ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެނޑިޑޭޓުންނަށް ޖުމްހޫރީ ޕާޓީން ތާއީދު ކުރަން ނިންމެވި ނިންމެވުމަށް އެ ޕާޓީގެ މިނިސްޓަރުން ފާޑު ވިދާޅުވަނީ ސިޔާސީ ގޮތުން އެ ބޭފުޅުން ތަސައްރަފު ނުފުދޭތީ ކަމަށް ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާ ޖޭޕީގެ ކެނޑިޑޭޓު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ ޖޭޕީގެ ފަރާތުން ޔާމީނަށް ތާއީދު ކުރައްވާ މުޅިން އެ ފަޅިއަށް މަސައްކަތް ކުރަން ފައްޓަވާފައި ނުވާނެ ކަމަށެވެ. ނަމަވެސް ހެދިފައިވާ އެއްބަސްވުމާ އެމްޑީޕީ އިން ހިލާފުވުމުން، މަޖިލީހުގައި ގިނަ ގޮނޑި ހޯދޭނެ މަގަކަށް މަސައްކަތް ކުރަން އެ ޕާޓީން ފެށީ ކަމަށެވެ.
އެގޮތުން ޖޭޕީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ މަޝްވަރާގެ މަތިން ޕާޓީން ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަން ނިންމެވުމުން އެ ޕާޓީގެ މިނިސްޓަރުން އެކަމަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަނީ ތަސައްރަފު ނުފުދޭތީ ކަމަށާއި އެގޮތަށް ވާހަކަ ނުދެއްކެވޭނެ ކަމަށް އަލްހާން ވިދާޅުވި އެވެ.
"ޕާޓީގެ ލީޑަރުގެ މަޝްވަރާގެ މަތިން ޕީޕީއެމް އިން އަޅުގަނޑުމެންގެ ގޮނޑިތަކަށް ތާއީދު ކުރާތީ އަޅުގަނޑުމެން ވެސް ޕީޕީއެމްގެ ގޮނޑިތަކަށް ތާއީދު ކުރަން ނިންމީމަ ދެން އެ ވާހަކަ އެގޮތަށް ތާއީދު ނުކުރާނަމޭ ވިދާޅުވެ އަޅުގަނޑުމެންގެ ޕާޓީގައި ތިއްބަވާ ވަޒީރަކު ކަމަށް ވިޔަސް އަލީ ވަހީދު ކަމަށް ވިޔަސް ޓްރާންސްޕޯޓު މިނިސްޓަރު އައިޝާ ކަމަށް ވިޔަސް އެއްވެސް ބޭފުޅަކު އެ ވާހަކަދައްކަވަނީ ސިޔާސީ ގޮތުން އެ ވަރަށް ތަސައްރަފު ފުދިވަޑައި ނުގަންނަވާތީ. އެނގިވަޑައި ނުގަންނަވަނީ ޕީޕީއެމްއަށް އަޅުގަނޑުމެން ތާއީދު މި ކުރަނީ ޕީޕީއެމްގެ މެންބަރުންގެ ތާއީދު ހޯދަންކަން،" އަލްހާން ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ ގާސިމް އަދިވެސް ހުންނެވީ ކޯލިޝަންގެ ތެރޭގައި ކަމަށާއި "ދެކޮޅަށް ދެ ފައިލައިގެން" ނޫން ކަމަށެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީނާމެދު އިންސާފުވެރިކޮށް ސަރުކާރުން އަމަލު ކުރަން އެމަނިކުފާނު އެދި ވަޑައިގަންނަވާ ކަމަށެވެ.