ވިޔަފާރި

އެސްޓީއޯގެ އިސް ދެ ބޭފުޅަކު ވަޒީފާއިން ވަކިކޮށްފި

Feb 20, 2019
16

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯގައި ގިނަ ދުވަހު މަސައްކަތް ކުރައްވައި އަދި އިސް މެނޭޖްމަންޓްގެ މަގާމުތައް ފުރުއްވަމުން ގެންދެވި ދެ ބޭފުޅަކު މިއަދު އެ ކުންފުނިން ވަކިކޮށްފި އެވެ.

"އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އެސްޓީއޯއިން މިއަދު ވަކިކޮށްފައި ވަނީ، އެނާޖީ އެންޑް ސްޓޭޕުލް ފުޑްސް ސެކްޝަންގެ ޖެނެރަލް މެނޭޖަރު ރަމްޒީ އަބޫބަކުރާއި ޕްރޮކިއުމަންޓް ސެކްޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު އެވެ.

މާކެޓިންގެ ދާއިރާއިން އިނގިރޭސިވިލާތުން ބެޗްލާޒް ޑިގްރީ ހާސިލް ކުރައްވާފައިވާ ރަމްޒީ ވަނީ އެސްޓީއޯގައި 12 އަހަރު ހިދުމަތް ކުރައްވައި އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ ހެޑްކަން ކުރައްވައިފަ އެވެ. މީގެ އިތުރުން، ރަމްޒީ ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެފްއެސްއެމް އާއި މިފްކޯގެ ބޯޑް މެންބަރުކަން ކުރައްވައިފަ އެވެ.

އިނގިރޭސިވިލާތުން ޓެކްނޮލޮޖީ މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާޒް ހާސިލް ކުރައްވާފައިވާ ޝުޖާއު ވަނީ އެސްޓީއޯގައި 21 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، ރަމްޒީ އާއި ޝުޖާއު މަގާމުން ވަކިކުރީ އެސްޓީއޯގެ އާ މެނޭޖްމަންޓުން ކުންފުނި ރީސްޓްރަކްޗާ ކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ކަމަށެވެ. އެގޮތުން ހަރަދު ކުޑަކުރުމަށް ތަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތައް ގެންނަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދު ވަނީ މިފްކޯއަށް އާ ޑެޕިއުޓީ ސީއީއޯއެއް ވެސް ހަމަޖައްސައިފަ އެވެ. އެގޮތުން މިފްކޯގެ ޑެޕިއުޓީ ސީއީއޯ އަކަށް ހަމަޖެއްސީ އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރަކަށް ހުންނެވި ފާތިމަތު އާޝާން އެވެ.