ވާހަކަ

އީޝަލް

(19 ފެބްރުއަރީ 2019 އާ ގުޅޭ)

ބޭރީތު ވެސް އޭނާގެ މަޤާމުން ފައިބައި ސަމިއާނާއަށް އަތްތިލަ ދިއްކޮށްލީ ހިނިތުންވެލައިގެން ހުރެއެވެ. އެ އަތުގައި ސަމިއާނާ ހިފައި ބޭރީތާ ގާތްވެލައި ކަރާއިކަރުޖައްސައި ސަލާމްކުރިއެވެ. އަދި ދުރަށް ޖެހިލި ވަގުތު މަޢުނަވީ ބެލުމަކުން ރައުލްއަށް ބަލާލިއެވެ.

ރައުލްގެ ނަޒަރު ތިރިކޮށްލެވިފައިވާތަން ފެނުނީތީ އިތުރަށް ރައުލްއާ މެދު ސަމިއާނާ ޝައުގުވެރިވިއެވެ. ބޭރީތުގެ އަތުގައި ހިފައިލައިގެން ހުރެ އޭނާއާއެކު ސަމިއާނާ އައެވެ. ބޭރީތު އިސްވެ ހުރެ އޭނާގެ ޢާއިލާގެ މުހިންމު މެންބަރުންނާއި ސަމިއާނާ ބައްދަލުކޮށްދިނުމަށް ތައްޔާރުވެލިއެވެ. ނަމަވެސް އޭގެ ކުރީން ދަތުރުމަތީ އެއްވެސް ދަތިކަމެއް ކުރިމަތިވިތޯ އޭނާ އެއްސެވެ. ފުރިހަމަ އިއްޒަތުގައި ސަމިއާނާ އެ ގަނޑުވަރަށް ގެނައުމަށް ބޭރީތު ނުހަނު މުހިންމުކަމެއް ދިނެވެ.

"ސަމިއާނާ... މީ އަހަރެންގެ ރައުލް، އަހަރެން އަޖައިބުވި އޭނާގެ ނަން ބުނުމުން ސަމިއާނައަށް އެނގުނީމަ" ބޭރީތު ހިނިއައިސްފައި ހުރެ ބުންޏެވެ. ފުރަތަމަ ފަހަރަށް ރައުލްގެ ނަޒަރު ސަމިއާނާއަށް ހުއްޓުނީ ދެނެވެ. އޭނާ ބަލާލުމާއެކު ސަމިއާނާއާ ކުރި ސަލާމެއްގެ ގޮތުން ބޯޖަހާލިއެވެ. އެހިނދު ސަމިއާނާ އަތްދިއްކޮށްލީއެވެ. އެއަތުގައި ހިފަން ބޭނުންނުވެ ހުއްޓާ ބޭރީތު ގޮވާލި އަޑު އިވުނެވެ. މަޖުބޫރުވެފައި ހުރި ފަދަ ގޮތަކަށް ސަމިއާނާގެ އަތުގައި ރައުލް ހިފިއެވެ. އެއާއެކު ނުވިސްނާހުރި ރައުލްއާ ގާތަށް ސަމިއާނާ ޖެހިލައި ކަރާއިކަރުޖައްސާ ސަލާމްކުރާ އުސޫލުން ހަރަކާތްކޮށްލިއެވެ. ސިހުން ލިބުނެއްކަމަކު އެންމެންގެ ކުރިމަތީ ސަމިއާނާ ދުރަށްލާކަށް ރައުލްއަކަށް ނުކެރުނެވެ. އަނެއްކޮޅުން ރައުލް ސަލާމަށް ދިއްކޮށްލި އަތުން ސަމިއާނާ ދުލެއް ވެސް ނުކުރިއެވެ. އެ ހާސްކަމުގައި ހުއްޓާ ރައުލްގެ ކަރުދޮށުން ތެތްކަމެއް އިޙްސާސް ކުރެވުނެވެ. ސަމިއާނާގެ ހިމަ ދޫ ނެރިލައި ރައުލްގެ ކަރުދޮށުގައި ހާކާލީއެވެ. އޭނާގެ ދޫ ހިމަވެފައި ދިގެވެ. ދުލުގެ ކޮޅުއޮތީ ދެކަފިވެފައެވެ. ކެތްނުކުރެވިގެން ސަމިއާނާގެ އަތުން އަތްދަމައިގަތުމާއެކު އޭނާގެ ދެކޮނޑުގައި ރައުލް ހިފައި ބާރުކޮށްލިއެވެ. އެހިނދު ސަމިއާނާގެ ފުށުން ލުއި ހީނލުމެއްގެ އަޑު އިވިގެންދިޔައެވެ. ބޭރީތާއި ދެންތިބި މީހުންނަށް ނޭނގޭނޭހެން ރައުލްއާ ދުރަށް އޭނާ ސަމިއާނާ ޖައްސާލިއެވެ. އަދި އެއްފިޔަވަޅު ފަހަތަށް ރައުލް އަޅާލުމާއެކު އޭނާ އަޅާފައި ހުރި ހެދުމުގެ އަތްކުރިން ކަރުދޮށް ފުހެލިއެވެ. އެ މަންޒަރު ފެނި ގާތުގައި ހުރި ޒަގަން ހިނިގަނޑެއް ޖަހާލިއެވެ. އަދި އޭނާ އަމިއްލައަށް އިސްވެ ސަމިއާނާއަށް އަތްދިއްކޮށްލިއެވެ.

