އާ ސްޓައިލާއި އާ ޓްރެންޑްތަކަކަށް ބަލައިގެން އެގޮތަށް ހެދުން އެޅުމަށް ލޯބި ކުރާނަމަ މި ސްޓައިލްތައް ހަމަ ޔަގީނުންވެސް ކަމުދާނެ އެވެ. ޒުވާން ފުރައިގެ ކުދިން އެއް ފިހާރައަށް ވަދެ އަނެއް ފިހާރައަށް ވަދެ އަތްފުނާއަޅަންވީ މި ސްޓައިލްތައް ހޯދައި ގުޅުވައިލުމަށެވެ.
ވީދައިގެން ގޮސްފައި ހުންނަ ސްޓައިލްގެ ޖީންސް
ލިވައިސް ޖީންސް 1871 ގައި ވުޖޫދަށް އައީއްސުރެ ހާއްސަ އެއްސްޓައިލަކަށް ހުންނަ ޖީންސަކީ އަބަދުވެސް ޓްރެންޑެވެ. އެއް ޒަމާނެއްގައި ވީދައިގެން ގޮސްފައު ހުންނަ ޖީންސާމެދު ދިވެހި މުޖުތަމައު ދެކޭގޮތް ތަފާތުވިޔަސް މިހާރު އެގޮތަށް ވީދިފައި ހުންނަ ޖީންސް އެއީ ރާއްޖޭގައި ވެސް ގަބޫލު ކުރާ ފެޝަން ސްޓޭޓްމަންޓެކެވެ.
އާއްމުކޮށް ކުރިން ޖީންސް ވީދިފައި ހުންނަތަން ފެންނަނީ ފައިކުރިން ކަމުގައިވިޔަސް މިހާރު ޖީންސް ކަމުދަނީ ކަކުލުން ނޫނީ ފައިގެ ފަލަ މަސްގަނޑުން ވީދާލާފައި ހުންނަނަމަ އެވެ.
ހައިވެސްޓްކޮށް މަޑު ނޫކުލައިން ހުންނަ ޖީންސް ވަރަށް ގިނަބަޔަކަށް ކަމުދެއެވެ. މިކަހަލަ ޖީންސަކީ އެންމެ ފުރިހަމަ ކެޝުއަލް ލުކެވެ. ސެލެބްރީޓީންގެ މެދުގައި ވެސް މި ލުކް ވަރަށް މަގުބޫލެވެ. މި ފަދަ ޖީންސް އާއި ކެންވާސް ބޫޓަކަށް އަރާލުމުން އިތުރަށް ފުރިހަމަ ވެގެން ދެއެވެ.
އޯފް ޝޯލްޑާ ޓޮޕެއް ލަމާ!
ނުވަދިހައިގެ ކުރީކޮޅު ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުކަން ހޯދާފައިވާ ރަބަރު ލެއްވި މަތިތައް އަނެއްކާވެސް ޓްރެންޑްވާން ފަށައިފި އެވެ. ނަމަވެސް މިފަހަރު މިގޮތަށް ހުންނަ ޓޮޕްތައް މި އައީ ކުޑަ ބަދަލަކާއި އެކުއެވެ. ރަބަރުލައްވާފައި އަތް ދިގުކޮށް ހުންނަ މި ވައްތަރު މަތިތައް މިހާރު ހިނގަނީ ކްރޮޕް ޓޮޕް ސްޓައިލަށެވެ. ކޮންމެ އިރަކަށްވެސް މި ސްޓައިލް ވަރަށް ސަޅިއެވެ.
