ކުޅިވަރު

ރާއްޖެއާ ދެކޮޅަށް ޗެމްޕިއަން ރީޔޫނިއަން، މަޔޯޓޭ، ކޮމޮރޯސް

އަންނަ ޖުލައި މަހާއި އޯގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި، އެންމެ ފަހުގެ ޗެމްޕިއަން، ރީޔޫނިއަން އާއި މަޔޯޓޭ އަދި ކޮމޮރޯސް އާ ދެކޮޅަށް ރާއްޖެއިން ވާދަ ކުރަން ޖެހިއްޖެ އެވެ.

ގުރޫޕް އޭ ގައި ހިމެނެނީ، މުބާރާތް ބާއްވާ ގައުމު، މޮރިޝަސް އާއި ޝޭޝަލްސްގެ އިތުރުން މަޑަގަސްކަރަ އެވެ. އެންމެ ފަހުން ބޭއްވި، މުބާރާތުގައި ރާއްޖެއަށް ކާމިޔާބެއް ނުލިބުނެވެ. އެފަހަރު ރީޔޫނިއަންގައި ބޭއްވި މުބާރާތުގައިވެސް ރާއްޖެ ވަނީ މަޔޯޓޭއާ ވާދަ ކޮށްފަ އެވެ. އެ މެޗުން ރާއްޖެ ބަލިވީ 3-1 ންނެވެ. ރާއްޖެއަށް ހަމައެކަނި ލަނޑު ޖަހައިދިނީ، މުހައްމަދު އުމޭރު އެވެ. ގުރޫޕްގެ ފުލަށް ރާއްޖެ ދިޔައިރު، ރާއްޖެއަށް މޮޅުވެވުނީ ޝޭޝަލްސް އަތުން އެކަންޏެވެ. އެ މެޗު ރާއްޖެއިން ކާމިޔާބު ކުރީ އުމޭރު އާއި އަހްމަދު އިމާޒު 'އާއްކޮ' ކާމިޔާބު ކުރި ލަނޑުތަކުން 2-1 ންނެެވެ.

މުބާރާތުގެ ގުރަށް ފަހު ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް، ބުނީ، ވަރުގަދަ ޓީމުތަކާ ކުޅެން ފުރުސަތު ލިބުމަކީ ރާއްޖޭގެ ޒުވާން ޓީމަށް ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށެވެ.

މިފަހަރުގެ މުބާރާތުގައި އަންހެން ފުޓްބޯޅަ ކެޓަގަރީ ހިމެނާފައެއް ނުވެ އެވެ. އަންހެން ފުޓްބޯޅަ އިވެންޓް ނުހިމަނަން ނިންމުމުން ރާއްޖެއިން ވަނީ، އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އެއް އަހަރު ކުރިން ނިންމައިފި އަންހެން ފުޓްބޯޅަ ނުހިމަނަން، އަޅުގަނޑުމެން އެކަމާ ވަރަށް ފައިޓްކޮށް ވަކާލަތު ކުރިން،" އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް ވިދާޅުވި އެވެ. "އެހުށަހެޅުމަށް ރާއްޖެއިން ދެކޮޅު ހެދިން."

ފިރިހެން ވޮލީބޯޅަ ކެޓަގަރީގައި ރާއްޖެ ހިމެނެނީ، ރީޔޫނިއަން އާއި މަޑަގަސްރަ އާއެކު ގުރޫޕް ބީ ގަ އެވެ. ގުރޫޕް އޭ ގައި ހިމެނެނީ، މޮރިޝަޝް އާއި ޝޭޝަލްސް އަދި މަޔޯޓޭ އެވެ. ރާއްޖޭގެ އަންހެން ވޮލީ ޓީމު ހިމެނެނީ، ޝޭޝަލްސް އާއި ކޮމޮރޯސް އަދި ރީޔުނިއަން އާއެކު ގުރޫޕް 'ބީ' ގަ އެވެ.

އަންހެން ބާސްކެޓްބޯޅަ: ގުރޫޕް އޭ - ރީޔޫނިއަން، ކޮމޮރޯސް، މަޑަގަސްކަރަ ޝޭޝަލްސް، ގުރޫޕް ބީ - ދިވެހިރާއްޖެ މޮރިޝަސް މަޔޯޓޭ

ފިރިހެން ބާސްކެޓްބޯޅަ، : ގުރޫޕް - އޭ: ރީޔޫނިއަން، މަޑަގަސްކަރަ، ދިވެހިރާއްޖެ، ޝޭޝަލްސް. ގުރޫޕް ބީ - މޮރިޝަސް، މަޔޯޓޭ އަދި ކޮމޮރޯސް

ބީޗް ވޮލީގެ ފިރިހެން: ގުރޫޕް އޭ - މޮރިޝަސް، ޝޭޝަލްސް، ގުރޫޕް ބީ - ކޮމޮރޯސް، މަޔޯޓޭ، ދިވެހިރާއްޖެ ރީޔޫނިއަން

ބީޗް ވޮލީގެ އަންހެން: ގުރޫޕް އޭ - މޮރިޝަސް، ދިވެހިރާއްޖެ، ޝޭޝަލްސް، ގުރޫޕް ބީ - މަޑަކަސްކަރަ، މަޔޯޓޭ ރީޔޫނިއަން، ކޮމޮރޯސް

ބީޗްވޯލީގެ ފިރިހެން އިންޑަވިޖުއަލް އިވްނެޓްގައި، މޮރިޝަސް ވާދަ ކުރާނީ ދެ ވަނަ ބުރުން ފެށިގެންނެވެ. ފުރަތަމަ ބުރުގައި ވާދަ ކުރާނީ، ރާއްޖެ އާއި މަޔޯޓޭ އެވެ.، ޝޭޝަލްސް، މަޑަގަސްރަ، ކޮމޮރޯސް އަދި ރީޔޫނިއަން އެވެ. ބީޗް ވޮލީގެ އަންހެން އިންޑަވިޖުއަލް އިވެންޓްގައި ވާދަ ކުރާނީ، ރީޔޫނިއަން އާއި މޮރިޝަސް ވާދަ ކުރާނީ ދެ ވަނަ ބުރުން ފެށިގެންނެވެ. ގުރޫޕް ސްޓޭޖުގައި، ރާއްޖެ އާއި މަޑަގަސްކަރަ ޝޭޝަލްސް އާއި މަޔޯޓޭ ވާދަ ކުރާނެ އެވެ.