"ބައްދަލުކުރާހިތުން އިންތިޒާރުގައި ހުންނަތާ ވަރަށް އިރުވެއްޖެ... މަރުޚަބާ" ސަމިއާނާގެ އަތަށް ދަމާލައި ޒަގަންގެ ގާތަށް ގެނައެވެ. އަދި ސަމިއާނާގެ އުނަގަނޑުގައި އެއްއަތުން ހިފާލައިގެން ހުރެ ކަރާއިކަރުޖައްސާ ސަލާމްކުރިއެވެ. ސަމިއާނާ ޖަހާލީ ބާރު ހިނިގަނޑެކެވެ. ޒަގަންގެ ޢަމަލުތަކާމެދު އެއްޗެއް ހީކުރަން ސަމިއާނާ ބޭނުންނުވީއެވެ. ޢާއިލާގެ ފަހަރަކު މީހަކު ބޭރީތު އައީ ތަޢާރަފުކޮށްދެމުންނެވެ.

ބޭރީތުގެ ގަނޑުވަރު ހުރިގޮތަށް އެއްކަނޑުން އަނެއްކަނޑަށް ގެންދިއުމުގެ ކުޅަދާނަކަން ލިބިފައިވާ ޖިންނީން އޭނާއަށް ތަބާވެފައި ވެއެވެ. ބޮޑު ހިންދުކަނޑުގައި އިންސީންގެ އުނދަގުލެއްނުފޯރާހާ އަޑީގައި އޭނާގެ ގަނޑުވަރުވެއެވެ. ބަހުރުގެ އަސަރު އެ ގަނޑުވަރުގެ އެތެރެއަކަށް ނުކުރެއެވެ. ނަމަވެސް ގަނޑުވަރުގެ ބޭރުގައިވަނީ ބަހުރުލޮނެވެ. އެތައްފާރަވެރިންނެއް އެ ގަނޑުވަރު ހިމާޔަތްކުރުމުގައި އެތެރެއާއި ބޭރުގައި އަބަދުވެސް ތިބެއެވެ. އެ ގަނޑުވަރުވަނީ ކަނޑުގެ އަޑީގައި ހުރި އަލިފާން ފަރުބަދައެއްގެ ކޮޅުގައެވެ. ފަރުބަދައިގެ އަޑީގައި ދިޔާ އަލިފާން ދައުރުކުރި ނަމަވެސް އެ ފަރުބަދަ ހުރީ ގައުވެފައެވެ. އެހެންވެ އަލިފާންތައް އަރާ ގޮވުމުގެ ފުރުޞަތެއް ނެތެވެ.

