ޗެމްޕިއަންސް ލީގް

އެހެން ޓީމުތަކަށްވުރެ އެތުލެޓިކޯ އުނދަގޫ: އެލެގްރީ

އެތުލެޓީކޯ މެޑްރިޑާ ދެކޮޅަށް ނުކުންނަ ޓީމުތަކުގެ ކުޅުމުގެ ފެންވަރު ދަށްކޮށްލަން، އެތުލެޓިކޯ މެޑްރިޑް މާމޮޅު ކަމަށް، ރޭ އެތުލެޓިކޯ އަތުން 2-0 ން ބަލިވި ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުގައި، އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ، ދެ ވަނަ ހާފުގަ އެވެ. އެ ދެ ލަނޑު ޖެހީ، އުރުގުއޭގެ ދެ ޑިފެންޑަރުން ކަމަށްވާ، ހޯޒޭ ހިމެނޭޒް އާއި ޑިއޭގޯ ގޯޑިން އެވެ.

އެލެގްރީ ބުނީ އެތުލެޓިކޯއަށް ދެކޮޅަށް ކުޅޭއިރު އެއީ ކޮން ޓީމެއްކަން ދެނެގެން ކުޅެންޖެހޭ ކަމަށާއި، ދެ ވަނަ ހާފުގައި ޔުވެންޓަސްއަށް މާ ރަނގަޅަށް ނުކުޅުނު ކަމަށެވެ.

"އެތުލެޓީކޯއާ ދެކޮޅަށް ނިކުންނަ ޓީމުތަކުގެ ފެންވަރު ދަށްކޮށްލަން އެޓީމުން ވަރަށް މޮޅު، އެގޮތަށް އެ ޓީމު ކުޅޭތާ އަށް އަހަރު ވެއްޖެ،" މެޗަށް ފަހު ވާހަކަ ދައްކަމުން އެލެގްރީ ބުންޏެވެ. "އެތުލެޓިކޯއާ ދެކޮޅަށް ކުޅެންޏާ ކެތްތެރިކަމާއެކު ކުޅެން ޖެހޭނީ، އެހެން ހުރިހާ ޓީމަކަށްވުރެ އެތުލެޓިކޯ ތަފާތު، އެ ޓީމާ ދެކޮޅަށް ކުޅެންޏާ މާ ބޮޑު ފުރުސަތެއް ނުލިބޭނެ، ލިބޭ ހަނި ފުރުސަތުގެ ބޭނުން ކުރަން ޖެހޭނީ."

"އެމީހުންނަށް އެނގޭ އިދިކޮޅު ޓީމުގެ ފެންވަރު ދަށްކޮލައިގެން ކުޅޭނެ ގޮތް، އަދި ގޭމްގެ ޓެމްޕޯ ލަސްކޮށްލައިގެން ކުޅޭނީ." ޓޫރިން [ޔުވެންޓަސް] ގައި ކުޅޭއިރު އަހަރެމެން ކުޅޭނީ ވަރަށް އަވަސް ގޭމެއް."

ރޭ، ޝާލެކޭ އާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ސިޓީ ކާމކިޔާބު ކުރީ، 3-2 ންނެވެ. ސިޓީ މޮޅުވީ މެޗުގެ އެންމެ ފަހު ފަސް މިނެޓްގައި ކާމިޔާބު ކުރި ދެ ލަނޑުންނެވެ. ފުރަތަމަ ލީޑް ނެގީ ސިޓީންނެވެ. އެ ޓީމުގެ ލަނޑު 18 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ސާޖިއޯ ކުން އަގުއޭރޯ އެވެ.

ފުރަތަމަ ހާފުގައި، ޝާލްކޭއިން ލީޑެއް ނެގީ، އެ ޓީމަށް ލިބުނު ދެ ޕެނަލްޓީންނެވެ. އެ ދެ ޕެނަލްޓީ ކާމިޔާބު ކުރީ، ނަބީލް ބިން ތޯލިބް އެވެ. ސިޓީ މޮޅުކޮށްދިން ދެ ލަނޑު ކާމިޔާބު ކުރީ، ލިރޮއީ ސަނޭ އާއި ރަހީމް ސްޓާލިންއެވެ.