުޅުވާފައިވާ ފޮށިކައިރީ ކާޕެޓުމަތީ ދެފައިވައްކޮއްލައިގެން އިށީނެވެ.
"ޝިފޫ ބިޓަށް އެހާ ކަމަކު ނުދެޔޯ ފަލަ ކުދިންނެއް، ކުރިން ޝިފޫ ހުރިވަރުވެސް އަބަދު ކިޔަނީ އޯ ފަލައޭ ފަލައޭ، ދެން ޝިފޫ ހުންނަނީ ނުކައި......އެއީ ވީގޮތަކީ" އަމާނީ އަވަސް އަވަހަށް ކިޔާލިއެވެ.
"ތީ ކޮންކަހަލަ ބިޓެއް، ޝިފޫ ނުކައި ހުރެގެން ހިކޭކަށް ނުވާނެ، ރަނގަޅު ޑައިޓްއަކާއި އެކްސަރސައިޒް ބޭނުންވާނެ، އޭރުން ހިކެންވެސް ހިކޭނެ، ހަށިނގަޑު ފިޓުވެސް ވާނެ، އެހެންނޫނަސް ކުރިންވެސް ޝިފޫއަކީ ފަލަ މީހެކޭ ނުކިޔާނެ" މަންހާ ކަންބޮޑުވުން ފާޅުކުރިއެވެ.
"ތިވާހަކަ ހުއްޓާލާ، އަހަރުމެންނަށް މިހާރު ތިވާހަކަ ފަށަފަށައިގެން އެކިގޮތްގޮތަށް ދެއްކިއްޖެ އެކަމަކު ކުރި ފައިދާއެއްނެތް، ޝިފޫ ކައިރީ ބުނިން އެ ފިރިހެން ކުއްޖާޔާ ދުރުވާށޭވެސް، އޭނަ ވަރަށް ބިޓިން، އެހާ ދޮގު ހަދާ، އެންމެ ކުޑަމިނުން ޝިފޫގެ ބާތްޑޭވެސް ހަނދާނެއް ނުހުރޭ......." އަލީޝާވެސް މިފުރުޞަތުގައި އޭނަގެ ހިތުގައިވި އުދާސްތައް ބޭރުކޮއްލިއެވެ.
"އައިމް ސޮރީ ގަރލްސް...........އައި ލަވް ހިމް ސޯ މަޗް.........އަދި އޭނަ ރަނގަޅު ވާނެއޭ، ޖަސްޓް ގިވްމީ އަ ޗާންސްޓު ޕްރޫވް ދެޓް........" ޝިފޫ ދެރަވެލާފައި ބުނެލިއެވެ.
"އޯކޭ އޯކޭ، ދެން ތިވާހަކަ ބަހައްޓާފަ އެހެން ވާހަކައެއް ފަށަންވީއޭ، އިނގޭތަ، އެލީ ގޮޓްއަ ޖޮބް، އީވަން ޝިފޫ ގޮޓް ވަން ޔެސްޓަރޑޭ........"އަމާނީ ހިނިތުންވެލަމުން ބުނެލިއެވެ.
"އޯ މައި ގޯޑް، ސީރިއަސްކޮއްތަ؟ ވާވު......ކޮންތާކުން........" މަންހާއަށް ލިބުނު ހައިރާންކަމާއިއެކު ތަންމިނަށް ހުޅުވުނު އޭނަގެ އަނގަމަތީ ދެއަތްތިލަ އަޅާލިއެވެ.
"އައިމް ސޮރީ މަން، މިފެށޭ ހަފްތާތެރޭ އަހަރެން މިކޮޅުގައެއް ނުހުންނާނެ، ވަރަށް ދެރަވޭ މަން އައިތަނާ ޖޮބަށް ދާންޖެހޭތީ، އަހަރުމެން އިންޖޮއި ކޮއްލާނެ ޓައިމެއްވެސް ނުލިބުނު........" ޝިފްނާ ދެރަވެލާފައި ބުނެލިއެވެ.
"އެއީ ކީއްވެ، ކޮންތާކަށް އަނެއްކާ ޝިފޫ ދާން ތިއުޅެނީ" މަންހާ އަވަހަށް އަހާލިއެވެ.
"ޝިފޫ އެއުޅެނީ ރިސޯޓަކަށް ދާން، ޖީ.އާރް.އޯ އަކަށް، އެލީއަށް ޗާންސް ލިބުނީ މޯލްޑިވިއަން އިން......އަޅުގަނޑު އަދި ކިރިޔާ ކިޔަވާ ނިމުނީ، ދެތިންތަނަށް އެޕްލައިކޮއްގެން މިއުޅެނީ އަދި ޖަވާބެއް ނުލިބޭ..." އަމާނީ ހީލަމުން ބުނެލިއެވެ.
"މިހާރު ހިތަށް އަރާ ހާދަ އަވަހޭ ދުވަސްތައް ދިޔަލެއް، ހަނދާންވަނީ އަހަރުމެން އެއްކޮށް ސްކޫލްގަ އުޅުނު ދުވަސްތައް މަތިން.........އައިމް ސޯ ހެޕީ ފޯ ޔޫ އޯލް........އެލީވެސް ދެން ފެންނާނެ ދޯ ޔުނީފޯމް އަޅާލާފަ ދާއިރު، އަނެއްކާ ޓްރެވެލް ކުރަން ޖެހޭ ބައެއްގަތަ އުޅެނީ" މަންހާގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. އެތަށް ދުވަހެއް ވަންދެން ދުރުގައި އުޅެފައި އަޔަސް އެންމެ ގާތް އެކުވެރިންމަތިން އަބަދުވެސް ހަނދާންވާނެތާއެވެ. (ނުނިމޭ)