ގަނޑުވަރުގެ އުތުރު ފަރާތް ސަމިއާނާއަށް ޓަކައި ވަނީ ތައްޔާރުކުރެވިފައެވެ. އެތަނުގައި އަރާމުކުރާނޭ ކޮޓަރިތަކާއި ފެން ދައުރުވާ ވެވެއް ފެންކޮޓަރީގެ ބޭރުގައި ވެއެވެ. އެތަނުގައި ލަވަކިޔާ މަޖާކުރާނޭ ބޮޑުކޮޓަރިއަކާއި ސިއްރު ކޮޓަރިއެއްވެސް ހުރެއެވެ. ހުރިހާކަމެއް އެއްތަނުން ފުރިހަމަވާގޮތަށް ހަދާފައިވާ ތަނެވެ. އެތަނުގައި ހިނގާކަންކަން މައިގަނޑުވަރުގައި އުޅޭ ބަޔަކަށް ނޭނގޭނެއެވެ. ސަމިއާނާގެ ފާރަވެރިން ވެސް ތިބެން ހަމަޖެހިފައި ހުރީ އެބައިގައެވެ. ގަނޑުވަރުގެ އުތުރު ބަޔަށް ދިއުމަށް ޓަކައި ތަފާތު މުރަކައާއި ގަލުން ކުޑަ ދާލަމެއް ހަދާފައި ހުއްޓެވެ. އެބަޔަކީ ބޭރީތުގެ ޚާއްޞަ މެހެމާނުން މަޑުކުރާ ތަނެވެ. އެ ދާލަން ހުރަސްކޮށް ގަނޑުވަރުގެ އުތުރު ބަޔަށް ވަދެވޭނީ ބޭރީތު ހުއްދަދީފައި އޮންނަ ޖިންނީންނަށެވެ.

ބޭރީތުގެ ޢާއިލާގެ މެންބަރުންނާއި ބައްދަލުވުމުގައި ސަމިއާނާ އުޅުންއިރު އޭނާގެ އަރުތެރެ ތެތްމާލުމަށް ބުއިމެއް އެރުވިއެވެ. ނަމަވެސް އޭނާ އެއަށް އިޖާބައެއްނުދިނެވެ. ތަބައްތަށް އަތްމައްޗަށް ލައިގެން އުޅުނު ބާނދީ ސަމިއާނާގެ ގާތުން ބޭރީތު ފޮނުވާލިއެވެ. އަދި ސަމިއާނާ ބޭނުންވާނަމަ އަރާމުކޮށްލައި ތާޒާވެލުމަށް އޭނާ ހުރުމަށް ހަމަޖެހިފައި ހުރި ބަޔަށް ދިއުމުގެ ޚިޔާލު ބޭރީތު ފާޅުކުރިއެވެ. އޭރު ބޭރީތުގެ އެދުމަށް އޭނާގެ ފަހަތުގައި ކަހަލަ ގޮތަކަށް ރައުލް އުޅޭތަން ސަމިއާނާއަށް ވެސް ފާހަގަވެއެވެ. އެހެންވިޔަސް އޭނާއަށް ހައިރާންކަމެއް ލިބިފައިވަނީ ރައުލްގެ ނަޒަރު އެއްފަހަރު ވެސް އޭނާއަށް ހުއްޓޭގޮތް ނުވެގެންނެވެ.

"އަޅުގަނޑަށް މަގުދައްކައިދޭން ރައުލް ހުންނާނެއެއްނު... މި އައީ ވެސް ރައުލް ދުށުމަށް" ބޭރީތުގެ ގާތުގައި ހުރި ރައުލްއަށް ބަލަހައްޓައިގެން ހުރެ ސަމިއާނާ ބުންޏެވެ. އެހިނދު ބޭރީތު ހީނލަމުން ބޯޖަހާލިއެވެ. ރައުލްއާ ދިމާއަށް ބޭރީތު އެނބުރިލައި އޭނާގެ ކޮނޑުގައި ޖަހާލަމުން ކުރިއަށް ގެނައެވެ.

