ކުޅިވަރު

ޕްރިމިއާ ލީގްގެ ބޮޑު ޓީމެއް ރާއްޖެ ގެންނަނީ

އިނގިރޭސި ޕްރިމިއާ ލީގްގެ ގަދަ ފަސް ޓީމުގެ ތެރެއިން ޓީމެއް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް، ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއީ، ރާއްޖޭގެ ޓްއަރިޒަމް ޕްރަމޯޓް ކުރުމަށާއި، ފަސް އަހަރު ތެރޭ 2.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ކުރުމުގެ ގޮތުން ކުރާ ކެމްޕޭންގެ ތެރެއިން ހިމެނޭ ކަމެކެވެ.

"ޕްރިމިއާ ލީިގްގެ ގަދަ ފަސް ޓީމުގެ ތެރެއިން ޓީމެކޭ ދެންނެވި ނަމަވެސް އަމާޒަކީ ގަދަ ތިނަކުން ޓީމެއް ގެނައުން،" މިނިސްޓަރު އަލީ ވިދާޅުވި އެވެ. "މިއީ ރާއްޖޭގެ ޓްއަރިޒަމަށް ވަރަށް ބޮޑު އިންވިގިރޭޓަކަށް [ބޫސްޓަކަށް] ވެގެންދާނެ."

މިވަގުތު، ޔޫތު ސްޕޯޓްސް މިނިސްޓްރީވެސް، ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އަލީ ވިދާޅުވީ، އެކަން ރަސްމީކޮށް އިއުލާން ކުރާނީ، ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑުންގެ ޓީމަކާ ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗަށް ފަހުގައި ކަމަށެވެ.

ޓްއަރިޒަމް މިނިސްޓްރީން، މަސައްކަތް ކުރަމުން ގެންދަނީ ސެޕްޓެމްބަރު، 27 ގައި ފާހަގަ ކުރާ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތަކާ ގުޅިގެން، އޮކްޓޫބަރުގައި ލެޖެންޑްގެ ޓީމު ރާއްޖެ ގަނައުމަށެވެ.

ސްޕޯޓްސް ޓްއަރިޒަމް ރާއްޖެއަށް ތާރަފުކުރުމަކީ، މިނިސްޓަރު އަލީގެ ވަރަށް ބޮޑު ތަސައްވަރެކެވެ. އަދި ފުޓްބޯޅައިގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މިނިސްޓްރީން ވަނީ ހަރަކާތްތަކެއް ފަށާފަ އެވެ.

މިދިޔަ ހަފުތާގައި، އަރަބި އެމިރޭޓްސްގައި ބޭއްވި، ޔޫރަޕްގެ ޓީމުތައް ވާދަ ކުރި ޔޫތު މުބާރާތުގައި ރާއްޖޭގެ ޓްއަރިޒަމްގެ ތީމް 'ވިޒްޓް މޯލްޑިވްސް' އިސްތިހާރު ކޮށްފައި ވެއެވެ. ޔުވެންޓަސް އާއި ސެލްޓަ ޑެ ވިގޯ ފަދަ ކުލަބުތަކުން ބައިވެރިވި މުބާރާތުގައި، ސްޕެނިޝް ސޮކާ ސްކޫލުގެ ޖޯޒީ 'ވިޒިޓް މޯލްޑިވްސް' އިން ވަނީ ސްޕޮންސާ ކޮށްފަ އެވެ. އެ ފުރުސަތު ރާއްޖެއަށް ހޯދައިދިނީ، މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އައި ރެއާލް މެޑްރިޑްގެ ލެޖެންޑަރީ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އެވެ.

މިނިސްޓަރު ވިދާޅުވީ، މުބާރާތުގެ ފައިނަލު މެޗު ބައްލަވަމުން ގެންދެވިިއިރު، ދަނޑުގެ (އިސްތިހާރު) ބިލްބޯޑްތަކުން ވިޒްޓް މޯލްޑިވްސް އިސްތިހާރު ރޯލް ވަމުންދާތަން ފެނުމުން ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަތް ކަމަށެވެ.

ސެލްޓަޑެވީގޯ އާއި ޔުވެންޓަސް ކުޅުނު އެ މެޗު، ޔުވެންޓަސްގެ ޓީވީން ވަގުތުން ދުރަށް ފޮނުވިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.