ހަބަރު

ހެންވޭރު އުތުރަށް ވާދަކުރާ އަލްހާންގެ ކެންޑިޑެސީ އީސީއިން ބަލައިގެންފި

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ އަލްހާން ފަހުމީގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި އެވެ.

ކެންޑިޑެސީ ބަލައިގަތުމާއި ގުޅިގެން އަލްހާން "އަވަސް" އަށް ވިދާޅުވީ އީސީން އިންސާފުވެރި އިންތިހާބެއް ކުރިޔަށް ގެންގޮސް، ވޯޓާސް ލިސްޓާއި، ހުރިހާ ކަމެއް ފުރިހަމަޔަށް އަވަހަށް ތަރުތީބުވެގެން ދިއުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"މިފަހަރު ވޯޓް ދިނުމުގައި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ، ރައްޔިތުން ސަރުކާރެއް ގާއިމް ކުރަން ވޯޓް ދިނީ ކޮން ވިސްނުމެއްގައިކަން އެއީ އިއްތިހާދެއްގެ ވިސްނުމުގައި ކޯލިޝަން ސަރުކާރެއްގެ ވިސްނުމުގައި. އަޅުގަނޑު ޖޭޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ނިކުމެ ހުރި ނަމަވެސް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ހެވާ ލާބަހުރި ކަންކަމުގައި އެއްބާރުލުން ދޭނަން،" އަލްހާން ވިދާޅުވި އެވެ.

އަލްހާން އިތުރަށް ވިދާޅުވީ، ވަކި ކުލައަކަށް ވަކި ޕާޓީއަކަށް ބެލުމެއްނެތި މިނިވަންކަމާއެކު، ކޮންމެ ޕާޓީއެއްގައި ހުއްޓަސް ރައްޔިތުންގެ މަސްލަހަތުގައި، ރައްޔިތުންނަށްޓަކައި، ވާހަކަދައްކާ ރައްޔިތުންނަށްޓަކައި ސްޓޭންޑެއް ނެގުމުގެ ގާބިލްކަން ހުރި ފިކުރީގޮތުން މިނިވަން މީހަކަށް ރައްޔިތުން ވޯޓް ދިނުން ވަރަށް މުހިންމު ކަމަށެވެ. އަދި އެކަން މުހިންމު ވަނީ ސަރުކާރެއް ޒިންމާދާރު ކުރެވޭނީ އެކަހަލަ ވިސްނުމުގެ މީހުންނަށް ވާތީކަމަށްވެސް އަލްހާން ވިދާޅުވި އެވެ.

މީގެ އިތުރުން، އެކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްސޫލިއްޔަތެއް ކަމަށާއި، ސަރުކާރުގެ ފަޅީގައި ހުއްޓަސް، ސަރުކާރުން ކުރާ ގޯސް ކަންތައްތައް ފާހަގަ ކުރަން ކެރޭވަރުގެ މީހުން މަޖިލީހަށް އިންތިހާބު ކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އަލްހާން ވިދާޅުވި އެވެ. އަދި ސިޔާސީ މާޒީއަށް ބަލާއިރު، އަލްހާނަކީ ހުންނަ ޕާޓީއަކަށް ކޮންމެހެން ބެލުމެއްނެތި ގައުމުގެ މަތީ މަސްލަހަތު އިސްކޮށް، މަސައްކަތް ކޮށްފައިވާމީހެއްކަން ސާބިތުކޮށްދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަލްހާން ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފަ އެވެ. މީގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް ކަންވެސް އަލްހާން ވަނީ ކުރައްވާފަ އެވެ.