"ސަމިއާނާ ބޭނުންވާގޮތެއް... ރައުލް!... ސަމިއާނާ ގޮވައިގެން ދާންވީނު، ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހުމުން ބަލާ ބާނދީއަކު ފޮނުވާނަން" ބޭރީތު ބުންޏެވެ. އޭނާގެ ކޮންމެ ލަފުޒަކުން ރައުލްއަށް ލިބިގެންދިޔައީ ނުތަނަވަސްކަމެވެ. އެހެންވިޔަސް އަމިއްލަ ހިތަށް ވިސްނައިދިނީ އެއީ އެންމެ ހަތް ދުވަހުގެ ކަމެއްކަމުގައެވެ. އެ ހަތް ދުވަސްތެރޭ އޭނާގެ ހިތް ބަދަލުނުވާކަން ބޭރީތަށް އެނގުމުން އަމިއްލަ ހިތް ބޭނުންވާ ބައިވެރިޔާ ޚިޔާރުކުރުމަށް އިތުރު ހުރައެއްދެން ނޯންނާނޭކަން ރައުލް ޤަބޫލުކުރެއެވެ. އޭނާ ކެތްތެރިވާނީ އެހެންވެއެވެ. އެ ކެތްތެރިކަމުގެ ނަތީޖާ ފޮނިވާނޭކަން އެނގޭތީއެވެ.

ގަނޑުވަރުގެ އުތުރު ބަޔަށް ވަނުމަށް ހުރި ދާލަން ހުރަސްކޮށް އާދެވުނީ ގުއްބެއްހެން މަތި ހަދާފައި ވަށައިގެން ދޮރުކަނޑާފައިވާ ތަނަކަށެވެ. ހީވަނީ އެއީ މަޑުކޮށްލަން ހަދާފައިވާ ތަނެއްހެންނެވެ. ސަމިއާނާ ފިޔަވަޅު މަޑުޖައްސާލިއެވެ. އޭނާއާ އެއްފިޔަވަޅު ފަހަތުގައި ހުންނަން ރައުލް އިސްކަމެއް ދިނެވެ. އެ މީހުންގެ ފަހަތުން ސަމިއާނާގެ ހަށިފާރަވެރިން އައެވެ.

"އަހަރެންގެ ސިފައިން ތިބުމަށް ހަމަޖެހިފައިވާތަނަކީ ކޮބާ؟" ސަމިއާނާ އަހާލިއެވެ. އެއާއެކު ރައުލް ދާންވީ ދިމާއަށް އިޝާރާތްކޮށްލިއެވެ. އަދި މިފަހަރު ސަމިއާނާގެ ކުރީގައި ހުރެ ރައުލް އައެވެ. ޖެހިޖެހިގެން ހުރި ކޮޓަރި ބަރިއަކަށް ރައުލް އިނގިލި ދިއްކޮށްލިއެވެ.

"މިތަނުން ކޮންމެ ކޮޓަރިއެއް ވެސް ޚިޔާރުކުރެވިދާނެ" ރައުލް ބުންޏެވެ.

"ކަލޭމެންނަށް ގޮވާލެވެންދެން މިތަނުގައި މަޑުކުރޭ، އަހަރެން ރައުލްއާއެކު ހުއްޓައި އެއްވެސް އުނދަގުލެއް ނުކުރާތި" ސަމިއާނާގެ އަމުރު އިއްވާލިއެވެ. އެއާއެކު ފައްޗަކަށް އެތުރިތިބެ އަދަބުވެރިކަމާއެކު އެންމެން އެއްފަހަރާ އެ މީހުންގެ އަމީރާއަށް ކުރުނީސްކުރިއެވެ.

"ކޮބާ އަހަރެންގެ ކޮޓަރި" ބުޑުގެ ދެފަރާތުން ދެއަތް ވިއްދާލައި ތުއި ގޮތަކަށް ރައުލްއާ ދިމާއަށް ސަމިއާނާ އެނބުރިލިއެވެ. ރައުލް ބޯޖަހާލުމާއެކު މިފަހަރު ވެސް ދާންވީ ދިމާއަށް އަތުން އިޝާރާތްކޮށްލީއެވެ. އަދި ސަމިއާނާ ހިނގައިގަންނަންވާއިރަށް އޭނާ ހިނގައިގަނެއްޖެއެވެ.

