ހަބަރު

ބޯހިޔާވަހިކަމަށް ގާނޫނަކުން ހައްލެއް ނުގެނެވޭނެ: އަލްހާން

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ ދަތި ކަމަށް ގާނޫނަކުން ހައްލު ހޯދައިދެވޭނެކަމާމެދު ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވާ އަލްހާން ފަހުމީ މިރޭ ސުވާލު އުފައްދަވައިފި އެވެ.

ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ގާނޫނެއް އެކުލަވާލުމަކީ އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ މެނިފެސްޓޯ ކަމަށްވާ އެޖެންޑާ19 ގައި ހިމަނާފައިވާ ކަމަށެވެ. މިރޭ އަލްހާން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ އެޖެންޑާ19 އަށް ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ގާނޫނެއް ހަދައިގެން ބޯހިޔާވަހިކަން ފޯރުކޮށް ދެވެނީ ކޮން ގޮތަކަށްތޯއޭ، ގާނޫނަކުން މި ބާވަތުގެ ކަންކަމަށް ހައްލެއް ހޯދައެއް ނުދެވޭނެ،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ ގާނޫނަކުން ކޮށް ދެވޭނެ ކަމަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހަމަހަމަ އުސޫލުތަކެއް ކަނޑައެޅުމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ދެވޭނެ ގޮތްތަކެއް ކަނޑައެޅުން ކަމަށެވެ. އެހެންވީމަ އެފަދަ އުސޫލުތަކެއް ދައުލަތަށް ކަނޑައެޅިދާނެ ކަމަށެވެ.

"ދައުލަތެއްގެ މައްޗަށް އޮންނާނެ އެންމެ އިސް ވާޖިބަކީ އެ ދިރިއުޅޭ ރައްޔިތެއް، އެ ދައުލަތެއްގެ ރުކުނަކީ ރައްޔިތުން، ދައުލަތެއް ރައްޔިތަކާ ނުލާ ފުރިހަމައެއް ނުވޭ، އެހެންވީމަ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުދެވޭނެ ދައުލަތަކީ އެއީ ދައުލަތެއް ނޫން،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ފްލެޓް ދިން ގޮތުގެ ޝަކުވާތައް ބޮޑު ކަމަށާއި އޭގައި ނާއިންސާފުން ކަންކަން ކޮށްފައިވާ ކަމުގެ ޝަކުވާ ރައްޔިތުން ކުރާ ކަމަށެވެ. ރައްޔިތުންގެ ޝަކުވާއަކީ ހަމަހަމަ އުސޫލުން ފްލެޓްތައް ލިބޭނެ އުސޫލެއް ނެތުން ކަމަށް އަލްހާން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ މިއަދު އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހައިސިއްޔަތުން ގާނޫނު ހަދައިގެން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި އެމްޑީޕީއިން ވިދާޅުވުމާއި އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވުމަކީ ހަގީގީ ވާހަކައެއް ނޫން، އެކަމަށް ހައްލު ހޯދާ ކަމަށްވާނަމަ ދައުލަތުން އެބަ ޖެހޭ ބުރަ މަސައްކަތެއް ކުރަން،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވި ގޮތުގައި މާލޭއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެހާ ބޮޑުވެގެން ދިޔައީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު ވެރިކަމުގައި އަންނަ ޖީލްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ގޮތެއް ވިސްނަވާފައި ނެތުމުންނެވެ. އެ ހަގީގަތް އޭނާ ހާމަ ކުރައްވާތީ ސިޔާސީ ލީޑަރުން ނުރުހުންވާ ކަމަށާއި ނަމަވެސް އަބަދުވެސް ވާހަކަ ދައްކަވާނީ ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވައިގެން އުޅުއްވަނީ އެ މަގާމުން ލިބޭ މުސާރައިން ދިރިއުޅޭކަށް ނޫން ކަމަށާއި އަމިއްލައަށް ދިރިއުޅެވޭވަރުގެ އާމްދަނީއެއް މިހާރު ވެސް ލިބޭ ކަމަށް އަލްހާން ވިދާޅުވި އެވެ. އޭނާ މަޖިލީހުގެ ގޮނޑިއެއް ބޭނުން ވަނީ އޭނާ ގަބޫލުކުރާ ހަމަތައް ސިޔާސީ މައިދާނަށް ގެންނަން ކަމަށެވެ.