މަސްވެރިޔާ ކިރުވާ މަހަށް މިހާރު ފައިސާ ލިބެނީ ދެވަނަ ދުވަހަކު އެ ބަނދަރަށް ގޮސްގެންނެވެ. ނޫނީ މަސް ކިރުވި ކުންފުނީގެ އޮފީހަށް ދެވިގެނެވެ. ބަނދަރަށް ދިއުމުން ޕްލާސްޓިކް ކޮތަޅަކަށް އަޅާފައި މަސް ކިރުވި ފައިސާ ލިބޭނެ އެވެ. ޒަމާނުއްސުރެ ފެށިގެން މިކަން އޮތީ މިގޮތަށެވެ.
މި ނިޒާމުގެ އަނެއް ބުރަ އޮތީ މަސް ގަންނަ ކުންފުންޏަށެވެ. މަސްވެރި ކުންފުނިތަކަށެވެ. ކޮންމެ ދުވަހަކު އެތައް މިލިއަން ރުފިޔާއެއްގެ ނަގުދު ފައިސާ، އެއް ބޯޓުން އަނެއް ބޯޓަށް، އެއް ބަނދަރުން އަނެއް ބަނދަރަށް ބަދަލު ކުރަން ޖެހުމަކީ ރައްކާތެރިކަމެއް ނޫނެވެ. މިކަމަށް ހައްލެއް ހޯދަން އަބަދުވެސް ވާހަކަ ދައްކަ އެވެ. އެކަމަކު މިއަށް ހައްލެއް ފެނިފައެއް ނުވެ އެވެ. ނަމަވެސް ގައުމީ ބޭންކުން ތައާރަފުކުރި "މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓް" ވެގެން ދަނީ މި ދަތިތަކަށް ލިބޭނެ ފަސޭހަ ހައްލަ ތަކަށެވެ.
"މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓް" ގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މި ފަސޭހަ ހޯދާނީ ކިހިނެއް ހެއްޔެވެ؟
މަސްވެރިން ފައިސާ ގެންގުޅުން އާ ޒަމާނަކަށް ގެންގޮސްދޭނެ މި ފަސޭހާ ނިޒާމުގައި ފުރަތަމަ ޖެހެނީ މަސް ގަންނަ ފަރާތް ނުވަތަ ކުންފުނިތަކާއި އޮޑިވެރިޔާ ނުވަތަ ކެޔޮޅު ރަޖިސްޓްރީވާށެވެ. އެ ޚިދުމަތަށް ރަޖިސްޓްރީ ވުމުގައި ގައުމީ ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އަލަށް ތައާރަފު ކުރި މި ނިޒާމުގައި މަސްވެރިން އެންމެ ގިނަ ހުވަދު އަތޮޅުގެ އޮޑި ފަހަރު ވަނީ ރަޖިސްޓްރީ ވާން ފަށާފަ އެވެ.
މި ހިދުމަތް ހޯދަން ރަޖިސްޓްރީ ކުރާ އެކައުންޓަކީ މިހާރު މަސްވެރިން ބޭނުންކުރާ އެކައުންޓާ ވަކިން މަސައްކަތް ކުރާ އެއްޗެކެވެ. އެހެންވުމުން ލިބޭނެ ރައްކާތެރި ކަމަކީ މަސްވެރިޔާ ލޯނެއް ނަގާފައި އޮތް ނަމަވެސް، އެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން އެ ފައިސާއަކުން ލޯނަކަށް ނުކެނޑޭނެ އެވެ.
މި ނިޒާމުގައި "ޑިޖިޓަލް ވޮލެޓް" ނުވަތަ އޮންލައިން ޕޯޓަލްއެއް ހިމެނެ އެވެ. އެހެން އޮތުމުން މި ނިޒާމު ބޭނުންކޮށްގެން މޮބައިލް ޕޭގެ ހިދުމަތް ވެސް ހޯދޭނެ އެވެ.