ފަރުދާ ހިއްލާފައި ހުރި ބޮޑުދޮރަކުން ރައުލް އެތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ސަމިއާނާ އާދޭތޯ ދޭތެރެއަކުން ރައުލް ބަލާލަނީ ވަރަށް ނޫންގޮތަކަށެވެ. ސަމިއާނާގެ ނަޒަރުވަނީ ރައުލްގެ ސޫރައަށް ހުއްޓިފައެވެ. އޭނާ ހިނގާ ގޮތާއި ހަރަކާތްތައް ގެންގުޅޭ ގޮތަށް ސަމިއާނާގެ ހުރިހާ ސަމާލުކަމެއް ދެވިފައިވިއެވެ. ރައުލްގެ ފިޔަވަޅު ހުއްޓުމަކަށް އައުމުން ސަމިއާނާ ވެސް މަޑުކޮށްލިއެވެ.

"މީ އަމީރާއަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދު، ކަނާތްފަރާތުގައި އެވަނީ އަމީރާގެ ދާންކޮޅު ހުންނާނޭ ކޮޓަރި، ކުރިމަތިން އެފެންނަނީ ކުޅިވަރުތަކާއި އަމިރާގެ ފޫހިފިލުވައިދޭން އަންނަ ޖިންނީންނާއެކު ވަގުތު ހޭދަކުރުމަށް ޚާއްޞަކޮށްފައި ހުރި މާލަން، އެތަނާ ޖެހިގެން ފަރުދާކުރެވިފައި އެވަނީ ފެންކޮޓަރިއާ ދިމާއަށް ދާން ހުރި ދޮރު، ބާނދީން ގާތު ބުނުމުން އަމީރާ ބޭނުންވާ ގޮތަކަށް އެތާ އޮންނަ ފެންގަނޑު ތައްޔާރުކޮށްދޭނެ، ވައަތްފަރާތުގައި އެވާ ބޮޑުކޮޓަރިއަކީ ހަށިހިމޭންކޮށްލުމަށް މަޑުކޮށްލެވޭނޭހެން ހަދާފައިވާތަނެއް... އިތުރުކަމެއް..." ސަމިއާނާއަށް މުހިންމުވާނޭ ހުރިހާތަނެއް ބުނެދެވުމާއެކު ރައުލް ހިމޭންވީ އިތުރަށް ބުނާނޭ އެއްޗެއް ނެތީމައެވެ. އެ ހުރިހާ ވާހަކައެއް އޭނާ ދެއްކިއިރު ވެސް ސަމިއާނާއާ ހަތަރުކަޅި ހަމައެއްނުކުރެއެވެ. ސަމިއާނާ އެއްޗެކޭ ނުބުނެ އިހަށް މަޑުކޮށްލައިގެން ރައުލްއަށް ބަލަން ހުއްޓެވެ. ނަމަވެސް ރައުލްގެ ފަރާތުން އެއްވެސް އިޝާރާތެއްނުވުމުން އޭނާ ވާހަކަދެއްކިއެވެ.

"ރައުލްއަށް އެނގޭތަ އަހަރެން މިތަނަށް އައީ ކީއްވެކަން؟" ސަމިއާނާ ހިނގައިގަތީ ހަށިހިމޭންކޮށްލަން ހަދާފައިހުރި ބަޔަށް ދާށެވެ. އޭނާ ވާހަކަދެއްކުމުން ރައުލް ވެސް ސަމިއާނާގެ ފަހަތުން އައެވެ. ހިފެހެއްޓިފައި ހުރި ލޮނުގަނޑު ފެންނާނޭހެން ކަނޑާފައިވާ ދޮރުތަކުން ދޮރެއްގެ ކަނީގައި ރައުލް އައިސް ލެނގިލިއެވެ. ސަމިއާނާ އައިސް މަޑުކޮށްލީ އެ ދޮރުގެ އަނެއް ފަރާތުގައެވެ.

"ރައުލް... އެނގޭތަ ކީއްވެކަން؟" ރައުލް އަނގައިން ނުބުނުމުން ދެވަނަ ފަހަރަށް ސަމިއާނާ އެއްސެވެ. އޭނާއަށް ބަލާލަމުން ރައުލް ބޯޖަހާލީއެވެ.

"އަހަރެންނަށް ބަލާލަން ބޭނުންނުވަނީތަ؟ ނޫނީ ރައުލް ލަދުގަންނަނީތަ؟" ސަމިއާނާ އަނެއްކާ ވެސް ސުވާލެއްކުރިއެވެ.