ޓެޒެލް ނުވަތަ ފަށުއި ކަންފަތުލާ މުދި އަދި މާސަޅި
ސާދާކޮށް އާދައިގެ ގޮތަކަށް ހެނދުން އަޅާނަމަ ގަހަނާ މިއީ އަޅާ ހެދުން ފުރިހަމަކޮށްދޭ ބައިވެރިޔާ އެވެ. ހާއްސަކޮށް ޓެޒަލް ކަންފަތުލާ އެއްޗެއްސެވެ. މިދިއަ އަހަރުގެ ހިޓަކަށް ވެގެން އައީ ގަދަ ކުލަކުލައިގެ ފަށުއީގެ ކަންފަތުލާ މުންޖެވެ. މި ފާޑުގެ ކަންފަތުލާ މުދިތައް އިސްތަށިގަނޑުގެ ސްޓައިލް ކޮންމެ ގޮތަކަށް ބެހެއްޓިޔަސް ހަމަ ގުޅެއެވެ.
މި ވައްތަރުގެ ކަންފަތުލާ އެއްޗިހީގެ ދެ ގޮތެއް ހުރެއެވެ. އެއީ ކަންފަތުލާ ބޮޅެއްގައި ހުޅުވާ ފަންކާއެއްހެން އަމުނާ ލާފައި އޮންނަ ސްޓައިލްކާއި އެލުވާލާފައިވާ ދިގުކޮށް ހުންނަ ސްޓައިލެކެވެ.
ބުރުގާ އަޅާނަމަ ބުރުގާ އަޅާފައިވެސް މީގެ ކަންފަތުލާ އެއްޗެއް ލެއްވިދާނެ އެވެ. ޓެޒެލް ކަންފަތުލާ އެއްޗެހި ހުންނަނީ ވަރަށް ގަދަ ކުލަކުލައިގައި ކަމުން ބޮޑަށް ގުޅެނީ ސިމްޕަލްކޮށް ހުންނަ ހެދުމާއެވެ. މިއިން ވަރަށް ކޮންފިޑެންޑް ލުކެއް ވެސް ގެނެސް ދެ އެވެ. މި ގޮތަށް ހުންނަ ކަންފަތުލާ އެއްޗެހި އެންމެ ސަޅީ ބޮޑަށް ރޭގަނޑު ނަލަ ހެދިގެން ބޭރަށް ދާއިރު އެވެ. ގޮނޑުދޮށުގައި ފޮޓޯއެއް ނަގާލަންވެސް ހަމަ މި ވަރެއް ނެތެވެ.
ޓޯޓް ބޭގްސްތައް
އާދައިގެ ކޮތަޅެއްހެން ހީވި ނަމަވެސް ކޮނޑުގައި އަޅުވައިލެވޭ ގޮތަށް ފޮތިން ހަދާފައި ހުންނަ މި ފާޑު ދަބަސް މިހާރު އަޅަނީ ނުވަތަ ބޭނުން ކުރަނީ ހަމައެކަނި އަންހެނުންނެއް ނޫނެވެ. ފިރިހެންނުންނަށް ވެސް މި ސްޓައިލްގެ ދަބަސް ކަމުދެ އެވެ. މީގެ ދިވެހި ބްރޭންޑްތަކެއް ވެސް އެބަހުއްޓެވެ. މި ފަދަ ދަބަސްތަކަކީ ފެޝަންވުމުގެ އިތުރުން ތިމާވެށްޓަށް ވެސް ރައްޓެހި އެއްޗެއްކަމުން މި ދަބަސް ހިޔާރު ކުރުން ރަނގަޅެވެ.
ހުދުކުލައިގެ ކެންވާސް ބޫޓް
އެއް ޒަމާނެއްގައި ކަޅު ފައިވާން ނޫން އެއްޗަކަށް އަރަން ކަމުނުދިޔަސް މިހާރު ޒުވާން ކުދިންގެ ތެރޭގައި މަގުބޫލީ އެއްކޮށް ހުދުކޮށް ހުންނަ ކެންވާސް ބޫޓެވެ.
ހިރަފުހުގެ އެންމެ އެތިކޮޅެއް ވެސް ނެތް މީގެ ބޫޓަކަށް އަރާލާފައި ހުންނަ އިރު ފެޝަންގެ އިތުރުން މީހާގެ ހީވާގި ކަމާއި މެދުވެސް ކޮންމެވެސް ޕޮޒިޓިވް އެއްޗެއް ވެސް ބުނެދޭނެ އެވެ.