ހަބަރު

އޭސީސީއަށް މަހުލޫފް ހާޒިރުކޮށް ބަޔާން ނަގައިފި

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތު މައްޗަށް އޭސީސީން އެކުލަވައިލި ތަހުގީގު ރިޕޯޓުގައި، އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން އެސްއޯއެފުން ފައިސާ ޖަމާވި މައްސަލާގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. މަހުލޫފް ވަނީ އަވަހަށް މައްސަލާގައި ގޮތެއް ނިންމުމަށް ވެސް އެދި ވަޑައިފެންފަ އެވެ. މަހުލޫފް ފޯނަށް ޖަވާބު ނުދެއްވާތީވެ، އެކަމާ ގުޅޭ އިތުރު މައުލޫމާތު ލިބޭ ގޮތްވަނީ ނުވެފަ އެވެ.

އޭސީސީއިން އާންމުކުރި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓުގައި ވާގޮތުން ޔޫތް މިނިސްޓަރު މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. އެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީި، މަހުލޫފް ގޭގައި މަޑުކުރުމަށް އަންގާފަ އެވެ.

މީގެ ކުރިން މަހުލޫފް ވިދާޅުވީ، އެ މުއާމަލާތް ހިނގާފައިވަނީ މީގެ ފަސް އަހަރު ކުރިން ކަމުން،
އެކަމާދޭތެރޭ ކުޑަވެސް ފަރުވާލެއް ބެހެއްޓިފައި ނެތް ކަމަށާއި އެ މުއާމަލާތަކީ އޭނާގެ އާއިލާއިން "ދަ ޖިންސް" ގެ ނަމުގައި ފިހާރައެއް ހިންގިއިރު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލީ މުބީން މެދުވެރިވެގެން ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް ކަމަށެވެ.

މަހުލޫފްގެ އެކައުންޓަށް އެ ފައިސާ ޖަމާކުރީ "ދަ ޖީންސް" ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތި، އޭނާގެ ޑޮލަރު އެކައުންޓެއް އޮތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ވިޔަފާރީގެ މުއާމަލާތް ހިންގި ފައިސާގެ ރަސީދު ވެސް މަހުލޫފް ވަނީ އާންމު ކުރައްވާފަ އެވެ.

މަހުލޫފް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އަދި ކޮރަޕްޝަނާ ދެކޮޅަށް ފާޅުގަ އޭނާ މަސައްކަތް ކުރީ ވައްކަމެއްކޮށް އެފަދަ އެއްވެސް ޖަރީމާއެއް ހިންގައި، އެއިން ކަމެއްގައި ބައިވެރިވެފައި ނުވާނެތީ ކަމަށެވެ.