"އެހެނެއްނޫން" ރައުލް މަޑުމަޑުން ބުންޏެވެ.

"އަހަރެންނަށް ރައުލު ފުރަތަމަ ފެނުނު ވަގުތުން ފެށިގެން ވެސް ބައްދަލުވާނޭ އިރަކަށް ވަރަށް އިންތިޒާރުކުރެވުނު، ހިޔެއްނުކުރަން އެހާ އަވަހަށް އަހަރެންގެ ހިތުގެ އެދުން ފުދިދާނޭކަމަށް" ސަމިއާނާ އެހެން ބުނެލިއިރު އޭނާ ހުރީ ހިސާބަކަށް ލަދުންނެވެ.

"ކުރިން ބައްދަލުވިތަ؟" ރައުލްއަށް ލިބިފައިވާ ހައިރާންކަން އޭނާގެ މޫނުން ފާޅުވޭވޭ ހުއްޓެވެ. ސަމިއާނާއަށް އެ އަސަރުތައް ފެނުމުން ރަކި ގޮތަކަށް ހީނލީއެވެ.

"މެދުއިރުމަތިން ދުށީ" ސަމިއާނާ ބުންޏެވެ.

"އެއީ ވަރަށް ކުރު ދަތުރެއް، ރޭގަނޑުގެ އެއްދަން ހޭދަކުރުމަށްފަހު އެނބުރި އައީ... އެ ދަތުރުގައި އެއްވެސް މީހަކާ ބައްދަލެއްނުކުރަން، އަމީރާ އުޅުއްވަނީ މެދުއިރުމަތީގައި ކަމެއް ނޫނީ ޔޫރަޕް ސަރަޙައްދުގައިކަމެއް ނޭނގުނު.... ޔަގީނުން ވެސް މީގެ ކުރިން ބައްދަލުވި ހަނދާނެއްނުވޭ" ރައުލް އެންމެފަހުން މެދުއިރުމައްޗަށް އެރި ދަތުރުގައި ހިނގައިދިޔަ ކަންކަން ހަނދާންކުރަމުން ވާހަކަދެއްކިއެވެ.

ސަމިއާނާ ލައިގެން ހުރި ލިބާހުގެ ބޯނިވާކޮށްފައި އޮތް ބައި ދެއަތުން މަޑުމަޑުން ތިރިކޮށްލިއެވެ. ހިއްލިފައި ހުރި ދިމާއަކީ ސަމިއާނާގެ ދަޅުކަމުގައި ރައުލްއަށް ހީކުރެވުނީ ގޯސްކޮށްކަން އެނގުނީ ދެނެވެ. ކޮނޑާ ހަމައަށް އޮތް ކަޅުފަން އިސްތަށިގަނޑުގެ ތެރެއިން މައްޗަށް ދިގުކޮށް ދިއްވެފައި ހުރީ ސަމިއާނާގެ ދެކަންފަތެވެ. ކަންފަތުގެ ކޮޅުގައި ފިޔާތޮށިކުލަ ގަދަވެފައިވެއެވެ. ދެން ފެނުނީ ނޭފަތާއި އަނގަ ނިވާކޮށްފައިވާ ފޮތިކޮޅު ތިރިކޮށްލީ ތަނެވެ. އޭނާގެ ސިފަ ފާޅުކުރަން ބޭނުންވީ ރައުލްއާއެކު އެކަހެރިވުމުންނެވެ. މޫނު ފޮތިކޮޅު ނެގުމާއެކު ފެނިގެންދިޔައީ ތޫނު ދަތްތަކެއްލާފައިވާ ފުޅާ ބޮޑު އަނގައެކެވެ. ނޭފަތެއްނެތެވެ. ނޭފަތް ހުންނަތަނަށް ހުރީ ހަންގަނޑު ރޫޖެހި ބޮނޑިވެފައި އޮތްހެންނެވެ. އަނގަހުޅުވާލުމުން ސަމިއާނާގެ މުޅި މޫނުގައި ހީވަނީ އަނގަ އޮންނަހެންނެވެ. ދެލޮލުން އިހު ފާޅުވި ހިތްގައިމުކަން ކެނޑި ބިރުވެރި ސިފައެއް ވެރިވެގެންދިޔައެވެ. ނަމަވެސް އެ ސިފައަކީ އެމީހުންނަށް ހުތުރު ސިފައެއްނޫނެވެ.

