ހަބަރު

ލައިސަންސް ނުނަގާ ވެހިކަލް ދުއްވާ މީހުން އިންތިހާއަށް އިތުރުވެފައި

Feb 20, 2019
7

ސިނަމާލެ ބްރިޖާއި ހައިވޭގައި މިދިޔަ ދެރޭ ފުލުހުން ހިންގި ޓްރެފިކް އޮޕަރޭޝަންތަކުގައި ލައިސަންސް ނެތި އުޅަނދު ދުއްވި ގިނަ އަދަދެއްގެ ބަޔަކު ޓްރެފިކް ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން މިއަދު މީޑިއާއަށް ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ ހޯމަ އަދި އަންގާރަ ދުވަހުގެ ރޭ ފުލުހުން ބްރިޖާއި ހައިވޭގައި ޗެކް ޕޯސްޓްތައް ގާއިމްކޮށް ހިންގި އޮޕަރޭޝަންގައި ޖުމްލަ 134 ވެހިކަލް ފުލުހުން ބަލައި ފާސްކުރި އެވެ. އެގޮތުން ލައިސަންސް ނުނަގާ 23 މީހަކު އުޅަނދު ދުއްވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ ފުލުހުން ބެލި ވެހިކަލްތަކުގެ ތެރެއިން 17.2 ޕަސެންޓެވެ.

މީގެ އިތުރުން، މި މަހުގެ 14 ވަނަ ދުވަހުގެ ރޭވެސް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 154 އުޅަނދުގެ ބެލިއިރު، އޭގެ ތެރެއިން 41 މީހެއްގެ ލައިސަންސެއް ނެތެވެ. އެއީ، 26.6 ޕަސެންޓެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޓްރެފިކް ގަވާއިދުތަކާ ހިލާފަށް ބްރިޖާއި ހައިވޭގައި ދުއްވައިގެން 11 މީހެއްގެ ލައިސަންސް ވަނީ މިދިޔަ ދެ ރޭވެސް ހިފަހައްޓައިފަ އެވެ. ބްރިޖާއި ހައިވޭގައި ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތައް ވަރަށް ވެސް ގިނަ އެވެ.

މީގެ އިތުރުން ލައިސަންސް ނެތް 18 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލަކުން ޖެހި އުމުރުން ދުވަސްވީ އަންހެނަކަށް ރޭ ވަނީ އަނިޔާވެފަ އެވެ. އަމީނީ މަގުގައި ހިނގި އެ އެކްސިޑެންޓްގައި އެ އަންހެން މީހާގެ އަތުގެ ތަންތަން މަށައިގެން ގޮސް، ގައިގެ އެކި ތަންތަނަށް ދަތުވެފައިވެ އެވެ. އަދި އެ އެކްސިޑެންޓް ވުމުން އެ ކުއްޖާ މަޑު ނުކޮށް ފިލި ނަމަވެސް، ފުލުހުން ވަނީ އެ ކުއްޖާ އާއި އޭނާ ދުއްވި ސައިކަލް ހިފަހައްޓައިފަ އެވެ. އަދި އެ ސައިކަލް މިހާރު ވަނީ ޓޯކޮށްފަ އެވެ.