އާ ޒަމާނުގެ ގިނަ މަސްވެރިންނަކީ ޒުވާނުންނެވެ. އާއްމު މީހާއަށްވުރެ މޮޅު ފޯނު މަސްވެރިޔާ ގެންގުޅެ އެވެ. އެހެންވުމުން ފޯނު މެދުވެރިކޮށް ހާއްސަ އޮންލައިން ޕޯޓަލްއަކަށް ވަދެގެން މަސްވެރިޔާގެ އެކައުންޓުގައި ހުރި ފައިސާގެ ބެލެންސް ބަަލައިލެވޭނެ އެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި ކާޑަކީ މަސްވެރިންނާއި ގުޅިފައިވާ އެކައުންޓްގެ ކާޑެކެވެ. އެއީ މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބިގެންދާނެ ވަސީލަތަކަށްވާނެ އެވެ.
"އޮޑިވެރިޔާ އަށް ފައިސާ ލިބުމުން ބީއެމްއެލް 'މޯބައިލް ޕޭ' މެދުވެރިކޮށް ފަސޭހަ ކަމާއެކު ފަޅުވެރިންނަށް ލިބެން ޖެހޭ ފައިސާ ވަގުތުން ބަހާލެވޭނެ. ހަމަ ނަގުދު ފައިސާ ވެސް ވަގުތުން ބަހާލެވޭ ގޮތަށް ކަނޑުމަތީގައި ތިބެގެން އެ ބޭފުޅެއްގެ ފައިސާ ލިބިގެން ދާނެ،" ޝަރީފު ވިދާޅުވި އެވެ.
ކާޑުން މަސްވެރިޔާއަށް ބޮޑު ފަސޭހައެއް!
މިހާރު ވެސް ގިނަ މީހުންގެ އަތުގައި ކޭޝް ކާޑު އޮންނާނެ އެވެ. ނުވަތަ ކާޑެއް އޮންނާނެ އެވެ. މަސްވެރިންނަށް ދޫކުރި "މަސްވެރިޔާ ކާޑު" ގެ ބޭނުމަކީ ވެސް މިއެވެ. މި ކާޑު މެދުވެރިކޮށް ޕީއޯއެސް މެދުވެރިކޮށް ކޭޝް ކާޑުން އެއްޗިހި ގަނެވޭނެ އެވެ. އަދި އޭޓީއެމްތަކާއި އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ އެވެ. މިކާޑުން އޮންލައިން ވިޔަފާރިތަކަށް ފައިސާ ދެއްކޭއިރު، އޮޑިއަށް ތެލާއި އައިސް އަދި އެހެނިގެން ތަކެތި ގަތުމަށް ފަހު ޕީއޯއެސް މެދުވެރިކޮށް ފައިސާ ދައްކާ ލެވޭނެ އެވެ. އަދި މިކާޑުގެ އަނެއް ފަސޭހައަކީ މިއީ "ރީޗާޖު" ކޮށްލެވޭނެ އެއްޗަކަށް ވުމެވެ. އަދި މިއީ ރާއްޖޭން ބޭރުގައި ވެސް ފަސޭހަކަމާއެކު ބޭނުން ކޮށްލެވޭނެ ކާޑެކެވެ. މަސްވެރިޔާ ރާއްޖޭން ބޭރަށް ގޮސް ޕީއޯއެސް އާއި ކޭޝް ކާޑުން ފައިސާ ދައްކާލެވޭނެ އެވެ.
ދެން އޮތީ މަސްވެރިންނަށް ވަރަށް އުފާވެރި ހަބަރެކެވެ. ބޭންކުން ލުއި ލޯނެއް ނުވަތަ އެހެން ބާވަތެއްގެ ލޯނެއް ނަގާނަމަ މުސާރަ ޖަމާވާ މިންވަރަށް ބަލަ އެވެ. އެކައުންޓް ރޯލް ކުރާ ވަރަށް ބަލަ އެވެ. މި ހިދުމަތް ހޯދާ މަސްވެރިޔާ އަށް ކާޑު މެދުވެރިކޮށް ލިބޭ އާމްދަނީ އަށް ބަލައި ފަސޭހަ ކަމާއެކު ލޯނު ލިބިގެންދާނެ އެވެ.
ޒަމާނުއްސުރެ މަސްވެރިންގެ އަތަށް ފައިސާކޮޅު އަރަން އޮތީ ދަތި މަގެކެވެ. ނަމަވެސް ބީއެމްއެލްގެ އާ ހިދުމަތާއެކު މަސްވެރިން މިއޮތީ އާ ޒަމާނަށް ދަތުރުކޮށްފަ އެވެ.