"ރައުލްގެ ބައްޕައާ އަހަރެންގެ ކާފަ ބައްދަލުވީ އިސްތަންބުލްއިން، އެވަގުތު އަހަރެން ވެސް އެތަނުގައި ހުރީން... އެހެންވެ ކަންނޭނގެ މެދުއިރުމަތިން އަންނަ ވާހަކަ ދެއްކީ، ކައިވެނީގެ މައުޟޫޢު ފެށީ ކާފަ... އެވާހަކައިގައި ރައުލްގެ ބައްޕަ ބައިވެރިވެ ރައުލްގެ ކައިވެނި ރަނގަޅު ކުއްޖަކާ ކުރެވޭނޭ ދުވަހެއް ދުށުމަށް ބޭނުންވާކަން ބުނީ... އަހަރެންގެ ދެބެންގެ ދެދަރި ދައްތައާއި އޭނާގެ ޢާއިލާ އަހަރެމެންނާ ވަކިވެގެން އުޅެނީ އިސްތަންބުލްގައި، ވަރަށް ގިނައިން އަހަރެން އެމީހުންގެ ގާތަށް ގޮސް ހަދަން... އަހަރެންނަށް ރައުލް ފުރަތަމަ ފެނުނީ ރޭގަނޑެއްގައި އިސްތަންބުލްގެ މަގުމަތިން، ބިގަރާއި ދޫލަ ވިއްކާ ބާޒާރުން ރައުލް ނުކުތީ... އެތަނުން ނުކުމެ ފިރިހެން އިންސީންގެ ބައިގަނޑެއްގެ ފަހަތުން ރައުލްމެން ދިޔައީ، އަހަރެން ހުރީ މުށީގެ ކަންވާރުތައް ބަހައްޓާފައި ހުރި ތަނުގައި... ރައުލް ބަލާލާނޭ ކަމަށް ވަރަށް މަޑުކުރިން، އޭރު ނޭނގޭ ތީ ކާކުކަމެއް، އަހަރެންގެ ފާރަވެރިއަކު ފޮނުވައިގެން އެނގުނީ ތީ އެތަނުގެ ވަޒަންވެރިންނެއްނޫންކަން، އޭގެ ފަހުން އަހަރެން މަސައްކަތްކުރީ ރައުލް ހޯދަން... އަހަރެންގެ ނަސީބު ވަރަށް ރަނގަޅު، ރައުލްގެ މަޢުލޫމާތު ލިބި ބައްދަލުކުރަން ބޭނުންވެފައި ހުއްޓައި ކާފައާއި ރައުލްގެ ބައްޕަ ބައްދަލުވީ... އަހަރެން ހަތް ދުވަހު މިކޮޅުގައި މަޑުކުރާއިރު ހުރިހާ ވަގުތެއް ރައުލްއާއެކު ހޭދަކުރަން ބޭނުން، އެކަކުއަނެކަކުގެ ގޮތް އެނގެންވާނެއެއްނު... މީ އަހަރެން ހުންނަ ގޮތް، ރައުލްއަށް ކަމުދޭތަ... އަހަންނަށް ރައުލް ފެނިފައި ހުއްޓެއްކަމަކު ރައުލްއަށް އަހަރެން ފެނުންމީ ފުރަތަމަ ފަހަރެއްނު... ބުނެބަލަ... ކަމުދޭތަ..." ސަމިއާނާގެ ވާހަކައަޑުއަހަން ހުރި ރައުލް ލިބުނީ އިތުރު ނުތަނަވަސްކަމެވެ. އެއްޗެކޭ ނުބުނެވިފައި ހުއްޓާ ސަމިއާނާ ކުރިއަށް ޖެހިލައި ރައުލްގެ ގާތުގައި މަޑުކޮށްލައިފިއެވެ. އަދި އޭނާގެ މޭގައި ސަމިއާނާގެ އަތްތިލަ ޖައްސާލިއެވެ.

(ނުނިމޭ)