މަޖިލިސް އިންތިހާބު 2019

އަލްހާންގެ ގިނަ ފާޑު ވިދާޅުވުމެއް "އެޖެންޑާ 19"އަށް

ހެންވޭރު އުތުރު ދާއިރާއަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަކުރާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ މިއަދު އެމްޑިޕީގެ ޝިއާރު ކަމަށްވާ އެޖެންޑާ 19 އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޓީވީއެމް އިން ގެނެސްދޭ ކެންޑިޑޭޓުން ބަހުސް ޕްރްގްރާމްގައި ވާހަކަ ދައްކަވައިފި އެވެ.

އެޖެންޑާ 19 އަށް ފާޑު ވިދާޅުވަމުން އަލްހާން ފަހުމީ ވިދާޅުވީ، އެޖެންޑާ 19 އަކީ ސިޔާސަތުތަކެއް ކަމަށްވާނަމަ އެސިޔާސަތުތަކަކީ ބޮލުގައި ރިއްސައިގެން ދިޔައިމަ ދޭ ބޭސް ގުޅައަކަށް ވެގެން ނުވާނެ ކަމަށެވެ. އަލްހާން ވިދާޅުވި، އޭނާ މަޖިލީހަށް ދަނީ އެމްޑީޕީގެ ސިޔާސަތު ހިންގުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދީގެން ހޮވައިފައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަށް ހިންގުމަށް ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވާ، އެޖެންޑާ 19 މަޖިލީހަށް ހިފައިގެން ގޮސް ކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް އަލްހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ދިވެހި ސަރުކާރުގެ ސިޔާސަތު ހިންގާށޭ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޔާސަތުތަށް ހިންގަން އެސިޔާސަތަށޭ ރައްޔިތުން ވޯޓު ދިނީ އެހެންމާ ރައީސް ނަޝީދު ވިދާޅުވާ ގޮތަކަށް އެޖެންޑާ 19 އެއް ހިފައިގެން އައިސް އަޅުގަނޑުމެން އެއަކުން ކުރާނެ ކަމެއް ނޯންނާނެ" އަލްހާން ވިދާޅުވި އެވެ.

ބަހުސްގައި އިތުރަށް ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، އެޖެންޑާ 19 ހިފައިގެން މަޖިލީހަށް ދާނަމަ މަޖިލިސް ވެގެންދާނީ ރައްޔިތުންގެ މަޖިލިސްގެ ބަދަލުގައި ޕާޓީ މަޖިލިސް އަކަށް ކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތިބެން ޖެހޭނީ ރައްޔިތުންގެ ހައްގުގައު މިނިވަންކަމާއެކު ވަކާލާތު ކުރެވޭނެ ފަދަ ބޭފުޅުން ކަމަށެވެ. އެބޭފުޅުންނަކީ ޕާޓީތަކުގެ އަޅުން ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

އަލްހާން އެމްޑީޕީގެ މަޖިލިސް ޝިއާރު ކަމަށްވާ އެޖެންޑާ 19 އަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވިއިރު އެމްޑީޕީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖުމްހޫރީ ޕާޓީގެ މަޖިލިސް ޝިއާރު ކަމަށްވާ "ދިވެހިންގެ ބިން ދިވެހިންނަށް" ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް ނިސްބަތްކޮށް ނަޝީދު ވިދާޅުވެފައިވަނީ "ރަށްތައް އަންބޮޑިއަށްލާފާ މި ވިދާޅުވަނީ ދިވެހިންގެ ބިން ތިމަންނައަށޭ" އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ބަހުސްގައި އަލްހާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަކީ ސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވުން ކަމަށެވެ. އަދި ރައީސް ސޯލިހުގެ ކެބިނެޓްގައި ތިއްބަވާ ބޭފުޅުން ރައްޔިތުންގެ ފައިދާއަށް ހުށަހަޅައި ހުރިހާ ކަމަކަށް އެއްބާރުލުންދީ، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހުށަހަޅާ ކަންކަމަށް ދެކޮޅަށް ވަކާލާތު ކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެފަދަ ކަންތަށް ނުރަނގަޅު ކަންތަށް ހައްލުކޮށް ދިނުމަށްޓަކާ ރާއްޖޭގެ ގާނޫނީ ނިޒާމު ހަމަޖެހޭ ހުރިހާ ރައްޔިތުންގެ މައްޗަށް ހަމަހަމަކޮށް ހިންގޭ ނިޒާމަކަށް ހެދުމަށްޓަކާ ރައްޔިތުންގެ މަޖިލީހުގައި އަބަދުވެސް ބަހުސް ކުރައްްވާނެ ކަމަށެވެ.