ހަބަރު

50 އަށްވުރެ ގިނަ ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅައިފި: އެމްޑީޕީ

އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާ ކެނޑިޑޭޓުންގެ ތެރެއިން 50 އަށްވުރެ ގިނަ ކެނޑިޑޭޓުންގެ މާލީ ބަޔާންތައް ހުށަހަޅާފައިވާ ކަމަށް އެޕާޓީ އިން ބުނެފި އެވެ.

އެމްޑީޕީ އިން ބަންދު ނޫން ކޮންމެ ދުވަހަކު ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ، މާލީ ބަޔާންތައް ހުށަހަޅަން މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް ދީފައިވީނަމަވެސް ގިނަ އަދަދެއްގެ ކެނޑިޑޭޓުން ދާއިރާތަކުގައި ކެމްޕޭއިންގައި އުޅޭތީ ލަސްކުރަން އެދިފައިވާ ކަމަށެވެ. އެހެންކަމުން މާދަމާގެ ނިޔަލަށް މުއްދަތު ދީފައިވާ ކަމަށް އަފްޝަން ވިދާޅުވި އެވެ.

މިހާރު 50 އަށްވުރެ ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވޭ، އެޑްމިން ޓީމުން މިހާރު ދަނީ އޭގައި ހުރި ހުރިހާ މައުލޫމާތެއް ފުރިހަމަތޯ ޗެކް ކުރުން، ޗެކްކޮށްފައި މިއަދުން ފެށިގެން ވެބްސައިޓަށް އާންމު ކުރާނަން،" އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ، އުންމީދަކީ މާދަމާގެ ނިޔަލަށް ހުރިހާ ކެނޑިޑޭޓުންވެސް މާލީ ބަޔާން ހުށަހަޅާނެ ކަމަށެވެ.

އެމްޑީޕީގެ ކެނޑިޑޭޓުންގެ މާލީ ބަޔާންތައް ހާމަކުރަން ނިންމާފައިވަނީ ރައްޔިތުންގެ އިތުބާރު ލިބޭ ގޮތަށް ދެފުއްފެންނަ ގޮތަކަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.